ނޫސްވެރިންނަށް އަނިޔާވެރިއެއް ނުވަން، ބެލީ ވިސްނައިދީގެން މުޒާހަރާ ހުއްޓުވަން: ފުލުހުން

މީޑިއާތައް ކޮންޓްރޯލް ކުރާ ބިލާ ދެކޮޅަށް ނޫސްވެރިންނާއި، ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމުގެ ދިފާއުގައި މަސައްކަތް ކުރާ މީހުން އަޑުއުފުލުން--- ސަން ފޮޓޯ: އަޙްމަދު ފިރިޔަލް

މީޑިއާ ކޮންޓްރޯލް ބިލާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ ހުންނަ ސަރަހައްދުގައި ނޫސްވެރިން ކުރި އިހުތިޖާޖުގެ ބައިވެރިންނަށް އަނިޔާވެރިވެފައިނުވާނެ ކަމަށާއި ބޮޑަށް ބެލީ ވިސްނައިދީގެން މުޒާހަރާ ހުއްޓުވޭތޯ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފިއެވެ.

އަންގާރަ ދުވަހު ކުރި މުޒާހަރާގައި ފުލުހުން ނޫސްވެރިންނާއި މުޒާހަރާގެ ބައިވެރިންނަށް އަނިޔާވެރިވި މައްސަލަ އިދިކޮޅު އެމްޑީޕީގެ ފަރާތުން ވަނީ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)އަށް ހުށަހަޅާފައެވެ.

އެ މައްސަލައިގައި ފުލުހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން ހުއްދަކޮށްފައިވާ ސަރަހައްދުތައް ފިޔަވާ އެހެން ތަނަކަށް އެއްވާނަމަ ފުލުހުންގެ ހުއްދައެއް ލިޔުމުން ހޯދަންޖެހޭނެ ކަމަށެވެ. ނޫސްވެރިންގެ މުޒާހަރާއަށް ހުރަސްއެޅީ އެފަދަ ހުއްދައެއް ހޯދާފައިނުވާތީއާއި މަޖިލީސް ކުރާ ސަރަހައްދަކީ އެއްވުން މަނާ ސަރަހައްދަކަށް ވުމުން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، އެ ސަރަހައްދުގައި ހަރަކާތްތެރިވީ ގާނޫނާ ޚިލާފު އެއްވުމެއް ހުއްޓުވުމަށާއި އާންމު ރައްޔިތުންނާއި މަޖިލިސް މެންބަރުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގާނޫނީ ވާޖިބު އަދާކުރަން ކަމަށެވެ.

https://sun.mv/211489

އެ ސަރަހައްދަށް މުޒާހަރާގެ ބައިވެރިން ވަދެފައިވަނީ ފުލުހުންގެ އޮޕަރޭޝަނަށް ހުރަސްއަޅާފައި ކަމަށް އެ ޚިދުމަތުން ނެރުނު ބަޔާނުގައި ވަނީ ތުހުމަތުކޮށްފައެވެ. ފުލުހުން ބުނީ، އެ މުޒާހަރާ ހުއްޓުވަން ބާރުގެ ބޭނުންކޮށްފައިވާނީ ޕްރޮފެޝަނަލް މިންގަނޑުގެ ތެރެއިން ކަމަށާއި އާންމުކޮށް ބޭނުންކުރާ ކަރުނަ ގޭހާއި، ބެޓަންފަދަ ތަކެތި ބޭނުންކޮށްފައިނުވާނެ ކަމަށެވެ.

"މުޒާހަރާ ކޮންޓްރޯލް ކުރުމުގައި، ކޮންމެހެން އެހެންގޮތަކަށް އަމަލުކުރަން ޖެހުނު ހާލަތެއްގައި ފިޔަވައި، ދިވެހި ފުލުހުންގެ ޚިދުމަތުން އިސްކޮށްފައިވާނީ މަޝްވަރާކޮށް، ވާހަކަދައްކައި ވިސްނައިދީގެން، ހާލަތު ގޯސްވިޔަނުދީ ރައްކާތެރިކަން ކަށަވަރު ކުރުމެވެ،" އެ ބަޔާނުގައިވެއެވެ.

