ބިލު ފާސްކުރީ ކަންބޮޑުވުންތަކަށް ހައްލެއް ނުގެނެސް، އެދެނީ ތަސްދީގުނުކުރަން: އެމްޖޭއޭ

މީޑިއާތައް ކޮންޓްރޯލް ކުރާ ބިލާ ދެކޮޅަށް ނޫސްވެރިންނާއި، ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމުގެ ދިފާއުގައި މަސައްކަތް ކުރާ މީހުން އަޑުއުފުލުން --- ސަން ފޮޓޯ: އަޙްމަދު ފިރިޔަލް

ސަރުކާރަށް މީޑިއާތައް ކޮންޓްރޯލު ކުރެވޭގޮތަށް، ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަމެޖޯރިޓީއިން އިއްޔެ މީޑިއާ ބިލު ފާސްކުރީ މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)އާއި ނޫސްވެރިން ހުށަހެޅި ކަންބޮޑުވުންތަކަށް އެއްވެސް ހައްލެއް ނުގެނެސްދީ ކަމަށް އެ ޖަމިއްޔާއިން މިރޭ ބުނެފިއެވެ.

ބިލު ފާސްކުރުމާ ގުޅިގެން، އެ ކަމުގެ ކަންބޮޑުވުން ފާޅުކުރުމަށް މިރޭ އެ ޖަމިއްޔާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްޖޭއޭގެ ރައީސް އަހްމަދު ނާއިފް މި ބިލު މަޖިލީހުން ފާސްކުރީ، ނޫސްވެރިން އެދުނު އިސްލާހުތަކާއެކު ނޫން ކަމަށާއި، އެހެން ބުނުމަކީ ވަރަށް ބޮޑު ދޮގެއް ކަމަށެވެ.

އެގޮތުން މީޑިއާތައް ރެގިއުލޭޓުކުރަން އޮންނަންވާނީ ސެލްފް ރެގިއުލޭޓަރީ ނިޒާމެއްކަމަށް ތަކުރާރުކޮށް ނޫސްވެރިން ބުނަމުންދިޔައިރު ވެސް، ބިލުގެ ސަބަބުން އެ ނިޒާމު އެއްކޮށް އުވައިލެވޭކަމަށް ނާއިފް ވިދާޅުވިއެެވެ. އަދި އުފަންވަނީ ސަރުކާރުގެ ނުފޫޒާއި ބާރު އޮންނަ ނިޒާމެއްކަމަށް އޭނާ ވިދާޅުވިއެވެ.

މަޖިލީހުން މި ބިލު ފާސްކުރި ނަމަވެސް، އަދިވެސް އެ ޖަމިއްޔާގެ ސްޓޭންޑް ބަދަަލުނުވާ ކަމަށެވެ. އެގޮތުން އަދިވެސް މި ބިލު ބަލައިނުގަންނަ ކަމަށާއި، ރައީސަށް ގޮވައިލައްވަނީ މި ބިލު ތަސްދީގު ނުކުރައްވައި، މަޖިލީހަށް ފޮނުވައިލެއްވުމަށް ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން، ބިލު ތަސްދީގުކުރިއަސް، އަޅުގަނޑުމެން އަމަލެއް ނުކުރާނަން. އަޅުގަނޑުމެން އެއަށް ގޮންޖަހާނަން،" އިހުތިޖާޖުތަކާއި، ހޭލުންތެރިކަމުގެ ހަރަކާތްތައް ވެސް ކުރިއަށް ގެންދާނެކަން ފާހަގަކުރައްވައި ނާއިފް ވިދާޅުވިއެވެ.

އިތުރު ތަފްސީލް ދެއްވަމުން އެމްޖޭއޭގެ ނައިބު ރައީސް މުޙައްމަދު ޝަހްޒާން ވަނީ ރައީސް އައްޔަންކުރާ މެންބަރުންތަކެއް ހިމެނޭ މީޑީއާ އެންޑް ބްރޯޑްކާސްޓް ކޮމިޝަނެއް އާ ބިލު ގާނޫނަކަށްވުމުން އުފައްދަން އޮންނަ އޮތުމުގެ ކަންބޮޑުވުމަށް އިޝާރާތްކުރައްވައިފައެވެ.

އެގޮތުން ރައީސްގެ މެންބަރުންތަކެއް އައްޔަންކުރާތީ ކަންބޮޑުވި ނަމަވެސް، މަޖިލީހުން އެކަމަށް ހައްލެއް ނުގެނެސް ބަދަލުކުރީ، މަޖިލީހުން މެންބަރުންތަކެއް އައްޔަންކުރާ ގޮތަށް ކަމަށާއި، އުނިވީ ހަމައެކަނި ރައީސް އޮފީހުން ނަން ފޮނުވުމުގެ ބައި ކަމަށެވެ. އަދި ކޮމިޝަންގެ ރައީސް އައްޔަންކުރުމުގެ ބާރާއި، ކޮމިޝަނުން މެންބަރުން ވަކިކުރުމުގެ ބާރު ވެސް ދީފައި އޮތީ މަޖިލީހަށް ކަމަށް ވިދާޅުވިއެވެ. މިއީ މަޖިލިސް މެޖޯރިޓީ އޮންނަ ޕާޓީއަކަށް ކޮމިޝަނަށް ނުފޫޒު ފޯރުވަން ބާރުތައް ލިބޭ ކަމެއް ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން އަދިވެސް ސޯޝަލް މީޑިއާއާއި، އިންޓަނެޓު ކޮންޓްރޯލްކުރުމަށް ވެސް މި ބިލުން މަގުފަހިވާކަމުގެ ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އަދި މުޅި ބިލަށް ބަލާއިރު ވެސް ނޫސްވެރިންނަށް އެއްވެސް ރައްކާތެރިކަމެއް ލިބޭނެ، އެންމެ މާއްދާއެއް ވެސް ނެތްކަން ޝަހްޒާން ފާހަގަކުރެއްވިއެވެ.

އެމްޖޭއޭއިން ވަނީ އިއްޔެގެ ސުލްހަވެރި އިހުތިޖާޖުގައި ހާލަތާ ނުބައްދަލު ބާރު ފުލުހުން ބޭނުންކޮށް، ގިނަ ބަޔަކަށް އަނިޔާވެފައިވާތީ އެކަން ކުށްވެރިކޮށްފައެވެ.

comment ކޮމެންޓް