ހުޅުމާލޭގެ ދެ ފިޔަވަހި ގުޅުވައިދޭ ޗެނަލް ސަރަހައްދުގެ މޫދުގައި އިންޖީނު ލީ އުޅަނދުފަހަރު ދުއްވުން މިއަދުން ފެށިގެން މަނާކޮށްފިއެވެ.
އެ ސަރަހައްދަކީ ގިނަ ބަޔަކު މޫދަށް އެރޭ ސަރަހައްދެކެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މިއަދު ބުނީ، އެ ސަރަހައްދުގައި އިންޖީނުލީ އުޅަނދު ދުއްވުން މިއަދުން ފެށިގެން މަނާވާނެ ކަމަށެވެ. އެ ކުންފުނިން ވަނީ މިއަދުން ފެށިގެން އެކަން މަނާކުރާނެކަން ހޯމަ ދުވަހު އިއުލާނުކޮށްފައެވެ.
އެ ކުންފުނިން އެގޮތަށް ނިންމީ އެ ސަރަހައްދަކީ ގިނަ އަދަދެއްގެ ކުޑަކުދިންނާއި ބޮޑެތި މީހުން ވެސް މޫދަށް އެރި މުނިފޫހިފިލުވަން އެ ސަރަހައްދު ބޭނުންކުރާތީއެވެ. އެގޮތުން، އެޗްޑީސީގެ ކުރިން ކުރި އިއުލާނުގައި ބުނީ، އިންޖީނުލީ އުޅަނދު އެ ޗެނަލުގައި ދުއްވުން މަނާކުރަން ނިންމީ، މޫދަށް އެރި އުޅޭ މީހުންގެ ރައްކާތެރިކަމަށާއި، މުރަކަ އިންދުމުގެ މަސައްކަތަށް ދަތިވާތީ ކަމަށެވެ.
ގިނަ ބަޔަކު މޫދަށް އެރި އުޅޭ ޗެނަލް ސަރަހައްދުގައި ބައެއްކަހަލަ ވޯޓާސްޕޯޓްސް ހަރަކާތްތައް ވެސް ހިންގައެވެ. އެގޮތުން ޖެޓްސްކީ، ބަނާނާ ރައިޑް ފަދަ ކަންކަން ވެސް އެ ތަނުގައި ކުރެއެވެ.
އެޗްޑީސީން މިހާރު އަންނަނީ އެ ސަރަހައްދުގައި ގަސް ހެއްދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.
ހުޅުމާލޭ ދެ ފިޔަވަހި ގުޅައިދޭ ޗެނަލަކީ އޮއިދެމޭ ގޮތަށް ހަދާފައިވާ ތަނެކެވެ. މި ތަނުގެ ފުން މިނުގައި 1.85 މީޓަރު އަދި ފުޅާމިނުގައި 50 މީޓަރު ހުރެއެވެ. މި ސަރަޙައްދަކީ މޫދަށް އެރުމާއި މަސްބޭނުމާއި އެކިކަހަލަ އެކްސްކާޝަން ހަރަކާތްތަކަށް ބޭނުންކުރާ ސަރަހައްދެކެވެ.