އެއާ އިންޑިއާގެ ބޯޓު ވެއްޓުން: ތެޔޮ ފޮނުވާ ސްވިޗް އުފެއްދި ކުންފުންޏާ ދެކޮޅަށް ދައުވާކޮށްފި

އެއާ އިންޑިއާ ބޮއެންގް 787 ބޯޓު ވެއްޓިފައި. އެ ހާދިސާގައި އެކަކު ފިޔަވައި ބޯޓުގައިތިބި އެންމެން ވަނީ މަރުވެފައި. ފޮޓޯ/ރޮއިޓާސް

މިދިޔަ ޖޫން މަހު 12 ވަނަ ދުވަހު, އެއާ އިންޑިއާ ބޮއިންގް 787 ބޯޓެއް ވެއްޓުނު ހާދިސާ ހިނގާފައިވަނީ ބޯޓަށް ތެޔޮ ފޮނުވައިދިނުމަށް ބޭނުންކުރާ ސްވިޗްތަކުގެ މައްސަލައަކުން ކަމަށް ބުނެ، ސްވިޗް އުފެއްދި ހަނީވެލް ކުންފުންޏާއި ބޯޓު އުފެއްދި ބޮއެންގާ ދެކޮޅަށް، އެ ހާދިސާގައި މަރުވި ހަތަރު ފަސިންޖަރުންގެ އާއިލާތަކުން ދައުވާކޮށްފިއެވެ.

ޑެލަވޭއާ ސުޕީރިއާ ކޯޓަށް ހުށަހެޅި އެ މައްސަލައަކީ ބޯޓު ވެއްޓުމާ ގުޅިގެން އެމެރިކާގައި ކުރި ފުރަތަމަ ދައުވާއެވެ.

ނަމަވެސް, 260 މީހުން މަރުވި އެ ހާދިސާ ހިނގަން މެދުވެރިވީ ސްވިޗްތަކުގެ މައްސަލައަކުން ނޫން ކަމަށް އެމެރިކާގެ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ)އިން ވަނީ ބުނެފައެވެ.

ދައުވާ ކުރާ ފަރާތްތަކުން އިޝާރާތް ކުރަނީ 2018 ވަނަ އަހަރު އެފްއޭއޭއިން ދިން ލަފާއަކަށެވެ. އެ ލަފާގައި 787 ހިމެނޭ ގޮތަށް ގިނަ ބޯޓުތަކުގެ "ފިއުލް ކޮންޓްރޯލް ސްވިޗް ލޮކިން ފީޗާ" ބައެއް ފަހަރު ލޮކްނުވެ، ޑިސްއެންގޭޖްވާ މައްސަލަ ޗެކް ކުރުމަށް ބުނެފައިވެއެވެ.

ނަމަވެސް، އެއީ ނުރައްކާތެރި ކަމެއްގެ ގޮތުގައި ފާހަގަކުރުމުގެ ބަދަލުގައި އޭރު ބުނެފައި އޮތީ އެ މައްސަލަ ބެލުން "މަޖުބޫރު ނޫން ނަމަވެސް އެއީ އެދެވިގެންވާ" ކަމެއް ކަމަށެވެ. އެހެންވެ، އެކަމާ ގުޅޭ އިންސްޕެކްޝަނެއް ނުކުރާ ކަމަށް އެއާ އިންޑިއާއިން ވަނީ ތަހުގީގަށް މައުލޫމާތު ދީފައެވެ.

އެ ދައުވާއާ ގުޅިގެން ބޮއިންގްއިން އަދި ހަނީވެލްއިން ވެސް އެއްވެސް އެއްޗެއް ހާމަކޮށްފައެއްނުވެއެވެ.

ޖެޓްގެ ދެ ޕައިލެޓުންގެ މެދުގައި ދެއްކި ވާހަކަތަކުގެ ކޮކްޕިޓް ރިކޯޑިންއިން ދައްކާ ގޮތުގައި ކެޕްޓަން ވަނީ ބޯޓުގެ އިންޖީނުތަކަށް ތެޔޮ ފޮނުވާ ސްވިޗް "ރަން"އިން "ކަޓްއޯފް" ޕޮޒިޝަނަށް ބަދަލުކޮށްފައެވެ.

އެއާ އިންޑިއާ ބޮއިންގް 787 ބޯޓު އިމަރާތުގެ ތެރެއަށް ވަދެފައި. ފޮޓޯ/އޭޕީ

އާއިލާތަކުން ކުރި ދައުވާގައި ބުނެފައިވަނީ ސްވިޗްތައް ހުރީ ކޮކްޕިޓްގައި ނޭނގި ކޮއްޕާލުމުގެ ފުރުސަތު ބޮޑު ތަނެއްގައި ކަމަށާއި އެއީ ސްވިޗް ކަނޑާލީ ގަސްތުގައި ނޫންކަން އެނގޭ ހެއްކެއް ކަމަށެވެ.

ނަމަވެސް، އޭވިއޭޝަން ސޭފްޓީ ތަޖުރިބާކާރުން ރޮއިޓާސްއަށް ބުނީ ސްވިޗްތައް ހުރީ ނޭނގި ކަނޑާލެވޭ ކަހަލަ ގޮތަކަށް ޑިޒައިން ކޮށްފައި ނޫން ކަމަށެވެ.

އިންޑިއާގެ އަހުމަދުއާބާދުން އިނގިރޭސިވިލާތުގެ ލަންޑަނަށް މިދިޔަ ޖޫން މަހު 12 ވަނަ ދުވަހު ދަތުރުކުރި އެ ބޯޓު ވެއްޓުނީ ނައްޓާލިތާ މާ ގިނައިރެއް ނުވެއެވެ. ބޯޓު ވެއްޓުނީ މީހުން ދިރިއުޅޭ މެގަނީ ނަގަރު ނަމަކަށް ކިޔާ ސަރަހައްދަކަށެވެ. އެ ހާދިސާގައި އެ ސަރަހައްދުގައި ދިރިއުޅުނު 19 މީހުން ހިމެނޭހެން ޖުމުލަ 260 މީހުން މަރުވިއެވެ.

އެ ހާދިސާގެ ތަހުގީގު އަދިވެސް ދަނީ ކުރިއަށެވެ.

comment ކޮމެންޓް