އެސްޓީއޯއިން އެތެރެކުރުމުން އޮރެންޖުގެ އަގު 5 ރުފިޔާއަށް، އާފަލުގެ އަގު އަދިވެސް ބޮޑު

ބާޒާރުގައި ވިއްކަން ބަހައްޓާފައި ހުރި މޭވާތަކެއް: މިފަހުން އަގުބޮޑުވި އޮރެންޖުގެ އަގު ވަނީ ހެޔޮވާން ފަށާފައި -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ސަރުކާރުގެ ވިޔަފާރި ކުންފުނި، އެސްޓީއޯއިން އެތެރެކުރަން ފެށުމުން މި ފަހުން 10 ރުފިޔާއަށް ވުރެ މައްޗަށް އުފުލުނު އޮރެންޖުގެ އަގު ފަސް ރުފިޔާއަށް ދަށްވެއްޖެއެވެ.

މި ފަހުން އަގުތައް ބޮޑުވި އާފަލާ އޮރެންޖުގެ އަގުތައް މިހާރު ވަނީ ދަށްވެފައެވެ.

ދަތުރުވެރިންގެ މާރުކޭޓުގެ ވިޔަފާރިވެރިއަކު 'ސަން'އަށް ބުނީ، މީގެ ދެތިން ދުވަހެއް ކުރިން އޮރެންޖުގެ އަގު ހެޔޮވާން ފަށާފައިވާ ކަމަށެވެ. އެގޮތުން، މިހާރު އޮރެންޖެއް ލިބެން ހުރީ، ފަސް ރުފިޔާއާއި ހަ ރުފިޔާއަށް ކަމަށްވާއިރު، އާފަލެއް އަދިވެސް ލިބެނީ 12 ރުފިޔާއަށް ކަމަށް އޭނާ ބުންޏެވެ.

އެ ވިޔަފާރިވެރިޔާ ބުނީ، އޮރެންޖުގެ އަގުތައް ހެޔޮވާން ފެށީ، އެސްޓީއޯއިން ބާޒަރަށް ސްޓޮކެއް ނެރުމާ ގުޅިގެން ކަމަށް ބެލެވޭ ކަމަށެވެ.

https://sun.mv/211470

މީގެ އިތުރުން، ރާއްޖެއަށް އެންމެ ގިނައިން މޭވާ އެތެރެކުރާ އެއް ކުންފުނި ކަމަށްވާ އުފަންވެލީގައި އޮރެންޖެއް ލިބެން ހުރީ ފަސް ރުފިޔާއަށް ކަމަށްވާއިރު، އާފަލެއް ލިބެނީ ހަތް ރުފިޔާއަށެވެ.

އެ ކުންފުނީގެ އޮޕަރޭޝަންސް މެނޭޖަރު އަބްދުއްރަޙުމާން ގާދިރު ބުނި ގޮތުގައި، އޮރެންޖުގެ އަގު ހެޔޮވީ އެ ކުންފުންޏަށް މި ފަހުން އަގުހެޔޮކޮށް، އޮރެންޖު ސްޓޮކެއް ލިބުމުންނެވެ.

އާފަލާއި އޮރެންޖުގެ އަގުތައް ބޮޑުވުމާ އެއްކޮށް، މި ފަހުން އެސްޓީއޯއިން ވަނީ އެ ތަކެތި ގެނެސް ވިއްކަން ފަށާފައެވެ. އަދި، 23 ބާވަތެއްގެ ތަކެތި ދާއިމީކޮށް ގެނައުމަށް އެ ކުންފުންޏާ ސަރުކާރުން ވަނީ ހަވާލުކޮށްފައެވެ.

https://sun.mv/211286

އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވީ، އެ ބާވަތްތައް އަންނަ މަހުގެ 15 އިން ފެށިގެން އަގުހެޔޮކޮށް ލިބޭނެ ކަމަށެވެ.

ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމަކަށްވާއިރު، ކާބޯތަކެތީގެ އަގު، ޚާއްސަކޮށް މޭވާއާއި ތަރުކާރީގެ އަގު އަތްނުފޯރާ ފަށަށް އަރަމުންދާ ކަމުގެ ކަންބޮޑުވުން އޮތީ އިތުރުވެފައެވެ.

އެސްޓީއޯއިން އެތެރެކުރުމުން ބައެއް ތަކެތީގެ އަގުހެޔޮވި ނަމަވެސް އެ ކަމުގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ގޮންޖެހުންތަކާ ކުރިމަތިވާނެކަމުގެ ކަންބޮޑުވުން އޮތީ ބޮޑުވެފައެވެ. އެކަމަކު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ނިންމުން ދިފާއުކުރައްވާފައެވެ.

comment ކޮމެންޓް