ދިވެހިން އުމްރާއަށް ފޮނުވަން ކަމަށް ބުނެ އޮޅުވާލި މައްސަލައިގައި މަޝްއަރް ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ ވެރިޔާ، އަލީ ފާރިޝް ތިން އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މިއީ މަޝްއަރު ގްރޫޕުގެ ހަވާލުގައި އުމްރާއަށް ދިޔަ ބައެއް މީހުންގެ ޓިކެޓްތަކަށް ފައިސާ ދެއްކުމަށް އެ ކުންފުނިން ދިން ޗެކް ބައުންސްވެ ފައިސާ ނުދެއްކި ޓިކެޓްތައް ކެންސަލްވި މައްސަލައެވެ. މި މައްސަލައާ ގުޅިގެން ދައުލަތުން ވަނީ ފާރިޝްގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ ދައުވާ އުފުލައިފައެވެ.
ދައުލަތުން އަލީ ފާރިޝްގެ މައްޗަށް ދައުވާކުރީ ރާއްޖެއިން އުމްރާއަށް މީހުން ގެންދަން އޭސް އޭވިއޭޝަން ސާވިސް އާއި އޭސް ޓްރެވެލް މޯލްޑިވްސް މެދުވެރިކޮށް 48 މީހެއްގެ ޓިކެޓު ބުކިން ހެދުމަށް ފަހު، ފައިސާ ނުދެއްކި މައްސަލައިގައެވެ.
އެ ޓިކެޓްތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގެ ގޮތުން އެ ކުންފުނީގެ އެކައުންޓުން ދޫކުރި ދެ ޗެކެއް ބައުންސްވީއެވެ. އެއީ 390،126ރ. ޗެކަކާއި 156،050ރ. ގެ ޗެކެކެވެ. މި ދެ ޗެކް ބައުންސްވީ އެކައުންޓްގައި ފައިސާ ނެތުމުންނެވެ.
އެ ފައިސާ ދައްކަން ހަތް ދުވަހުގެ މުއްދަތެއް ފާރިޝްއަށް ދިނުމުން ވެސް އެ ފައިސާ ދައްކާފައިނުވާތީ މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ދައުވާކޮށް އެ ފައިސާ އޭނާގެ އަތުން ނަގައިދިނުމަށް ދައުވާގައި އެދުނެވެ.
އެ މައްސަލައަށް އިންކާރުކޮށް ފާރިޝް ކޯޓުގައި ވަރަށް ގިނަ ވާހަކަ ދެއްކިއެވެ. އެގޮތުން ޗެކްތަކަށް ފައިސާ ނުލިބޭ ކަމަށް ބުނުމުން ފައިސާ ދައްކަން އިތުރު ފުރުސަތެއް ދިނުމަށް އެދިފައި އޮންނާނެ ކަމަށާއި ޓިކެޓުތަކަކީ ރިޓާން ޓިކެޓުތަކެއްގެ ގޮތުގައި އިޝޫކޮށްފައިވާ ހުރި ޓިކެޓުތަކަކަށް ވާއިރު، އެންމެ ފަހު ވަގުތު ޓިކެޓުތަކުގެ ރިޓާން ކެންސަލްކުރުމުން، ޗެކްތަކުގައި ހުރި އަދަދަކީ ދައްކަންޖެހޭ އަދަދުތަކެއް ނޫން ކަމަށް ގަބޫލުކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.
މީގެ އިތުރުން ފުރަތަމަ 100،000ރ. ޖަމާކޮށްދިން ކަމަށާއި ކޮންފާމް ޓިކެޓުތަކުގައި ދެ ސެކްޓާގައި ޓްރެވަލް ކުރެވޭގޮތަށް ކޮންފާމްކޮށްފައި ހުރިއިރު ދަތުރުކުރެވުނީ އެއް ސެކްޓާއަށް ކަމަށާއި، ދަތުރުކުރަން އޮތް ދުވަހު ޓިކެޓް ކެންސަލްކޮށްފައިވާތީ އެ ބުނާ ގޮތަށް ޗެކްތަކުގައި ހުރި ޖުމްލަ އަދަދު ދައްކަން ނުޖެހޭނެ ކަމަށް ފާރިޝް ބުންޏެވެ.
ފާރިޝްއާ ދެކޮޅަށް ކުރި ދައުވާ ސާބިތުވެ، ހުކުމްގައި ބުނީ ފާރިޝްގެ މައްޗަށް ހުށަހަޅާފައިވާ މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ދައުވާއަށް ފާރިޝް އިންކާރުކުރި ނަމަވެސް ހެކިތަކަށް ރިއާޔަތްކޮށް އެ ދައުވާ ގާނޫނުއަސާސީގެ 51 ވަނަ މާއްދާގައި ބަޔާންކުރާ، އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާ ކަމަށެވެ.
އެހެންވެ، އެ މައްސަލައިގައި ފާރިޝް ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށް ލާން ވަނީ ހުކުމްކޮށްފައެވެ.
މީގެ އިތުރުން އޭސް އޭވިއޭޝަން ޕްރައިވެޓް ލިމިޓެޑާއި އޭސް ޓްރެވެލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 26،350.32 ޑޮލަރު ނުވަތަ އެއާ އެއްވަރުގެ ދިވެހި ރުފިޔާ (406،321.93 ރުފިޔާ) ދެއްކުމަށް ވެސް ހުކުމްކޮށްފައިވެއެވެ.
މަޝްއަރު ގުރޫޕުން އުމްރާވެރިން ފޮނުވަން ކަމަށް ބުނެ ފޮނުވި ޗެކްތަކެއް ބައުންސް ވެފައިވާ މައްސަލަ ރިޕޯޓުކޮށްފައި ވަނީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ 13ވަނަ ދުވަހުގައެވެ.
އެ މައްސަލަ ފުލުހުން ތަހުގީގު ކުރުމަށް ފަހު، އެކުންފުންޏަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ހުށަހެޅީ މިދިޔަ ޑިސެމްބަރު މަހުގެ ދެވަނަ ދުވަހުގައެވެ.
އެ ޗެކްތައް ބައުންސްވެގެން މަޝްއަރު ޓުއާސްގެ ފަރާތުން މިދިޔަ ރޯދަމަހު ޢުމްރާއަށް ގެންދިޔަ 48 ޢުމްރާވެރިން ސައުދީގައި ތާށިވިއެވެ. އެ މީހުން އުމްރާއަށް ދިޔައީ ދެކޮޅު ދަތުރަށް ފައިސާ ދެއްކުމަށް ފަހު ނަމަވެސް، ސައުދީގައި އެ މީހުން ތާށިވުމުން، އަމިއްލައަށް ޓިކެޓް ނަގަން މަޝްއަރު ގުރޫޕުން އެންގިއެވެ. އަދި ޓިކެޓަށް ޚަރަދުވާ ފައިސާ އަނބުރާ ދޭނެ ކަމަށް އެއިރު އެ ގުރޫޕުން ބުނެފައިވެއެވެ.