ގައުމީ ޚިދުމަތުގެ ތަމްރީނަށް 340 ބައިވެރިން ފުރައިފި

ދިވެހިރާއްޖޭގެ ގައުމީ ޚިދުމަތުގެ ޕްރޮގްރާމު (މޯލްޑިވްސް ނޭޝަނަލް ސާވިސް) ގެ ފުރަތަމަ ބެޗު ތަމްރީނަށް މިއަދު ފުރައިފިއެވެ.

މި ޕްރޮގްރާމްގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތު ޖުލައި މަހު ހަމަވިއިރު, ޖުމުލަ 1244 ޒުވާނުން ކުރިމަތި ލައިފައިވެއެވެ. އޭގެ ތެރެއިން ސިއްހީގޮތުން ކުޅަދާނަކަން ހުރި ހުރިހާ ބައިވެރިންނަށް ވެސް ޕްރޮގްރާމް ފުރިހަމަކުރުމުގެ ފުރުސަތު ދޭނެކަމަށް ޑިފެންސް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ އޭގެ ތެރެއިން ފުރަތަމަ ބެޗުގައި ހިމެނޭ 340 ބައިވެރިން މިއަދު ތަމްރީނު ހެދުމަށް, ޅ. މާފިލާފުއްޓަށް ގޮސްފައިވާ ކަމަށެވެ. އެ ރަށުގައި ތިން މަސްދުވަހުގެ ތަމްރީނުތައް ފުރިހަމަކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މި ތަމްރީނުގެ ފުރަތަމަ ބުރަށް ބައިވެރިން ހޮވުމުގެ މަރުޙަލާ މި އަހަރުގެ ޖުލައި މަހު ބާއްވާފައިވަނީ މާލެ ސިޓީ، ހއ. ދިއްދޫ، ކުޅުދުއްފުށި ސިޓީ، ށ. ފުނަދޫ، ނ. މަނަދޫ، ރ. އުނގޫފާރު، އދ. މަހިބަދޫ، ފ. ނިލަންދޫ، ތ.ވޭމަންޑޫ، ލ. ގަން އަދި އައްޑޫ ސިޓީ ހިތަދޫގައެވެ.

ޑިފެންސް މިނިސްޓްރީން ބުނީ މިއީ ދިވެހި ގައުމިއްޔަތަށް ލޯބިކުރާ، ހުރިހާ ގޮތަކުން ދުޅަހެޔޮ، މަސައްކަތަށް އަހުލުވެރި، އަޚްލާގު ރަނގަޅު ޒުވާން ޖީލެއް ބިނާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްނަންގަވައިގެން ކުރިއަށް ގެންދަވާ ޕްރޮގްރާމެއް ކަމަށެވެ.

ގައުމީ ޚިދުމަތުގެ ތަމްރީނަށް 340 ބައިވެރިން ފުރުން-- ފޮޓޯ: ޑިފެންސް މިނިސްޓްރީ

މި ޕްރޮގްރާމުގެ މަގުސަދުތަކުގެ ތެރޭގައި، ދިވެހި ޒުވާނުންގެ މެދުގައި ގައުމިއްޔަތުގެ ރޫހާއި ފަޚުރު ދިރުވައި އާލާކޮށް، އިސްލާމްދީނަށް ލޯބިކުރާ ރައްޔިތެއް ގައުމުގައި ބިނާކޮށް، ރާއްޖެއަށް ކުރިމަތިވާ ބޮޑެތި ނުރައްކާތަކާއި ކާރިސާތަކުގައި ގައުމީ ޚިދުމަތަށް ސާބިތުކަމާއެކު ކުރިމަތިލާނެ ރައްޔިތެއް ތަމްރީނު ކުރުން ހިމެނެއެވެ.

comment ކޮމެންޓް