ކްލަބް މޯލްޑިވްސްގެ 18/30 ކްލެސިކް މުބާރާތުގެ ޗެމްޕިއަންކަން ޕްރިޒަން ކުލަބުން ހޯދައިފިއެވެ.
މުބާރާތުގެ ޗެމްޕިއަންކަން ޕްރިޒަން ކުލަބުން ހޯދާފައިވަނީ ފައިނަލް މެޗުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ މައްޗަށް 1-0 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ.
މެޗުގެ ހަމައެކަނި ލަނޑު ޕްރިޒަން ކުލަބުން ކާމިޔާބުކޮށްފައިވަނީ މެޗު ނިމެން ގާތްވެފައިވަނިކޮށެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އައިޝަތު ލަމްސް އެވެ. އޭނާ މި ލަނޑު ޖެހީ މެޗު ނިމެން ތިން މިނެޓަށްވެފައި ވަނިކޮށެވެ.
ޕްރިޒަން ކްލަބްއިން ވަނީ މި މުބާރާތުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްފައެވެ. އަދި މިއީ ޕްރިޒަން ކްލަބްއިން މިފަދަ މުބާރާތެއްގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.
ފައިނަލް މެޗުގެ “ކުއީން އޮފް ދަ މެޗް” އަށް ހޮވިފައިވަނީ ޕްރިޒަން ކްލަބްގެ އައިމިނަތު ފަޒްލާއެވެ. އަދި އައިމިނަތު ފަޒްލާ ވަނީ “ކުއީން އޮފް ދަ ޓޯނަމަންޓް” ގެ ލަގަބުވެސް ހާޞިލްކޮށްފައެވެ.
މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއާގެ މަގާމް ޖުމްލަ 14 ލަނޑާއެކު ހޯދީ އެމް.އޭ.ސީ.އެލްގެ ކެޕްޓަން އާޒިޔާއެވެ.
ފެއާޕްލޭ ކުޅުންތެރިއަކަށް ސްޓެލްކޯގެ ހަލީމަތު ހަސްނާ ހޮވުނުއިރު، ފެއަރ ޕްލޭ ޓީމަކަށް ހޮވުނީ ހެލްތު އެންޑް ރެކްރިއޭޝަން ކްލަބެވެ.
ކްލެސިކްގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ޕްރިޒަންގެ އައިމިނަތު ފަޒްލާ އާއި އައިޝަތު ޝަރުމާ، އެމްއޭސީއެލްގެ އާޒިނާ އަބްދުލް މަތީން އާއި ފިރުޝާނާ ނަސީރު އަދި ސްޓެލްކޯގެ މަރިޔަމް ވިޝާޔާ ވިލްދާނެވެ. އަދި މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕްރިޒަންގެ އައިމިނަތު ފަޒްލާއެވެ.