ހޮލީވުޑްގެ ޒުވާން ބަތަލާ ސިޑްނީ ސްވީނީއަށް ވަރަށް ބޮޑު ފީއަކާ އެކު ބޮލީވުޑް ފިލްމަކުން ފުރުސަތު ހުށަހަޅާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އުމުރުން 28 އަހަރުގެ ބަތަލާއަށް ހުށަހަޅާފައިވަނީ ބޮލީވުޑްގެ ލޯބީގެ ފިލްމެއް ކަމަށާއި ފިލްމުގައި އޭނާ ކުޅޭނީ އިންޑިއާގެ ސެލެބްރިޓީއަކު ދެކެ ލޯބިވާ އެމެރިކަން ސްޓާއެއްގެ ރޯލް ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ފިލްމަކީ މިހާތަނަށް ބޮލީވުޑްގައި އުފައްދާނެ އެންމެ އަގުބޮޑު ފިލްމުތަކުގެ ތެރޭ ހިމެނޭނެ ފިލްމަކަށްވާނެ އިރު ފިލްމުގައި ސިޑްނީ ކުޅޭ ރޯލްގެ ފީއަކީ 530 ކްރޯޑު ރުޕީސް (63.6 މިލިއަން އެމެރިކާ ޑޮލަރެ)ވެ.
ބޮލީވުޑްއިން ސިޑްނީއަށް ހުށަހެޅި ފީ އެނގުމުން ޚުދު ސިޑްނީއަށް ވެސް ބޮޑު ހައިރާންކަމެއް ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ސިޑްނީއަށް އެހާބޮޑު ފީއެއް ހުށަހެޅުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ފިލްމު އިންޓަނޭޝަނަލް މާކެޓްތަކަށް ފޯރުކޮށްދިނުމަށް އެހީތެރިކަން ހޯދުން ކަމަށާއި ބަތަލާއާ އެކު ސްޕޮންސަޝިޕް އެއްބަސްވުމަކަށް ފިލްމުގެ ޕްރޮޑިއުސަރުން ނިންމާފައިވާ ކަމަށް ހިންދުންސްތާންޓައިމްސްގެ ރިޕޯޓެއްގައި ވަނީ ބުނެފައެވެ.

ކޮމެޑީ ޑްރާމާ ސީރީސް "ދަ ވައިޓް ލޮޓަސް"ގެ މަންޒަރެއްގައި ސިޑްނީ ސްވީނީ--ފޮޓޯ/އީނިއުސް
މި ފިލްމުގެ އަމަލީ މަސައްކަތް އަންނަ އަހަރު ތެރޭ ނިއު ޔޯކް، ޕެރިސް، ލަންޑަން އަދި ދުބާއީގައި ކުރިއަށް ގެންދަން ރާވަމުން އަންނައިރު ސިޑްނީގެ ފަރާތުން މި ފިލްމަށް އަދި އެއްބަސްވެފައިނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ފައިސާއަށް ވުރެ ބޮޑަށް ސިޑްނީ މާ ކުރިން ސޮއިކޮށްފައިވާ ފިލްމުތަކަށް ވަގުތުދީ އެ ފިލްމުތައް ނިންމުން މުހިއްމު ކަމަށާއި ބޮލީވުޑްގެ ހުށަހަޅުމަށް ޖަވާބެއް ދޭން އެނގޭނީ މިހާރު ސޮއިކޮށްފައި ހުރި ފިލްމުތަކުގެ މަސައްކަތް ނިމުމުން ކަމަށް ބަތަލާގެ ޓީމުން މީޑިއާގައި ވަނީ ބުނެފައެވެ.
މަގުބޫލު ބްލެކް ކޮމެޑީ ޑްރާމާ "ދަ ވައިޓް ލޮޓަސް" އަދި "ޔޫފޯރިއާ" ފަދަ ޓެލެވިޒަން ޝޯތަކުން ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ބަތަލާގެ އެންމެ އަވަހަށް ރިލީޒްވާނެ ފިލްމަކީ "ކްރިސްޓީ"ގެ ނަމުގައި އުފައްދާ ބައޮގްރަފިކަލް ސްޕޯޓްސް ޑްރާމާ ފިލްމެކެވެ. މި ފިލްމުގެ ޕްރޮޑިއުސަރުންގެ ޓީމުގައި ވެސް ސިޑްނީ ހިމެނެއެވެ.