ވެއްޓުނު އެއާ އިންޑިއާ ބޯޓުން ސަލާމަތްވި ހަމައެކަނި މީހާ: 'ދެން ދުވަހަކު ވެސް މަތިންދާބޯޓަކަށް ނާރާނެ'

އެއާ އިންޑިއާ ބޯޓު ވެއްޓުމުގެ ހާދިސާގައި ސަލާމަތްވި ހަމައެކަނި މީހާ ވިޝްވާޝް ކުމާރު ރަމޭޝް. ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި -- ފޮޓޯ/އޭޕީ

މިދިޔަ ޖޫން މަހުގެ 12 ވަނަ ދުވަހު އިންޑިއާގެ އަހުމަދުއާބާދުން ފުރައިގެން ލަންޑަނަށް ދަތުރުކުރި އެއާ އިންޑިއާގެ ފްލައިޓް 171 އަހުމަދުއާބާދުގެ ބީ ޖޭ މެޑިކަލް ކޮލެޖުގެ ހޮސްޓެލް ބްލޮކަށް ވެއްޓުނީ ސަރުދާރު ވައްލަބްބައި ޕަޓޭލް އިންޓަނޭޝަނަލް އެއާޕޯޓުން އުދުހެން ފެށިތާ މިނިޓެއް ވެސް ނުވަނީހެވެ. އެ ހާދިސާގައި 241 މީހުންގެ ފުރާނަ ގެއްލިފައިވާއިރު، އޭގެ ތެރޭގައި 229 ފަސިންޖަރުންނާއި 12 ފަޅުވެރިންނާއި ބޯޓު ވެއްޓުނު ސަރަހައްދުގައި ތިބި 19 މީހުން ހިމެނެއެވެ.

އެ ހާދިސާގައި ސަލާމަތްވި ހަމައެކަނި މީހައަކީ އިނގިރޭސިވިލާތުގެ ލެސްޓާގެ އުމުރުން 40 އަހަރުގެ ވިޝްވާޝް ކުމާރު ރަމޭޝްއެވެ. އޭނާ ސަލާމަތްވި ނަމަވެސް ޖެހިގެން އިން ސީޓުގައި އިން ބޭބެ، އަޖޭ ސަލާމަތެއް ނުވިއެވެ. އެ ހާދިސާއަށް ފަހު ވިޝްވާޝްއަށް ވަނީ ނަފުސާނީ ގޮތުން ވަރަށް ބޮޑަށް އަސަރުކޮށްފައެވެ.

ހާދިސާއަށް ތިން މަސް ވީއިރު، ވިޝްވާޝް އަދިވެސް ހުރީ އިންޑިއާގައި ނަފުސާނީ ފަރުވާ ހޯދާށެވެ. އޭނާގެ ދެބެންގެ ދެ ދަރި ކޮއްކޮ ސަނީ ބުނި ގޮތުގައި ވިޝްވާޝްއަށް އަދިވެސް ބިރުވެރި ހުވަފެންތައް ފެނި، ހަމަ ނިދި ނުލިބެއެވެ.

"ރޭގަނޑު ދަންވަރު ހޭލައިގެން ނިދަން އުނދަގޫވޭ. ގާތްތިމާގެ މީހުންނާ ވާހަކަދައްކަން ވެސް އުދަނގޫވޭ،" ސަނީ ބުންޏެވެ.

އިންޑިއާގައި މަޑުކުރުމަށް ފަހު، އޭނާގެ އަންހެނުންނާއި ދަރިފުޅު ވެސް މިހާރު ވަނީ އެނބުރި އިނގިރޭސިވިލާތަށް ގޮސްފައި ކަމަށް ދަ ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި އޭނާގެ އަންހެނުން ބުންޏެވެ.

ވިޝްވާޝްގެ ގާތްތިމާގެ މީހުން ބުނާ ގޮތުގައި ވިޝްވާޝް ދެން ދުވަހަކު ވެސް މަތިންދާ ބޯޓަކަށް ނާރާނެއެވެ.

އެ ހާދިސާއަށް ފަހު ދިން އިންޓަވިއުތަކުގައި ވިޝްވާޝް ވަނީ އެކަމުގެ ބިރުވެރިކަން ސިފަކޮށްދީފައެވެ.

އެއާ އިންޑިއާގެ ބޯޓު އިމާރާތުގެ މައްޗަށް ވެއްޓިފައި. ފޮޓޯ/ގެޓީ

"އުދުހެން ފެށިތާ ސިކުންތުކޮޅެއްގެ ތެރޭގައި ހީވީ ބޯޓު ވައިގެ ތެރޭގައި ތާށިވެފައި އޮތްހެން. ކުއްލިއަކަށް ފެހި ހުދުކުލައިގެ ލައިޓްތައް ވިދަން ފެށި. ދެން ބޯޓު ޖެހުނީ ކޮންމެ ވެސް ތަނެއްގެ ތެރެއަށް. ތެދުވެވުނުއިރު، ވަށައިގެން ހުރީ ހަށިތައް. އެ ހިސާބުން ބިރުން ތެދުވެ ދުވެފައި ދިޔައީ. މީހަކު އަހަރެންގެ ގައިގައި ހިފާ އެމްބިއުލާންސަށް އެރުވީ،" ނޫސްވެރިންނާ ވާހަކަދައްކަމުން އޭނާ ބުންޏެވެ.

އޭނާގެ މޭމައްޗާއި ލޮލާއި ފައިގެ އަނިޔާތަކަށް އަހުމަދުއާބާދު ސިވިލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު ދޫކޮށްލީ ޖޫން މަހުގެ 17 ވަނަ ދުވަހެވެ. ހަމަ އެ ދުވަހު އޭނާގެ ބޭބެގެ ހަށިގަނޑު އާއިލާއާ ހަވާލުކުރިއެވެ.

ހާދިސާއާ ގުޅިގެން ގެއްލުން ލިބުނު އާއިލާތަކަށް އެއާ އިންޑިއާއިން ގާތްގަނޑަކަށް 21،500 ޕައުންޑްގެ ވަގުތީ ބަދަލު ދީފައިވާއިރު، ޓާޓާ ސަންސްއިން ވަކިވަކިން ކޮންމެ އާއިލާއަކަށް 85،000 ޕައުންޑް ދިނުމަށް ވައުދުވެފައިވެއެވެ. ނަމަވެސް، އެއާ އިންޑިއާގެ ފައިސާ އަދި ވިޝްވާޝްއަށް ނުލިބޭ ކަމަށް އޭނާގެ އަންހެނުން ވަނީ ބުނެފައެވެ.

ބޯޓުގެ ދެ އިންޖީނަށް ވެސް ތެޔޮ ފޮނުވާ ސުވިޗް، ބޯޓު ވެއްޓުމުގެ ކުރިން ނިއްވާލާފައި ހުރި ކަމަށް ތަހުގީގުން ދައްކާ ކަމަށް އިންޑިއާގެ އެއާކްރާފްޓް އެކްސިޑެންޓް އިންވެސްޓިގޭޝަން ބިއުރޯ (އޭއޭއައިބީ)ގެ ތަހުގީގީ ރިޕޯޓުން ހާމަކޮށްފައި އޮތް ނަމަވެސް ބޯޓު ވެއްޓެން މެދުވެރި ސީދާ ސަބަބެއް މިހާތަނަށް ވެސް ހޯދިފައެއްނުވެއެވެ.

comment ކޮމެންޓް