މީޑިއާ ބިލު ހުށަހެޅިއިރު ހުރީ ކޮންޓްރޯލް ކުރުމުގެ ސިފަތަކެއް، އެ ސިފަތައް ކަނޑުވާލައިފިން: އަސްވާޑު

މިނިސްޓަރު އަސްވާޑު ނޫސްވެރިންނާ ބައްދަލުކުރަނީ: ވިދާޅުވީ، މީޑިއާ ބިލު ހުށަހެޅިއިރު ހުރީ ކޮންޓްރޯލް ކުރުމުގެ ސިފަތަކެއް ކަމަށާއި އެސިފަތައް މިހާރު ބިލުން ކަނޑުވައިފި ކަމަށް ---- ސަން ފޮޓޯ/ މާނިއު މުހައްމަދު

ރައްޔިތުންގެ މަޖިލީހަށް މީޑިއާ ބިލު ހުށަހެޅިއިރު ކޮންޓްރޯލް ކުރުމުގެ ސިފަތަކެއް ހުރި ނަމަވެސް އެ ސިފަތައް މިހާރު ބިލުން ކަނޑުވައިފިން ކަމަށް އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑް) ރޭ ވިދާޅުވެއްޖެއެވެ.

ސަރުކާރާ ގުޅުން ބޮޑު ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލް ހަންނާން އަބޫބަކުރު ހުށަހެޅުއްވި ބިލު މަޖިލީހުން އިއްޔެ ފާސްކުރީ، މަޖިލިސް ދޮށުގައި ނޫސްވެރިންނާއި އާންމުން އިހުތިޖާޖުކުރަމުން ދަނިކޮށެވެ.

އެ ބިލު ފާސްކުރަން އުޅުމުން އެމްޑީޕީ މެންބަރުން އަޑުގަދަކޮށް، އިހުތިޖާޖުކުރިއެވެ. އަދި، ބިލަށް ވޯޓަށް އެހީ، އެ ޕާޓީގެ މެންބަރުންތަކެއްގެ ނަން އިއްވައި ތަޅުމުން ބޭރުކުރުމަށް ފަހުގައެވެ. ބިލު ފާސްކުރީ ސުޕަމެޖޯރިޓީ އޮންނަ ޕީއެންސީގެ ތާއިދާ އެކު 60 މެންބަރުންގެ ވޯޓުންނެވެ. ބިލާ ދެކޮޅަށް ވޯޓުދެއްވީ އެމްޑީއޭއަށް ނިސްބަތްވާ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް އެކަންޏެވެ.

މީޑިއާ ބިލު ފާސްކުރުމުން އެކަމާ ދެކޮޅަށް ރޭ ނޫސްވެރިން ކުރި އިހުތިޖާޖުގެ ތެރެއިން: މިނިސްޓަރު އަސްވާޑު ވިދާޅުވީ، މީޑިއާ ބިލު ހުށަހެޅިއިރު ހުރީ ކޮންޓްރޯލް ކުރުމުގެ ސިފަތަކެއް ކަމަށް --- ސަން ފޮޓޯ/ އަހުމަދު ފިރްޔާލް

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ކުރިން ނޫސްވެރިކަން ކުރެއްވި މިނިސްޓަރު އަސްވާޑު ވިދާޅުވީ، އެ ބިލު އެންމެ ފުރަތަމަ ހަންނާން ހުށަހެޅުއްވިއިރު ހުރީ 'ކޮންޓްރޯލް ކުރުމުގެ' ސިފަތަކެއް ކަމަށެވެ. އެކަމަކު، އެ ސިފަތައް ބިލުން ކަނޑުވާލައިފި ކަމަށާއި މިހާރު މިއީ މީޑިއާތައް ރެގިއުލޭޓުކުރާ ބިލެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކޮންޓްރޯލް ބިލު ބޭރުވެއްޖެ. މި ހުށަހެޅިއިރު [ނޫސްވެރިން] އެ ދަންނަވާހެން ކޮންޓްރޯލްކުރުމުގެ ސިފަތަކެއް ހުރީ. އެހެންނަމަވެސް ކޮންޓްރޯލް ބިލުގެ ސިފަތައް އަޅުގަނޑުމެން ކަނޑުވައިލައިފިން. މިހާރު މިއީ ރެގިއުލޭޓަރީ ބިލެއް،އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑް)

އޭނާ ވިދާޅުވީ، މީޑިއާ ބިލު އެންމެ ފުރަތަމަ ފެނިވަޑައިގެން ދުވަހު، އެއީ އެންމެ ފަހުގެ މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)އިން ތައްޔާރުކުރި ބިލު މިކްސްއެއް ކަމަށެވެ.

