ދަރަނި ފަސްކޮށްދިނުމުން ޚަލީލްގެ ޝުކުރާއި ތައުރީފު އިންޑިއާއަށް

ފޮރިން މިނިސްޓަރު ޚަލީލާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރު: ޚަލީލް ވަނީ އިންޑިއާއަށް ޝުކުރު އަދާކުރައްވާފައި -- ފޮޓޯ: ފޮރިން މިނިސްޓްރީ

އިންޑިއާއަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ އިތުރު ދަރަންޏެއް ފަސްކޮށްދިނުމުން ފޮރިން މިނިސްޓަރު އަބްދުﷲ ޚަލީލް މިއަދު އިންޑިއާއަށް ތައުރީފުކުރައްވައި ޝުކުރު އަދާކުރައްވައިފިއެވެ.

އިންޑިއާއިން ވަނީ އެ ގައުމަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ ޓީ-ބިލެއް ދެއްކުން ފަސްކޮށްދީފައެވެ. މިދިޔަ މޭ މަހު ވެސް އެ ގައުމަށް ދައްކަންޖެހޭ އެހެން 50 މިލިއަން ޑޮލަރެއް ދެއްކުން އެ ގައުމުން ފަސްކޮށްދިނެވެ.

އެ ކަމަށްޓަކައި އިންޑިއާއަށް ޝުކުރު އަދާކުރައްވައި ފޮރިން މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ކަމުގެ ސަބަބުން ރާއްޖެއަށް ބޭނުންޖެހިފައިވާ ބަޖެޓް ސަޕޯޓު ލިބިފައިވާ ކަމަށެވެ. އެހެންވެ، އޭނާ ވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރަށް ޝުކުރު އަދާކުރައްވާފައެވެ.

އިންޑިއާގެ ދީލަތި އެހީން ރަމްޒުކޮށްދެނީ ދެ ގައުމުގެ ގާތް ގުޅުން ކަމަށާއި ފިސްކަލް ހަމަޖެހުން ގެނައުމަށް ދިވެހި ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް މި ކަމުގެ ސަބަބުން ބޮޑު އެހީތެރިކަމެއް ލިބޭނެ ކަމަށް ޚަލީލް ވިދާޅުވެފައިވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އިންޑިއާގެ އެހީތެރިކަމަށް ފިނޭންސް މިނިސްޓްރީން ވެސް ވަނީ ޝުކުރު އަދާކޮށްފައެވެ.

https://sun.mv/211477

އެ ގައުމުން ރާއްޖެއަށް މި އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، ރާއްޖޭގައި 60 ވަނަ މިނިވަންދުވަހާ ގުޅުވައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ވެސް ރާއްޖެއަށް ވަނީ 565 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނެއް ހަމަޖައްސައިދެއްވާފައެވެ.

ރާއްޖެއަށް ވަނީ ދަރަނި ބޮޑުވެ، ކަންބޮޑުވުން އިތުރުވެފައެވެ. އެ ގޮތުން، މި އަހަރު ވެސް 600 މިލިއަނެއްހާ ޑޮލަރު ދަރަންޏަށް ދައްކަންޖެހޭއިރު އަންނަ އަހަރު އެ އަދަދު 1.1 ބިލިއަން ޑޮލަރަށް އަރާނެއެވެ. ސަރުކާރުން އަންނަނީ ދަރަނިތައް އަދާކުރެވޭނެކަމުގެ ޔަގީންކަން ދެމުންނެވެ.

އެކަމަކު، ދަރަނި ބޮޑުވާތީ އެންމެ ބޮޑު ބައިނަލްއަގުވާމީ ދެ ކްރެޑިޓް ރޭޓިން އެޖެންސީން ރާއްޖޭގެ ރޭޓިން އޮތީ 'ޖަންކް'ގައި ދަމަހައްޓާފައެވެ. އެއީ، ދަރަނި ނުދެއްކިދާނެކަމުގެ ބިރު ބޮޑުވުމުންނެވެ.

comment ކޮމެންޓް