"މިނެޓެއްހާއިރު ތެރޭ 12 ރޮކެޓް ފޮނުވާލި، ސަލާމަތްވީ ރަހުމަތުން"

މިދިޔަ ހަފުތާގައި ގަތަރުގެ ވެރިރަށް ދޯހާގައިތިބި ހަމާސްގެ އޮފިޝަލުންތަކަކަށް އަމާޒުކޮށް އިސްރާއީލުން ދިން ހަމަލާ އަމާޒުވި ލީޑަރަކު އަލް ޖަޒީރާއަށް އިންޓަވިއުދެއްވައިފިއެވެ.

އަލް ޖަޒީރާއިން ރޭ ލައިވްކޮށް ގެނެސްދިނީ ހަމާސްގެ އެންމެ އިސްވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޣާޒީ ހަމަދުގެ އިންޓަވިއުއެކެވެ. އޭނާ ވިދާޅުވި ގޮތުގައި އިސްރާއީލުން ހަމަލާ ދިނީ ޣައްޒާގައި ހަމަލާތައް ހުއްޓުމަކަށް ގެނައުމާ ބެހޭ ގޮތުން އެމެރިކާއިން ހުށަހަޅާފައިވާ ހުށަހެޅުމަކާ ބެހޭ ގޮތުން މަޝްވަރާ ފެށިތާ ގަޑިއެއްގެ އިރު ވެސް ނުވަނީހެވެ.

"އަޅުގަނޑުމެން ތިބީ ބައްދަލުވުމެއްގައި، މުއާމަލާތްކުރާ ވަފުދާއި ބައެއް އެޑްވައިޒަރުން. ގަތަރުގެ މެދުވެރިންގެ ފަރާތުން ލިބުނު އެމެރިކާގެ ހުށަހެޅުން މުރާޖައާކުރަން ފެށިތާ ގަޑިއެއްގެ އިރު ނުވަނީސް އަޑުގަދަ ގޮވުންތަކެއްގެ އަޑު އިވެންފެށި،" ހަމަދް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވަގުތުން އެތަނުން ނުކުތީ. އަހަރުމެންނަށް އެނގޭ އެއީ އިސްރާއީލުން ދޭ ހަމަލާތަކެއްކަން"

ހަމާސްގެ އިސް ލީޑަރުން އަވަހާރަކޮށްލަން ދިން ހަމަލާގައި އިސްރާއީލުން ވަނީ ހަމާސްގެ ފަސް މެންބަރުންނާއި ގަތަރުގެ ސަލާމަތީ އޮފިޝަލަކު މަރާލާފައެވެ. އަމާޒުކޮށްފައިވާ މީހުންނަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި ހަނގުރާމަ ހުއްޓާލުމާއި ކެޕްޓިވްސް ޕްރޮޕޯސަލް އެކުލަވާލުމުގެ މަޝްވަރާތަކުގައި ބައިވެރިވި މީހުންނެވެ.

"ބޮން އެޅުން ވަރަށް ވަރުގަދަ. ހާލަތު ބިރުވެރި. އަދި ރޮކެޓްތައް ކުރިއަށް ދިޔައީ މަޑުޖެހުމެއް ނެތި. މިނިޓެއްހާއިރު ވެސް ނުވަނީސް ގާތްގަނޑަކަށް 12 ރޮކެޓް ފޮނުވާލި. ނަމަވެސް، މާތްالله ގެ ރަހުމަތުން އަހަރެމެން މި އުދުވާނުން ސަލާމަތްވީ،" އޭނާ ވިދާޅުވިއެވެ.

ހަމާސްއާ ގާތް ގުޅުން އޮންނަ ފަރާތްތަކުން ބުނާ ގޮތުގައި ހަމަދަކީ އިސްރާއީލުން ހަމަލާ ދިން އިމާރާތުގައި ތިއްބެވި ހަމާސްގެ ހަ ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އެ ގްރޫޕުގައި ހިމެނިވަޑައިގަންނަވަނީ އިސް ނެގޯޝިއޭޓަރު ޚަލީލް އަލް ހައްޔާއާއި ކުރީގެ ވެރިޔާ ޚާލިދު މިޝްއަލްއާއި ހުޅަނގު އައްސޭރީގެ ވެރިޔާ ޒަހެރް ޖަބަރީންއާއި ޕޮލިޓިކަލް ބިއުރޯގެ މެމްބަރުން ކަމަށްވާ ބާސިމް ނައީމާއި ތަހެރް އަލް ނޫނޫއެވެ.

އިސްރާއީލުން ގަތަރަށް ދިން ހަމަލާގެ ރައްދު ދޭނެ ގޮތަކާމެދު މަޝްވަރާކުރުމަށް އަރަބި އަދި އިސްލާމީ ގައުމުތަކުގެ ލީޑަރުން ވަނީ ކުއްލި ބައްދަލުވުމެއް ބާއްވާފައެވެ.

ނަމަވެސް، ބައްދަލުވުން ނިންމާލިއިރު މާ ބޮޑެތި ފިޔަވަޅުތަކެއް އަޅާނެ ކަމަށް ވައުދުވެފައެއްނުވެއެވެ.

ޣައްޒާގެ ސިއްޙަތާބެހޭ ވުޒާރާއިން ހާމަކުރާ ގޮތުގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި 65،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާއިރު އޭގެ ތެރޭގައި ގާތްގަނޑަކަށް 19،000 ކުޑަކުދިން ވެސް ހިމެނެއެވެ.

comment ކޮމެންޓް