އުސްގެކޮޅު އިމާސިވް މިއުޒިއަމަކަށް ބަދަލުކުރުމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން, ސޯޝަލް ހައުސިންއަށް ޚާއްސަ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އާ ރޭ ހަވާލުކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވީ، ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމާއި އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވަޒީރު އާދަމް ނަސީރު ވިދާޅުވީ، އުސްގެކޮޅު ތަރައްގީވާއިރު މިހާތަނަށް ދިވެހީން ދެކެފައިނުވާ މަންޒަރެއް ފެންނާނެ ކަމަށެވެ. އެގޮތުން، އެތަން ތަރައްގީކުރާނީ ދިވެހީންގެ ހަޟާރަތުގެ ހަގީގަތާއި ދައުލަތާއި ދިރިއުޅުން ދެމެހެއްޓުމުގައި އުފުލި ބުރަ އެންމެ ޒަމާނީ ވަސީލަތްތަކުގެ އަލީގައި ފެންނަ ގޮތަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.

އުސްގެކޮޅު އިމާސިވް މިއުޒިއަމްއަކަށް ބަދަލުކުރުމަށް އެއްބަސްވުމުގައި ސޮއިކުރަނީ: އެތަން މިއުޒިއަމްއަކަށް ބަދަލުކުރަން ހަވާލުކުރީ އެފްޑީސީއާ ---- ފޮޓޯ/ މިނިސްޓްރީ
އިންޓަރެކްޓިވް މަޝްރޫއިން އަޅުގަނޑު ހިތުން މި ދާއިރާއަށް އަންނާނެ އެންމެ ބޮޑު ބަދަލަކީ ދިވެހީން ދިވެހީންގެ ތަރިކައާ މެދު ދެކެމުން އަންނަ ގޮތް ބަދަލުވެގެން ދިޔުން. ތަރިކައަކީ ދިވެހީންނަށް ކިހާ މުހިންމު އެއްޗެއްކަން. ތަރިކަ ދިވެހީން ދެމިތިބުމުގައި އަދާކޮށްދެނީ ކިހާ މުހިންމު ދައުރެއްކަން އެކަން ދޭހަވަގެންދާނެ ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް
ހުރިހާ އުމުރަކަށް ފެތޭ ގޮތަށް ހަދާ މިއުޒިއަމްއަކީ ދިވެހި ތަރިކަ އިއާދަކުރުމާއި ހަގީގީ މާނައިގައި ދިވެހީންނަށް ތަރިކަ ރައްދުކޮށްދިނުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ތެރެއިން ކުރައްވާ މަސައްކަތެއްކަން އާދަމް ނަސީރު ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ހަމްދާން ވިދާޅުވީ، މި މަޝްރޫއަށް އެ ކުންފުނީގެ ފަރާތުން ފުރިހަމައަށް އެއްބާރުލުން ލިބޭނެ ކަމަށާއި މި މަޝްރޫއަށް އެ ކުންފުނި ތައްޔާރުވެފައިވާ ކަމަށެވެ. އަދި، މި މަޝްރޫއު ރޭވިފައި އޮތީ ދިވެހީންނަކީ ކޮން ބައެއްކަން އެނގޭނެ ގޮތަށް ކަމަށް ހަމްދާން ވިދާޅުވިއެވެ.
އެކަމަކު، މަޝްރޫއުގެ އަގާއި އެހެނިހެން ތަފުސީލުތައް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

އުސްގެކޮޅު: އެތަން މިއުޒިއަމެއްގެ ގޮތުގައި ތަރައްގީކުރުމަށް ވަނީ ހަވާލުކޮށްފައި ---
ފާހަގަކޮށްލެވޭ ގޮތުގައި އެފްޑީސީ އުފެއްދީ ސޯޝަލް ހައުސިންގެ ކަންކަމަށް ޚާއްސަކޮށްގެންނެވެ. އެކަމަކު، މި ފަހުން ބައެއް ކްލާސްރޫމްތައް އިމާރާތްކުރުން ފަދަ މަޝްރޫއުތައް ވެސް އެ ކުންފުންޏާ ހަވާލުކޮށްފައިވެއެވެ.
އުސްގެކޮޅަކީ ރާއްޖޭގެ ރަސްކަމުގައި އުޅުއްވި ބައެއް ބޭފުޅުން ދިރިއުޅުއްވަން ބޭނުން ކުރެއްވި ތަނެއް ކަމަށްވާއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި އެ ތަނުގައި ރެސްޓޯރަންޓެއް ހިންގަން 12 އަހަރަށް ކުންފުންޏަކަށް ކުއްޔަށް ވެސް ދިނެވެ.
އޭގެ އިތުރަށް، އެ ސަރުކާރުގައި އުސްގެކޮޅު ޗިލްޑްރަންސް ހެރިޓޭޖް ޕްލާޒާއެއްގެ ގޮތުގައި ތަރައްގީ ކުރުމަށް އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް)އާ ވެސް ހަވާލުކުރިއެވެ. ނަމަވެސް، އެ މަސައްކަތް ކުރިއަށް ގޮސްފައެއް ނުވެއެވެ.
އުސްގެކޮޅު އެންމެ ފަހުން ބޭނުންފައިވަނީ ދާރުލްއާސަރެއްގެ ގޮތުގައެވެ.