މީޑިއާ ބިލް ތަސްދީގު ނުކުރަން ނޫސްވެރިން ގޮވާލަމުން ދަނިކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެ ބިލް ތަސްދީގު ކުރައްވައިފިއެވެ.
ސަރުކާރަށް މީޑިއާތައް ކޮންޓްރޯލް ކުރުމުގެ ބާރު ލިބިދޭ ގޮތަށް، މިދިޔަ މަހުގެ 18ގައި ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުއްވީ، ސަރުކާރާ ގުޅުން އޮންނަ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރެވެ.
އެ ބިލު ހުށަހެޅުމާއެކު ސަރުކާރުން ވަނީ އެ ބިލަށް ތާއިދުކުރާކަން ހާމަކޮށްފައެވެ. އަދި މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަނީ ބިލުގެ ދިރާސާގައި ބައިވެރިވެވަޑައިގަތް ކަމަށް ވެސް ވިދާޅުވެފައެވެ.
އެ ބިލު ހުށަހެޅި ދުވަހުން ފެށިގެން ނޫސްވެރިން އަންނަނީ ބިލާ މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ބިލު ފުރަތަމަ އޮތް ގޮތުން، މީޑިއާތައް ބަލަހައްޓާ ކޮމިޝަނުގެ ހަތް މެންބަރުންގެ ތެރެއިން ތިން މެންބަރުންނާއި ކޮމިޝަނުގެ ރައީސް ވެސް އައްޔަންކުރައްވަނީ ރައީސުލްޖުމްހޫރިއްޔާއެވެ. އަދި މީޑިއާގެ މައްސަލައެއް ބަލަމުންދާއިރު ރަޖިސްޓްރީ ބާތިލުކުރުމުގެ ބާރާއި ވަކިވަކި ނޫސްވެރިންނަށް ފިޔަވަޅު އެޅުމުގެ ބާރު ވެސް ލިބިދީފައިވެއެވެ.
އެ ބިލުގެ ބަހުސްގައި ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕު (ޕީޖީ)ގެ ލީޑަރު އިބްރާހިމް ފަލާހް ނޫސްވެރިން 'އުލުބައިންދަން' ގޮވާލި މައްސަލަ ވެސް ބޮޑުވިއެވެ.
އެހެންވެ، އެ ބިލާ ދެކޮޅަށް ނޫސްވެރިން ވަނީ މަޖިލިސް ދޮށުގައާއި ރައީސް އޮފީސް ކައިރީގައިއައި ރައީސްގެ ގެކޮޅު ކައިރީގައި ވެސް މުޒާހަރާކޮށްފައެވެ.

މީޑިއާތައް ކޮންޓްރޯލް ކުރާ ބިލާ ދެކޮޅަށް ކުރި މުޒާހަރާގެ ތެރެއިން: ރައީސް އެ ބިލް ތަސްދީގު ކުރެއްވުމުން، މިހާރު ވަނީ އަމަލުކުރަން ޖެހޭ ގާނޫނަކަށް ވެފައި --- ސަން ފޮޓޯ: އަޙްމަދު ފިރިޔަލް
އެ ކަންބޮޑުވުންތަކާ ގުޅިގެން މިދިޔަ މަހުގެ 28ގައި ރައީސް، ނޫސްވެރިންނާ ބައްދަލުކުރައްވައި މިއީ 'މީޑިއާ ޕްރޯ' ސަރުކާރެއް ކަމަށާއި ބިލަށް އިސްލާހު ހުށަހަޅާނެ ކަމަށް ވިދާޅުވެފައެވެ. އަދި ފަލާހުގެ މައްސަލަ ބަލާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
އޭގެ ފަހުން، ބަންޑާރަ ނައިބު އަހުމަދު އުޝާމް ވަނީ ބިލަށް އިސްލާހުތަކެއް ހުށަހަޅުއްވައިފައެވެ. އޭގެ ތެރޭގައި ވަކިވަކި ނޫސްވެރިންނަށް ފިޔަވަޅު އެޅުމުގެ މާއްދާ އުވާލުމާއި ކޮމިޝަނަށް މެންބަރުން ކަނޑައެޅުމާއި ވަކިކުރުމުގައާއި ކޮމިޝަނުގެ ރައީސް އައްޔަނުކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ ދައުރެއް ނުހިމެނޭ ގޮތަށް ބިލުގެ ތިން މާއްދާއެއް ހުށަހަޅަން އޭޖީން ވަނީ ހުށަހަޅައިފައެވެ.
