ޝަރުތުހަމަނުވާ ބަޔަކަށް ފުލެޓު ދިން ކަމަށް ބުނެ، އަކްރަމާއި އިތުރު 3 މީހަކަށް ދައުވާކޮށްފި

ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން: އޭނާއާއި އިތުރު ތިން މީހަކަށް ވަނީ ދައުވާކޮށްފައި -- ސަން ފޮޓޯ/ މުސާ ނަދީމް

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓަށް ޝަރުތު ހަމަނުވާ ބަޔަކު ޝަރުތުހަމަވާ ކަމަށް ނިންމައި، ފުލެޓު ލިބޭ މީހުންގެ ލިސްޓުގައި ހިމެނި ކަމަށް ތުހުމަތުވާ މައްސަލައިގައި މިދިޔަ ސަރުކާރުގައި ފުލެޓު ކޮމިޓީގެ ޗެއާމަންކަން ކުރެއްވި އަކްރަމް ކަމާލުއްދީނާއި އިތުރު ތިން މީހެއްގެ މައްޗަށް ދައުވާކޮށްފިއެވެ.

މިދިޔަ ސަރުކާރުގައި ހިންގި ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ފުލެޓު ދިން ގޮތުގެ މައްސަލަ ތަހުގީގުކުރީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ންނެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން މިއަދު ބުނީ، މި މައްސަލައިގައި ޖުމުލަ ހަތަރު މީހެއްގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ މި މަހު 10 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ކަމަށެވެ. ދައުވާ އުފުލި މީހުންނަކީ:

  • ގެދޮރުވެރިޔާ ކޮމިޓީގެ ޗެއާމަންކަން ކުރެއްވި, ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް
  • އެ ކޮމިޓީގެ މެންބަރުކަން ކުރެއްވި، ހއ. އިހަވަންދޫ، ނެދުންގެ، މުޙައްމަދު ޢާރިފް
  • ހައުސިން މިނިސްޓްރީގެ ކުރީގެ ޑިރެކްޓާ ޖެނެރަލް، މއ. އިހާދޫ، އަޙްމަދު ވިޝާން ނަސީމް
  • ހައުސިން މިނިސްޓްރީގެ ކުރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު، މއ. ވިރާޙް، ޟިރުޣާމް ވަޙީދު

https://sun.mv/206857

ހަތަރު މީހުންގެ މައްޗަށް ވެސް ކޮށްފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލައިގެ އިތުރު ބައިތައް އޭސީސީއާއި ފުލުހުން ވެސް އަންނަނީ ތަހުގީގުކުރަމުންނެވެ. އެ ބައިތަކުގެ ތަހުގީގު ނިމުމުން، ދައުވާކުރެވޭ މިންވަރަށް ހެކި ހުރެއްޖެ ނަމަ ދައުވާކުރުމާ މެދު ގޮތެއް ނިންމާނެ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި ތުހުމަތުތަކަށް އަކްރަމް އިންކާރުކުރައްވައެވެ. އޭނާ މީގެ ކުރިން ވަނީ އިދާރީ ގޯހެއް އުޅެދާނެ ކަމަށާއި ނުބައި ކަމެއް ކޮށްފައި ނޯންނާނެ ކަމަށް ވިދާޅުވެފައެވެ.

https://sun.mv/206872

ޞާލިޙްގެ ވެރިކަން ނިމެން ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް 4،000 ފުލެޓު ލިބޭ މީހުންގެ ލިސްޓު ނެރުނީ ނޮވެންބަރު 4، 2023 ގައެވެ. އެ ލިސްޓާ މެދު ގިނަ ބަޔަކު ޝަކުވާ ކުރުމުން، ފުލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު އެ މަހުގެ 15ގައި ނެރުނެވެ.

އޭސީސީން ވަނީ އެ ލިސްޓު އެކުލަވާލައިފައިވަނީ ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް ކަމަށް ބުނެ، އެ ފުލެޓުތައް ހަވާލުކުރުން ހުއްޓުވައިފައެވެ.

އެއަށް ފަހު، މި ސަރުކާރުގެ ހައުސިން މިނިސްޓްރީން ލިސްޓު ބެލުމަށް ފަހު މިދިޔަ ފެބްރުވަރީ މަހު އިއުލާންކުރީ، 4،000 ފުލެޓުގެ ހައްގުވެރިންނަކީ 1820 މީހުން ކަމަށާއި ކުރީގެ ލިސްޓުން 53 ޕަސެންޓު މީހުންނަށް ދިން ޕޮއިންޓް ސައްހަ ނޫން ކަމަށެވެ.

ފުލެޓު ލިސްޓާ ގުޅޭ ގޮތުން ސަރުކާރަށް ގިނަ ބަޔެއްގެ ނުރުހުން އަމާޒުވެފައިވަނިކޮށް، ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވަނީ މި ސަރުކާރުން ފުލެޓު ދޭ ފައިނަލް ލިސްޓުގެ ގޮތުގައި ބަލާނީ ނޮވެންބަރު 15، 2023 ގައި ނެރެފައިވާ ލިސްޓު ކަމަށާއި އޭގެ އިތުރު ލިސްޓެއް ނުނެރޭނެ ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް