މި ސަރުކާރު ހަވާލުވުމަށް ފަހު ހިނގި މުއްދަތުގެ ތެރޭގައި ހާހެއްހާ މުވައްޒަފުން ޚިދުމަތަށް ނެރެވިއްޖެ ކަމަށް، ހެލްތު މިނިސްޓަރު އަބްދުالله ނާޒިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ބަލިމީހުންގެ ރައްކާތެރިކަމަށް މަސައްކަތްކުރާ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމުގެ މައިގަނޑު އަސާސަކަށް ވާންވާނީ އަބަދުވެސް ބަލިމީހާގެ ރައްކާތެރިކަން ކަށަވަރަކުރުން ކަމަށެވެ.
މިދިޔަ އަހަރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ނެރުނު ދުނިޔޭގެ ޕޭޝަންޓް ސޭފްޓީ ރިޕޯޓަށް އަލިއަޅުވާލައްވައި ނާޒިމް ވިދާޅުވީ، ސިއްހީ ޚިދުމަތުގެ އެންމެ ބޮޑު މައްސަލައެއް ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވަނީ ރައްކާތެރި މިންގަނޑަށް ނުފެތޭ ފަރުވާގެ ކަންތައްތައް ސިއްޙީ ޚިދުމަތްދޭ ތަންތަނުގައި ހިނގާ މައްސަލަ ކަމަށެވެ.
އެގޮތުން ރައްކާތެރި މިންގަނޑަށް ނުފެތޭ ފަރުވާގެ 12 ޕަސެންޓު ފަރުވާއިން ދާއިމީ ނުކުޅެދުންތެރިކަން ނުވަތަ ފުރާނަ ގެއްލުން ކުރިމަތިކުރުވާ ކަމާއި، ރައްކާތެރިނޫން ފަރުވާގެ ސަބަބުން އަހަރަކު ގާތްގަނޑަކަށް ތިން މިލިއަން މީހުން މަރުވާއިރު، އެ މަރުތަކުން ދެބައިކުޅަ އެއްބައި ސަލާމަތްކުރެވިދާނެކަން އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.
ކަން މިހެން އޮތުމާއެކު، ސިއްހީ ޚިދުމަތްދިނުމަށް ބޭނުންވާ ގަވައިދުތަކާއި އުސޫލުތައް ހެދިފައިހުރުމާއި، އުސޫލުތަކަށް އަހުލުވެރި ކުރުމުގެ އިތުރުން ގަވައިދުތަކާއި އުސޫލުތައް ތަންފީޒުކުރުން މުހިންމުކަން ނާޒިމް ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވިގޮތުގައި ލައިސެންސިން ސޮފްޓްވެއާ އާއި ޕޭޝަންޓް ސޭފްޓީ ޗެންޕިއަންސް ޓްރެއިނިން ޕްރޮގްރާމާއި ޕޭޝަންޓް ސޭފްޓީ ޕާތުވޭގެ މަސައްކަތްތައް އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލާއި ވިލިމާލެ ހޮސްޕިޓަލްގައި އިފުތިތާހުކުރެވި، ފެށުމަކީ މިކަމަށްޓަކައި އެޅުނު ރަނގަޅު ފިޔަވަޅެކެވެ.
އިތުރަށް ނާޒިމް ވިދާޅުވީ، ސިއްހީ ޚިދުމަތުގެ ފެންވަރު މަތިކޮށް، ޚިދުމަތްތައް ފުޅާ ކުރުމަކީ ދެމެހެއްޓެނިވި ގޮތެއްގައި އަބަދު ކުރަން ޖެހޭނެ ކަމެއް ކަމަށާއި، އެ ދާއިރާގެ ސިޔާސަތުތައް ރަނގަޅުކުރުމަށްޓަކައި ސަމާލުކަން ދިނުން ވެސް މުހިންމު ކަމަށެވެ. އެހެންކަމުން ސިއްހީ ދާއިރާގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް، ނާޒިމް ވިދާޅުވިއެވެ.
"އެގޮތުން ހެލްތު ސެކްޓަރުގެ އިންފްރާސްޓްރަކްޗަރު ރަނގަޅުކުރުން، އެއީ ދަރުމަވަންތަ ހޮސްޕިޓަލްކަމުގައި ވިޔަސް އައިޖީއެމްއެޗް ކަމުގައި ވިޔަސް ހުޅުމާލެ ހޮސްޕިޓަލް ކަމަށްވިޔަސް ސަރުކާރުގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ދަނީ ކުރަމުން،" ނާޒިމް ވިދާޅުވިއެވެ.
ސިއްހީ ދާއިރާ އިތުރަށް ހަރުދަނާކުރުމަށްޓަކައި، މި ސަރުކާރުން ހަވާލުވުމަށް ފަހު ވޭތުވެދިޔަ މުއްދަތުގައި ރަށްރަށަށް 400އަށް ވުރެ ގިނަ ސިއްހީ މުވައްޒަފުން، އަދި މާލެ ސަރަހައްދަށް 500 އަށް ވުރެ ގިނަ މުވައްޒަފުން ހޯދާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަދިވެސް ބައިވަރު ކަންކަން ކުރަން އެބަހުރި ކަމަށް ވިދާޅުވެ، ނާޒިމް ވިދާޅުވީ އޭގެ ތެރޭގައި އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލްގެ ކެޕޭސިޓީ ބޮޑުކުރުން ހިމެނޭ ކަމަށެވެ.