އެ ކަމާ ގުޅިގެން ނޫސްވެރިންނާ ބައްދަލުކޮށް، ބިލާ ގުޅިގެން ގިނަ ކަންބޮޑުވުންތައް ހުރި ކަމަށް ވިދާޅުވި ކަމަށް އަސްވާޑު ފާހަގަކުރެއްވިއެވެ. މިގޮތުން، ބިލު ފާސްވެގެން އަންނައިރު މަގާމުގައި ހުންނެވި ނަމަ، ކަންބޮޑުވުންތަކަށް ހައްލުހޯދައިދޭނެ ކަމަށް ވިދާޅުވިކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ފުލުހުން، މީޑިއާ ފާސް އަޅައިގެން ހުރި ނޫސްވެރިއަކު ފަހަތަށް ޖައްސަނީ -- ސަން ފޮޓޯ/ މޫސާ ނަދީމް

އަޅުގަނޑު ހުށަހެޅި އިސްލާހުތައް އެބޭފުޅުންނަށް [ނޫސްވެރިންނަށް] އެނގޭނެ. އެ ބޭފުޅުންނަށް އެނގޭނެ މިއަދު ފާސްވިއިރު، އަޅުގަނޑު އެ ބޭފުޅުންނާ [ނޫސްވެރިންނާ] ކުރި މަޝްވަރާއާ ޚިލާފަށް އެއް މާއްދާ ވެސް ނޯންނާނެކަން. އެ ބޭފުޅުންނަށް ޔަގީން ކަށަވަރުވާނެ،އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑް)

ފާހަގަކުރެވޭ ގޮތުގައި، އިއްޔެ މަޖިލީހުން މީޑިއާ ބިލަށް ގެނައި ބައެއް އިސްލާހުތަކުގެ ތެރޭގައި ތަހުގީގު ނުނިންމާ މީޑިއާ ހުއްޓުވާލެވޭ ގޮތަށް އޮތް މާއްދާ އުނިކުރުމާއި އިލެކްޓްރޯނިކް މީޑިއާ މާނަކޮށްފައިވާ ގޮތް ތަފުސީލުކޮށް، ސޯޝަލް މީޑިއާ ނުހިމެނޭ ގޮތަށް ލިޔުން ހިމެނެއެވެ.

އެއާއެކު، ނޫސް މަޖައްލާތައް ނެރޭއިރު ކޮމިޝަނަށް އަންގަންޖެހޭ ގޮތަށް އޮތް މާއްދާ އިތުރަށް ތަފުސީލުކުރުމާއި މީޑިއާއަކަށް ނުވަތަ ނޫސްވެރިއަކަށް ފިޔަވަޅެއް އެޅުމުގެ ކުރިން ލިޔުމުން ޖަވާބުދާރީވުމުގެ ފުރުސަތު ދޭންޖެހޭނެ ކަމަށް ބަޔާންކުރުން ހިމެނެއެވެ.

https://sun.mv/211418

މީޑިއާ ބިލަށް އިސްލާހުތަކެއް ގެނައި ނަމަވެސް ނޫސްވެރިން އިހުތިޖާޖުކުރަނީ ގިނަ ކަންބޮޑުވުންތަކެއް ހުރި ކަމަށް ބުނެއެވެ. އެ ގޮތުން، ނޫސްވެރިން ވަނީ ބިލު ބޭރުކޮށްލަން ގޮވާލާފައެވެ. އަދި، ބިލު މަޖިލީހުން ފާސްކުރި ނަމަވެސް އެ ބިލު ތަސްދީގުނުކުރައްވަން ނޫސްވެރިން އަންނަނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ގޮވާލަމުންނެވެ.

މީޑިއާ ކައުންސިލާއި ބްރޯޑްކޮމް އަދި ނޫސްވެރިކަމުގެ މިނިވަންކަމަށް ވަކާލާތުކުރާ ދުނިޔޭގެ ޖަމިއްޔާތަކުން ވެސް ވަނީ ބިލާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ. ބިލު ފާސްކުރުމުން އެމެރިކާއިން ވެސް ވަނީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ނަގަހައްޓަން ގޮވާލާފައެވެ.

comment ކޮމެންޓް