ޣާޒީ ސްކޫލު ސަރަހައްދުގައި ''ރަމަތަ ޕްރޮގްރާމް'' ކުރިއަށް ގެންގޮސްފި

ޣާޒީ ސްކޫލު ސަރަހައްދުގައި ''ރަމަތަ ޕްރޮގްރާމް'' ކުރިއަށް ގެންދަނީ-- ފޮޓޯ: ފުލުހުން

ހުޅުމާލެ ސްކޫލުތައް ކައިރީގައި ފުލުހުން ކުރިއަށް ގެންދަން ނިންމާފައިވާ "ރަމަތަ ޕްރޮގްރާމް"ގެ ޕައިލެޓް ހަރަކާތެއް އެ އަވަށުގެ ޣާޒީ ސްކޫލު ސަރަހައްދުގައި މިއަދު ކުރިއަށް ގެންގޮސްފިއެވެ.

ރަމަތަ ޕްރޮގާރަމަކީ ހުޅުމާލޭގެ މަގުތައް އަމާން ތަނެއްގެ ގޮތުގައި ބޭއްވުމަށާއި ރައްޔިތުން ހޭލުންތެރިކުރުވައި، ގަވާއިދުތަކަށް އަހުލުވެރިކުރުވުމަށް ހުޅުމާލޭގެ ސްކޫލުތައް ހިމެނޭ ސަރަހައްދުގައި ކުރިއަށް ގެންދިއުމަށް ފުލުހުން ނިންމާފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަކީ ސްކޫލުތަކުގެ ޓްރެފިކް މޮނީޓަރުންނާއި އެ ދަރިވަރުންގެ ބެލެނިވެރިން ބައިވެރިކޮށްގެން ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެއް ކަމަށް ފުލުހުން ބުނެއެވެ.

ޣާޒީ ސްކޫލު ސަރަހައްދުގައި ''ރަމަތަ ޕްރޮގްރާމް'' ކުރިއަށް ގެންދަނީ-- ފޮޓޯ: ފުލުހުން

ފުލުހުން ބުނީ މިއަދު ފެށި މި ޕްރޮގްރާމުގައި، އެ ސްކޫލުގެ ޓްރެފިކް މޮނީޓަރުންގެ ގޮތުގައި ހަރަކާތްތެރިވި ދަރިވަރުން ސްކޫލު ސަރަހައްދުގައި އާންމު ރައްޔިތުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

އެގޮތުން، އުޅަނދު ދުއްވުމުގައި ސަމާލުކަންދޭންޖެހޭ ކަންކަމާއި ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ވިސްނައިގެން އުޅަނދު ދުއްވުމަށް އިރުޝާދުދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ހަމަ އެހެންމެ، އުޅަނދު ޕާކުކުރާއިރު ސަމާލުކަންދޭންޖެހޭ ކަންކަމާއި މަގު ހުރަސްކުރާ ވަގުތުތަކުގައި މަގުގެ ދެފަރާތް ރަނގަޅަށް ބެލުމަށާއި މަގުމަތީގައި އުޅޭއިރު ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ފުލުހުން ދެމުންގެންދާ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް ނަސޭހަތްތެރިވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ޣާޒީ ސްކޫލު ސަރަހައްދުގައި ''ރަމަތަ ޕްރޮގްރާމް'' ކުރިއަށްގެންދަނީ -- ފޮޓޯ/ ފުލުހުން

ހުޅުމާލެއަކީ މުޅި ރާއްޖެއަށް ބެލިނަމަވެސް އެންމެ އެކްސިޑެންޓް ގިނަ އެއް އަވަށެވެ. އެކްސިޑެންޓްތައް މަދު ކުރަން އެ އަވަށުގެ މަގުތަކަށް ވެސް ގިނަ ބަދަލުތަކެއް ގެނައެވެ.

ސްކޫލު ކުދިން ޓްރެފިކް ގަވާއިދުތަކަށް ހޭލުންތެރި ކުރުވުމަށް, ފުލުހުން ވަރަށް ކުރީންސުރެ އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މާލެ އާއި އަތޮޅުތެރޭގެ ގިނަ ސްކޫލުތަކެއްގައި އެތައް ޕްރޮގްރާމެއް ހިންގާފައިވެއެވެ.

comment ކޮމެންޓް