ބ. ތުޅާދޫގައި އިމާރާތްކޮށް ނިމިފައިވާ, ރޯހައުސްތައް ދޫކުރުން ލަސްވާތީ އެކަމާ ނުރުހުން ފާޅުކޮށް، ކައުންސިލް އިދާރާގައި މުޒާހަރާ ކުރާތީ ކައުންސިލްގެ ހިންގުން މިއަދު މެދުކަނޑާލައިފިއެވެ.
އެ މުޒާހަރާގެ ބައިވެރިއަކު 'ސަން'އަށް ބުނީ، މުޒާހަރާ ފެށީ އެރަށުގައި އިމާރާތްކޮށްފައިވާ 100 ރޯހައުސްތައް ލިބޭނެ މީހުންގެ ދާއިމީ ލިސްޓު މިއަދު އިއުލާނުކުރާނެ ކަމަށް ބުނެފައި އެކަން ނުކުރުމުން ކަމަށެވެ.
ރެއިން ފެށިގެން އެ މުޒާހަރާ ކުރަމުން އަންނައިރު، މިއަދު ހެނދުނު ތުޅާދޫ ކައުންސިލް ހުޅުވުމާ އެއްކޮށް އެތަނުގެ ތެރެއަށް ވަދެ, ރައްޔިތުންގެ ތެރެެއިން ބަޔަކު ވަނީ މުޒާހަރާ ކުރަން ފަށާފައެވެ.
އޭނާ ބުނީ، ރޭ ކައުންސިލްގައި އެކަމާ ގުޅޭ ބައްދަލުވުމެއް ބޭއްވި ނަމަވެސް ލިސްޓު އިއުލާނުނުކުރާ ކަމަށެވެ. ކައުންސިލަށް ލިސްޓު ނުނެރެވުނީ، އެކަމާ ގުޅޭ ހުކުމެއް އޮތްކަން ރޭ ކައުންސިލަށް އެނގުމުން ކަމަށެވެ.
"މިހާރު ޑިމާންޑަކީ ފުލެޓުތައް ދިނުން ރައްޔިތުންނަށް، އެނޫން ގޮތަކަށް މިތަނުން [ކައުންސިލް އިދާރާ] އިން ނުނިންކުންނަ ގޮތަށް މިތިބީ. ދާއިމީ ލިސްޓު އިއުލާނުކުރުން އޮތީ ކައުންސިލަށް," މުޒާހަރާގެ ބައިވެރިޔާ ބުންޏެވެ.
މިކަމާ ގުޅިގެން ތުޅާދޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު އަލިމަނިކު ވިދާޅުވީ، އެ ރޯހައުސްތަކުގެ ލިސްޓު އާންމުކުރުމާމެދު ގޮތެއް ނިންމުމަށް އެކަމާ ގުޅޭ ކޮމިޓީގެ ނިންމުން ރޭގެ ބައްދަލުވުމުގައި ފާހެއް ނުވި ކަމަށެވެ.
އެކަމުގައި ރައްޔިތުންގެ ކަންބޮޑުވުންތައް ހުރުމާ އެއްކޮށް މަސައްކަތް ކުރަމުން ދަނީ، ވީއެންމެ އަވަހަކަށް އިތުރު ޖަލްސާއެއް ބާއްވައިގެން އެކަމާ މެދު ގޮތެއް ނިންމަން ކަމަށް އަލިމަނިކު ވިދާޅުވިއެވެ.
އެކަމާ ގުޅޭ ބައްދަލުވުމެއް ބާއްވަން މާދަމާގެ ރޭ 22:30އަށް މިހާރު ކައުންސިލުން ތާވަލުކޮށްފައި އޮތް ނަމަވެސް އޭގެ ކުރިން ބައްދަލުވުމެއް ބާއްވަން ރައްޔިތުން ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންވެ، އެކަމަށް ގޮތެއް ނިންމުމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ހިމެނޭހެން ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކާ ވާހަކަދައްކަމުން އަންނަކަން އަލިމަނިކު ފާހަގަކުރެއްވިއެވެ.
މުޒާހަރާގެ ބައިވެރިން އަޑުގަދަކޮށް، ޖާގައިގެ ދަތިކަން ހުރުމާ އެއްކޮށް ކައުންސިލްގެ ހިންގުން މެދުކަނޑާލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ޖާގައިގެ ދަތިކަން ހުންނަ ގޮތުންނާއި އަޑުގަދަކޮށް ހަޅޭއްލަވަންޏާ ނަފުސާނީ ގޮތުން ވެސް މުވައްޒަފުންނަށް ބިރުވެރިކަން ލިބޭނެތީ ކެބިންތަކުން މުވައްޒަފުން ބޭރުކޮށްގެން އަޅުގަނޑުމެންގެ ދެކުނު ފަރާތުގައި އޮންނަ ސަރަހައްދެއްގައި މަޑުކޮށްލައިގެން މިތިބީ" އޭނާ ވިދާޅުވިއެވެ.
މީގެކުރިން ވެސް ރޯސްތައް ދޫކުރުން ލަސްވެ، ބައެއް ރަށްތަކުގައި މުޒާހަރާކޮށްފައި އެބަހުއްޓެވެ.
ތުޅާދޫގައި އޮންނަނީ އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޮތް ކައުންސިލެކެވެ. ނަމަވެސް އެ ދާއިރާގެ މެންބަރަކީ ސަރުކާރާ ވަރަށް ގުޅުން ބޮޑު, އަމިއްލަ މެންބަރެއް ކަމަށްވާ, އަބްދުލްހަންނާން އަބޫބަކުރެވެ.