ޓްރަމްޕް ލަންޑަނަށް، އޮނާ ގާޑާއެކު ޝާހީ މަރުހަބާއެއް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް (ކ) އާއި އިނގިރޭސި ރަސްގެފާނު ޗާލްސް ތިން ވަނަ (ވ). ފޮޓޯ/އޭއެފްޕީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިނގިރޭސިވިލާތައް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ލަންޑަނަށް ވަޑައިގެންފިއެވެ.

ރަސްގެފާނު ޗާލްސް ތިން ވަނައާއި ޝާހީ އާއިލާއިން ވަނީ ގާޑް އޮފް އޮނާއާއެކު ޓްރަމްޕަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

ޓްރަމްޕް ލަންޑަނަށް ކުރައްވާ ދަތުރުފުޅަކީ އެމެރިކާއާއި އިނގިރޭސިވިލާތް ހިމެނޭ ގޮތަށް ވިޔަފާރީގެ ގިނަ ބައިވެރިންނާ އެކު މުހިންމު ވިޔަފާރީގެ މަޝްވަރާތަކެއް ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައި ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ދެ ގައުމުން ވެސް ޓެކްނޮލޮޖީ އާއި މަދަނީ އަދި ނިއުކްލިއާ ހަކަތައާ ބެހޭ ބައެއް އެއްބަސްވުންތައް އިއުލާނުކުރަން ހަމަޖެހިފައިވާއިރު، މެޓަލް އިން ނަގާ ޓެރިފާ ބެހޭ އެއްބަސްވުމަށް ދިއުމަށްވެސް އިނގިރޭސިވިލާތުން މަސައްކަތް ކުރަމުން އަންނަ ކަމަށް އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ.

ޓްރަމްޕްގެ އަނބިކަނބަލުން މެލާނީ ޓްރަމްޕް (ކ) އާއި ރާނީ ކެމީލާ (މ) އަދި ޕްރިންސް ވިލިއަމްގެ އަނބިކަނބަލުން ކެތްރީން (ވ). ފޮޓޯ/ގެޓީ

ޓްރަމްޕާއި އަނބިކަނބަލުން މެލާނީ ޓްރަމްޕަށް ލަންޑަންގައި ހުންނަ ޝާހީ އާއިލާގެ ގެކޮޅު، ވިންޑްސާ ކާސުލްއިން ފުރަތަމަ މަރުހަބާ ދެންނެވީ ޗާލްސް ތިން ވަނަ ގެ ދަރިކަލުން ޕްރިންސް ވިލިއަމްސްއާއި އަނބިކަނބަލުން ކެތްރިންއެވެ.

ކުޑަކުދިންތަކަކަށް ޖިންސީ ފުރައްސާރަކުރި ކަމަށް ބުނާ ފައިނޭންސާ ޖެފްރީ އެޕްސްޓައިންއާ ގުޅުން އޮންނަ ކަމަށް ތުހުމަތުވާ އެމެރިކާގައި ހުންނަ އިނގިރޭސި ސަފީރު ޕީޓާ މެންޑެލްސަން ސަފީރުކަމުން ވަކިކުރުމާ ގުޅިގެން ބޮޑުވަޒީރު ކޭއާ ސްޓާމާއަށް ވަނީ ސިޔާސީ ގޮތުން ފިއްތުން ތަކެއް ކުރިމަތިވެފައެވެ.

ޓްރަމްޕާ ދެކޮޅަށް ލަންޑަންގައި ކުރިއަށް ގެންދާ މުޒާހަރާ. ފޮޓޯ/އޭޕީ

އެޕްސްޓައިންގެ މައްސަލައިގައި ޓްރަމްޕްވެސް ވަނީ އެމަނިކުފާނުގެ "މޭކް އެމެރިކާ ގްރޭޓް އެގެއިން" (މާގާ) އަށް ތާއީދުކުރާ ފަރާތްތަކަށް ފާޑުވިދާޅުވެފައެވެ.

ޓްރަމްޕްގެ ދަތުރުފުޅާ ދިމާކޮށް ޓްރަމްޕާ އިދިކޮޅު ފަރާތްތަކުން ވަނީ އިއްޔެ ވިންޑްސާ ކާސެލް ކައިރިއަށް އެއްވެފައެވެ. ގާތްގަނޑަކަށް 1،000 އަހަރު ވެފައިވާ ކާސެލްގެ މައްޗަށް ޓްރަމްޕާއި އެޕްސްޓައިން ފެންނަ ފޮޓޯތަކެއް ޕްރޮޖެކްޓާއެއް ބޭނުންކޮށްގެން އެޅުވުމުގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް އެ ސަރަހައްދުގެ ފުލުހުން ވަނީ ބުނެފައެވެ.

ޓްރަމްޕާ ދެކޮޅަށް މުޒާހަރާ ކުރުމަށް އިދިކޮޅު ފަރާތްތަކުން މިހާރުވެސް އަންނަނީ ސެންޓްރަލް ލަންޑަނަށް އެއްވަމުން ކަމަށް ސީއެންއެން އިން ރިޕޯޓުކުރެއެވެ.

comment ކޮމެންޓް