ޓެކްސީ ލައިން ތައާރަފުކުރުން އަނެއްކާވެސް ލަސްވެއްޖެ؛ މިފަހަރު ތާރީޚެއް ނެތް

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން، އެއާޕޯޓްގައި ޓެކްސީ މަޑުކުރާ ސަރަހައްދުގައި: ވިދާޅުވީ، ޓެކްސީ ޚިދުމަތް ތައާރަފްކުރުމުގެ މަސައްކަތުގައި މިހާރު ކުރިއަށްދަނީ އެންމެ ފަހުގެ މަރުހަލާ ކަމަށް -- ފޮޓޯ/ ޓްރާންސްޕޯޓް މިނިސްޓްރީ

ސަރުކާރުން މިހާރު އަންނަނީ ޓެކްސީ ލައިންގެ ޚިދުމަތް ތައާރަފުކުރުމަށްޓަކައި ފަހުގެ ތައްޔާރީތައް ވަމުން ކަމަށާއި، ނަމަވެސް އެ ޚިދުމަތް ފެށޭނެ ސީދާ ތާރީޚެއް އަދި ހާމަކުރެވެން ނެތް ކަމަށް، ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެއެވެ.

މިދިޔަ އޭޕްރިލް މަހު ދައުލަތުގެ މީޑިއާ 'ޕީއެސްއެމް'ގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އަމީން ވަނީ، ޖުލައި މަހު ސަރުކާރުގެ ޓެކްސީގެ ޚިދުމަތް ފެށޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ. އެއަށްފަހު، ޖޫން މަހު އޭނާ ވިދާޅުވީ ޓެކްސީ ލައިންގެ ޚިދުމަތް ފެށޭނީ އޮގަސްޓް މަހު ކަމަށެވެ.

ނަމަވެސް މިނިސްޓަރު ދެއްވި ދެ މުއްދަތުގައި ވެސް ޓެކްސީ ލައިންގެ ޚިދުމަތް ފެށިފައެއް ނުވެއެވެ.

https://sun.mv/207044

އެހެންވެ، "ސަން"އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ކާރު ޚިދުމަތަށް ތައްޔާރުކުރުމުގެ މަސައްކަތް މިހާރު އޮތީ އެންމެ ފަހު މަރުހަލާގައި ކަމަށާއި، ކާރުތަކުގެ ބައެއް ބައިތަކަށް ބަދަލު ގެންނަން އަންގާފައިވާނެ ކަމަށެވެ.

"ނުކުޅެދޭ ކުދިންނަށްވެސް ދަތިތަކެއް ހުރޭ ކާރަށް ބޯޑުކުރުމާއި އެރުމަށް، އެހެންވީމާ ބައެއް ކާރުތަކަށް އެފަދަ މޮޑިފިކޭޝަނެއް ގެނައުމުގެ ވިސްނުމެއް އަޅުގަނޑުމެންގެ އެބަހުރި،" މިނިސްޓަރު ވިދާޅުވިއެވެ.

ސަރުކާރުގެ ޓެކްސީ ލައިންގެ ކާރުތައް ހުންނާނެ ގޮތުގެ ކުރެހުމެއް: ޓެކްސީ ލައިންގައި ބޭނުންކުރާ ކާރުތަކަށް ބައެއް ބަދަލުތައް ގެންނާނެ ކަމަށް އަމީން ވިދާޅުވި -- ފޮޓޯ/ ޓްރާންސްޕޯޓް މިނިސްޓްރީ

ޚިދުމަތް ފެށޭނެ ސީދާ ތާރީޚެއް ވިދާޅުނުވި ނަމަވެސް، އެ ތާރީޚު ފަހުން އަންގަވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އަމީން މީގެ ކުރިން ވަނީ، ޓެކްސީ ލައިންގެ ޚިދުމަތް ފަށާއިރު އެކި ސައިޒުތަކުގެ ކާރު ހިމެނޭނެ ކަމަށާއި އޭގެ ތެރޭގައި މާލޭގެ ކުދިކުދި މަގުތަކަށް ވަދެވޭ ސައިޒުގެ ކާރުތައް ވެސް ހިމެނޭނެ ކަމަށް ވިދާޅުވެފައެވެ. ޓެކްސީ ޑްރައިވަރުން ބޭނުންވާ ވަގުތުތަކުގެ ބަދަލުގައި އާންމުން އެންމެ ބޭނުންވާ ވަގުތުތަކުގައި އެ ޚިދުމަތް ލިބޭނެ ކަމަށްވެސް ވިދާޅުވިއެވެ.

މާލޭ ސަރަހައްދުގައި ސަރުކާރުން ޓެކްސީ ޚިދުމަތް ފަށަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާއި ޓްރާންސްޕޯޓު މިނިސްޓްރީއާ އެކު އެމްޔޫއޯއެއްގައި ސޮއިކުރީ މިދިޔަ ފެބްރުއަރީ މަހުގެ 15ގައެވެ.

comment ކޮމެންޓް