އެ ބިލާ ގުޅޭ ގޮތުން މަޖިލީހުން ނޫސްވެރިންގެ ޚިޔާލު ހޯދުމުން، ހާޒިރުވި މީޑިއާތަކުން ވެސް ވަނީ ބިލާ ދެކޮޅު ކަމަށް ބުނެފައެވެ. އަދި ބިލު ތަސްދީގު ކުރުމުން އުވާލެވޭ، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އާއި ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)އިން ވެސް ވަނީ ބިލާ ގުޅޭ ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ.
އެ ބިލް ފާސްކޮށްފި ނަމަ މީޑިއާތަކުން އަމިއްލައަށް ރެގިއުލޭޓް ކުރުމުގެ ބާރު ގެއްލޭކަން ނޫސްވެރިން މަޖިލީހުގައި ފާހަގަކުރިއިރު، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން ވަނީ ދެ ކޮމިޝަން އެއްކޮށްލުމާ ދެކޮޅުކަމަށް ބުނެފައެވެ.
އެ ބިލް ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދައުރުން ބޭރުން ބޭއްވި ބައްދަލުވުންތަކަށް ނޫސްވެރިންނާއި އިދިކޮޅު އެމްޑީޕީއާއި އާންމުން ވެސް ހާޒިރުވިއެވެ. އެއް ބައްދަލުވުމެއްގައި ނޫސްވެރިން ކޮމިޓީން ނެރެފައި ވެސްވެއެވެ. މަޖިލީހުން ވަނީ އެއީ ނޫސްވެރިން ސިއްރު ބައްދަލުވުމަކަށް ގަވާއިދާ ޚިލާފަށް ވަދެ ހުރަސްއެޅުމުން ކަމަށް ބުނެފައެވެ.
އެ ބިލު މިދިޔަ ހޯމަ ދުވަހު ކޮމިޓީން ފާސްކުރީ، ކޮމިޓީ ތެރޭގައި ނޫސްވެރިންނާއި އާންމުން ވެސް ހިމެނޭ ގޮތަށް އިހުތިޖާޖު ކުރަމުން ދަނިކޮށް ނެގި ވޯޓެއްގައެވެ. އެ ކޮމިޓީގައި ވަނީ، ބިލާ ދެކޮޅަށް 151 ނޫސްވެރިންގެ ސޮޔާއެކު ހުށަހަޅާފައިވާ ކަންބޮޑުވުންތަކަށް، ބިލަށް ގެނައި އިސްލާހުތަކުން ފަރުވާދީފައިވާ ކަމަށް ވެސް ފާސްކޮށްފައެވެ.

މީޑިއާ ބިލު ދިރާސާކުރި ކޮމިޓީ: އެ ބިލު ކޮމިޓީން ފާސްކުރީ، ނޫސްވެރިން އިހުތިޖާޖު ކުރަމުން ދަނިކޮށް -- ފޮޓޯ/ އަނޫފް ޖުނައިދު، ދައުރު
އޭގެ ޖެހިގެން އައި ދުވަހު، މަޖިލީހުގައި ސުޕަމެޖޯރިޓީ އޮންނަ، ވެރިކަން ކުރާ ޕީއެންސީން ބިލް ފާސްކުރަން ނިންމައި، ދައުރުން ބޭރުން ޖަލްސާއަށް ބާއްވަން ނިންމިއެވެ. އާންމު ގޮތެއްގައި ޖަލްސާތަކުގެ އެޖެންޑާ، ޖަލްސާ އޮންނަ ދުވަހުގެ ކުރީރޭ ހާމަކުރާ ނަމަވެސް ހޯމަ ދުވަހުގެ ރޭ މަޖިލީހުން އެޖެންޑާ ހާމަކޮށްފައިނުވެއެވެ. އަދި ޖަލްސާ އާންމުކޮށް ބާއްވަނީ ހެނދުނު ނަމަވެސް، އަންގާރަ ދުވަހު ޖަލްސާ ބޭއްވީ ހަވީރެވެެ.
