ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރެއްވި މީޑިއާ ކޮންޓްރޯލް ބިލަކީ ގާނޫނުއަސާސީއާ ޚިލާފު ބިލެއް ކަމަށާއި އެ ގާނޫނަށް އަމަލުނުކުރާނެ ކަމަށް ނޫސްވެރިންގެ ޖަމިއްޔާ (އެމްޖޭއޭ)އިން މިއަދު ބުނެފިއެވެ.
ބިލު ތަސްދީގުނުކުރައްވަން ނޫސްވެރިން އެދިއެދި އޮއްވާ ރައީސް މުއިއްޒު މިއަދު ވަނީ ބިލު ތަސްދީގުކުރައްވާފައެވެ. އެހެންވެ، މިހާރު އެ ގާނޫނަށް އަމަލުކުރަން ޖެހޭނެއެވެ.
ނޫސްވެރިންގެ ޖަމިއްޔާއިން މިއަދު ވަނީ ކަންބޮޑުވުންތައް އޮއްވާ ރައީސް މި ބިލު ތަސްދީގުކުރެއްވުން ކުށްވެރިކޮށްފައެވެ. އަދި، މި ގާނޫނާ އެކު ނޫސްވެރިކަމުގެ މިނިވަންކަމާއި ޚިޔާލު ފާޅުކުރުމުގެ އަސާސީ މިނިވަންކަމަށް ހުރަސްއެޅޭނެ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
އާ ގާނޫނާއެކު އުފައްދާ ކޮމިޝަނަކީ ސިޔާސީ ނުފޫޒު ވަންނަ ގޮތަށް އޮތް ކޮމިޝަނެއްކަން ފާހަގަކޮށް އެމްޖޭއޭއިން ބުނީ، މި ބިލާ އެކު ވެބްސައިޓުތައް ބްލޮކްކުރުމާއި، ބްރޯޑްކާސްޓަރުންގެ ލައިސަންސް ބާތިލުކުރުމުގެ އިތުރުން ބޮޑެތި ޖޫރިމަނާތައް ކުރުމުގެ ފުރުސަތު ހުޅުވިފައި އޮތް ކަމަށެވެ.
މިއީ ނޫސްވެރިންނަށް ބިރުދެއްކުމުގެ އަމަލެއްގެ ގޮތުގައި އެ ޖަމިއްޔާއިން ވަނީ ފާހަގަކޮށްފައެވެ.
"މި ގާނޫނަށް އަމަލެއް ނުކުރާނަން. އަދި، މި ގާނޫނުއަސާސީއާ ޚިލާފު ގާނޫނާ ދެކޮޅަށް ނޫސްވެރިންނާއި އާންމުންނާ ގުޅިގެން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން،" ބަޔާނުގައިވެއެވެ.
އެ ބިލު ހުށަހެޅި ދުވަހުން ފެށިގެން ނޫސްވެރިން އަންނަނީ ބިލާ މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަންގާރަ ދުވަހު މަޖިލީހުން ބިލު ފާސްކުރީ ވެސް އެ ސަރަހައްދުގައި ނޫސްވެރިން އިހުތިޖާޖުކޮށްކޮށް އޮއްވައެވެ. އޭގެ ފަހުން ނޫސްވެރިން ވަނީ ބިލު ތަސްދީގުނުކުރަން ވެސް ގޮވާލާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި ބިލާ ގުޅިގެން ނޫސްވެރިކަމުގެ މިނިވަންކަމަށް ވަކާލާތުކުރާ ބައިނަލްއަގުވާމީ ޖަމާއަތްތަކާއި މީޑިއާ ކައުންސިލާއި، ބްރޯޑްކާސްޓިން ކޮމިޝަން އަދި ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. ބިލު ފާސްކުރުމާ އެކު ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ނަގަހައްޓަން އެމެރިކާއިން ވެސް ގޮވާލިއެވެ.
ސަރުކާރުން ވަނީ މީޑިއާ ބިލުގައި ނޫސްވެރިން ކަންބޮޑުވާ ގޮތަށް ހުރި މާއްދާތައް އިސްލާހުކޮށްފައިވާ ކަމަށް ބުނެފައެވެ. އެކަމަކު، އެމްޖޭއޭއިން ވަނީ ބިލު ފާސްކުރީ ކަންބޮޑުވުންތަކަށް ހައްލެއް ނުގެނެސް ކަމަށް ބުނެފައެވެ. ގިނަ ނޫސްވެރިން އަންނަނީ ގާނޫނާ މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.