އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަކީ އެޑޮލްފް ހިޓްލަރަކީ ފިކުރުގެ ގޮތުން ބަލާއިރު، އެއްގޮތް ދެމީހުން ކަމަށާއި ދެ މީހުންގެ ނިމުން ވެސް އެއްގޮތް ވާނެ ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ވިދާޅުވެއްޖެއެވެ.
އުރުދުޣާން އެގޮތަށް ވިދާޅުވީ މިދިޔަ ހަފުތާގައި ގަތަރުގެ ވެރިރަށް ދޯހާގައި ތިބި ހަމާސްގެ އޮފިޝަލުންތަކަކަށް އަމާޒުކޮށް އިސްރާއީލުން ދިން ހަމަލާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.
އުރުދުޣާން ވިދާޅުވީ, ދެވަނަ ބޮޑު ހަނގުރާމައިގެ މޭސްތިރި ކަމަށްވާ ހިޓްލަރަށް ނާކާމިޔާބީއާ ކުރިމަތިވީ އެފަދަ ކަމަކާ ކުރިމަތިލާން ޖެހޭނެ ކަމަށް އޭނާ އެއްވެސް ވަރަކަށް ނުވިސްނާ ހުއްޓާ ކަމަށެވެ. ނަތަންޔާހޫއަށް ވެސް ވާނީ އެގޮތް ކަމަށް އުރުދުޣާން ލަފާކުރެއްވިއެވެ.
އިސްރާއީލާއި ހަމާސްއާ ދެމެދު ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމެއް ހަދަން މަސައްކަތް ކުރަމުންދިޔަ ޓީމަށް ދިން ހަމަލާއަކީ ބައިނަލްއަގްވާމީ ހަމަޖެހުމާއި ގާނޫނުތަކަށް ފާޅުގައި ގޮންޖެހުން ކަމަށް ވެސް އުރުދުޣާން ވިދާޅުވިއެވެ.
އުރުދުޣާން ވަނީ ހުޅަނގުގެ ގައުމުތަކުން ފަލަސްތީން ބަލައިގަތުމާ ގުޅޭ ގޮތުންވެސް ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން އިސްރާއީލަށް އިތުރު ޕްރެޝަރުކޮށް އެ މައްސަލަ އދ.އަށް އަލުން ހުށަހަޅާނެ ކަމަށް ވިދާޅުވިއެވެ.
ކުރިއަށް އޮތް އދ.ގެ އާންމު މަޖިލީހުގައި އެކަމަށް ބޮޑު ތާއީދެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ހިޓްލަރުގެ ވެރިކަމުގައި އެތައް މިލިއަން މީހުން މަރައިފައިވާއިރު، އިސްރާއީލުން އަންނަނީ ފަލަސްތީނުގައި ނަސްލެއް ނައްތާލުމުގެ ޖަރީމާ ހިންގަމުން ކަމަށް ބައިނަލްއަގުވާމީ އިދާރާތަކުން ވެސް ބުނެއެވެ. އެހެންވެ، ހިޓްލަރާއި ނަތަންޔާހޫގެ ވެރިކަމުގެ އެއްގޮތްކަން މީގެ ކުރިން ވެސް އެތައް ބަޔަކު ފާހަގަކޮށްފައިވެއެވެ.