އެންމެ ފުރަތަމަ ޖަލްސާ ބާއްވަން ނިންމީ 16:00ގައި ނަމަވެސް، ފަހުން ޖަލްސާ 17:00އަށް ލަސްކުރީއެވެ. އެ ބިލާ ދެކޮޅަށް މަޖިލިސް ދޮށުގައި ނޫސްވެރިންނާއި އިދިކޮޅުން ދިޔައީ މުޒާހަރާ ކުރަމުންނެވެ.
ހަވީރު ޖަލްސާ ފެށިއިރު ވެސް އިދިކޮޅު އެމްޑީޕީގެ މެންބަރުން ދިޔައީ ތަޅުމުގައި ބިލާ ދެކޮޅަށް އިހުތިޖާޖު ކުރަމުންނެވެ. އެހެންވެ، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ބައެއް މެންބަރުންގެ ނަން އިއްވައި، މެންބަރުން ބޭރުކުރެއްވިއެވެ.
ވެރިކަން ކުރާ ޕީއެންސީގެ ސުޕަމެޖޯރިޓީން ބިލް ފާސްކުރީ 60 މެންބަރުންގެ ވޯޓުންނެވެ. ބިލާ ދެކޮޅަށް ވޯޓުދެއްވީ ވެލިދޫ ދާއިރާގެ އެމްޑީއޭގެ މެންބަރު މުހައްމަދު އައްބާސް އެކަންޏެވެ.
އެ ބިލު ފާސްކޮށްފައިވަނީ ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް ފަހު ކަމަށް ސަރުކާރުން ބުނި ނަމަވެސް، ނޫސްވެރިން ވަނީ އަދިވެސް ކަންބޮޑުވުންތައް ހުރި ކަމަށް ބުނެ ސިލްސިލާ ހަރަކާތްތަކެއް ބާއްވަން ނިންމައިފައެވެ.
މީޑިއާ ގާނޫނާ ގުޅޭ ގޮތުން ހުރި ބައެއް ކަންބޮޑުވުންތައް:
- 39 ވަނަ މާއްދާގައި ނޫސްވެރިކަން ކުރެވޭނެ ވަކި ހަމަތަކެއް ކަނޑައެޅުން. ކޮމިޝަނުން ބޭނުންވެއްޖެ ހިނދެއްގައި މުޅި މާނަ އަނބުރާލައި، ނުނިޔަތުގައި ވަކިވަކި މާއްދާތަކުގެ ނާޖާއިޒު ފައިދާ ނެގޭނެ ގޮތަށް އޮތުން.
މިސާލަކަށް: ގައުމީ ސަލާމަތާއި ރައްކާތެރިކަން ދަމަހައްޓަން ޖެހޭ ކަމަށް ބަޔާންކޮށްފައި އޮތްއިރު، އެއީ ވަރަށް ފުޅާ މާނައެއްގައި މާނަކުރެވި ފިޔަވަޅު އެޅިދާނެ ކަމަކަށް ވުން.
- ސުލޫކީ މިންގަނޑުގައި ހިމަނަންޖެހޭ ކަންކަން ބަޔާންކުރާ މާއްދާއިން، ފަރުދުންގެ މިނިވަންކަމަށް އިހުތިރާމު ކުރުމާއި ދޮގު މައުލޫމާތާއި ޚަބަރު ނުފެތުރުމަށް ބަޔާންކޮށްފައިވުން. އެ މާއްދާގައި ވެސް ވަރަށް ފުޅާކޮށް މާނަ ނެގޭ ގޮތަށް އޮތުމުން، ބާރުވެރި ފަރާތްތަކުން އޭގެ ފައިދާ ނެގުމުގެ ކަންބޮޑުވުން