ފުލުހުން ބުނީ، މުޒާހަރާ ރޫޅާލުމުގައި ވެސް އަމަލުކޮށްފައިވާނީ މި ފަދަ އެއްވުންތައް ރޫޅާލުމުގައި އަމަލުކުރާ މިންގަނޑުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އަދި، މުޒާހަރާ ރޫޅާލައި، ބައިވެރިން ފަހަތަށް ޖައްސަން ވެސް ކުރިން ފާހަގަކުރި ފަދަ ބާރުގެ ބޭނުމެއް ކޮށްފައިނުވާނެ ކަމަށް އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ނޫސްވެރިންގެ މުޒާހަރާގައި ބައިވެރިވި މީހެއްގެ ގަމީސް ވީދިފައި: ފުލުހުން ވަނީ އަނިޔާވެރިނުވާ ކަމަށް ބުނެފައި --- ސަން ފޮޓޯ/ އަޙްމަދު ފިރިޔަލް

"މި އޮޕަރޭޝަން ކުރިއަށް ގެންދިއުމުގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކޮށްފައިވާކަމަށް ކުރާ ތުހުމަތުތަކަކީ އެއްވެސް ހަގީގަތެއްގެ މައްޗަށް ބިނާވެފައިވާ ތުހުމަތުތަކެއް ނޫންކަން ފާހަގަކުރަމެވެ. އޮޕަރޭޝަންގެ ހުރިހާ މަރުހަލާއެއްގައި ވެސް، ފުލުހުން އަމަލުކޮށްފައިވަނީ އޮޕަރޭޝަނަލް އުސޫލުތަކާ އެއްގޮތަށް، އަމަން އަމާންކަން ދެމެހެއްޓުމަށާއި މުޒާހަރާކުރާ ފަރާތްތަކާއި އޮފިސަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކޮންމެހެން ބޭނުންވާ އެންމެ ކުޑަ މިންވަރުގެ ބާރު ބޭނުންކޮށްގެންނެވެ،" ފުލުހުން ބުންޏެވެ.

މީގެ އިތުރުން، އެއްވުމުގެ ބައިވެރިންނަށް އަނިޔާކުރާ ފަދަ މޭރުމަކުން ދައުރުކުރާ ފޮޓޯތަކަކީ ވަކި އޭންގަލްއަކުން ނަގައިގެން ހަގީގަތް އޮޅޭ ގޮތަށް ދައުރުކުރާ ފޮޓޯތަކެއް ކަމަށް އެ ބަޔާނުގައި ވަނީ ތުހުމަތުކޮށްފައެވެ.

އަނިޔާވެރިވިކަން ފުލުހުން ދޮގުކުރި ނަމަވެސް އެ ދުވަހުގެ މުޒާހަރާ ކޮންޓްރޯލްކުރުމުގައި އަމަލުކުރި ގޮތުގެ ރިވިއުއެއް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ހަދަމުން އަންނަކަން ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

https://sun.mv/211467

"މި ރިވިއުގެ ނަތީޖާއިން، ފުލުހުން އަމަލުކުރަންޖެހޭ އެއްވެސް އުސޫލަކާ ހިލާފު އަމަލެއް ފާހަގަކުރެވިއްޖެނަމަ، ނުވަތަ އެއްވެސް ބާވަތެއްގެ ނޭދެވޭ އަމަލެއް ހިންގާފައިވާކަން ފާހަގަކުރެވިއްޖެނަމަ، އެކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ވާހަކަ ދަންނަވަމެވެ،" ބަޔާނުގައިވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ތުހުމަތުތައް ދޮގުކުރި ނަމަވެސް ފުލުހުން އަނިޔާކުރި ކަމަށް ބައެއް ނޫސްވެރިން ވަނީ ބުނެފައެވެ. އަދި، ބައެއް މީހުންނާއި ނޫސްވެރިންނަށް އެއްވުމުގެ ތެރެއިން އަނިޔާވެފައިވާ ފޮޓޯތައް ވެސް އަންނަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ.

ނޫސްވެރިން އެ ދުވަހު އިހުތިޖާޖުކުރީ މީޑިއާތައް ކޮންޓްރޯލްކުރެވޭ ގޮތަށް އޮތް މީޑިއާ ބިލާ ގުޅޭ ގޮތުންނެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ އެ ބިލު ތަސްދީގުކުރައްވާފައެވެ. އެ ބިލާ މެދު ކަންބޮޑުވުންތައް ހުރުމުން ދުނިޔެގެ ސަމާލުކަން ވެސް ލިބުނެވެ. އަދި، އެމެރިކާއާއި ނޫސްވެރިކަމަށް ވަކާލާތުކުރާ ބައިނަލްއަގުވާމީ ޖަމިއްޔާތަކާއި ދިވެހި ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް ވަނީ ބިލާ ގުޅޭ ގޮތުން މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށްފައެވެ.

comment ކޮމެންޓް