މިނިވަން ނޫސްވެރިކަން ދަމަހައްޓަން އިނގިރޭސިވިލާތުން ވެސް ގޮވާލައިފި

ރައީސް މުއިއްޒާއި އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ނިކް ލޯ: ރާއްޖޭގައި ހުންނަ އެގައުމުގެ ހައިކޮމިޝަނުން ވަނީ މިނިވަން ނޫސްވެރިކަން ދަމަހައްޓަން ގޮވާލާފައި ---- ފޮޓޯ/ ސަފީރު

މީޑިއާތައް ކޮންޓްރޯލް ކުރުމުގެ ބާރު ލިބިދޭ ގޮތަށް، ރައީސް ޑރ. މުޙައްމަދު މުއިއްޒު މީޑިއާ ބިލު ތަސްދީގުކުރައްވާފައިވަނިކޮށް މިނިވަން ނޫސްވެރިކަން ދަމަހައްޓަން އިނގިރޭސިވިލާތުން މިއަދު ގޮވާލައިފިއެވެ.

ރާއްޖޭގައި ހުންނަ އެ ގައުމުގެ ހައިކޮމިޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ މިދިޔަ އަހަރު ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ މެދުގައި ސަމޯއާގައި ބޭއްވި ބައްދަލުވުމުގައި މިނިވަން އަދި ޒިންމާދާރު ނޫސްވެރިކަމަކީ ޑިމޮކްރެސީއެއްގެ މުހިންމު އަސާސް ކަމަށް ހުރިހާ ގައުމަކުން ވެސް އެއްބަސްވެފައިވާ ކަމަށެވެ.

ރާއްޖޭން މި އެއްބަސްވުމުގައި ބައިވެރިވެވަޑައިގެންނެވީ، ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފް ކަމަށްވާއިރު، އެ ކޮމިޝަނުން ވަނީ އެ ދުވަހުގެ ވައުދަށް އިހުތިރާމުކޮށް، އެ ކަންކަން ދަމަހައްޓަން ކޮމަންވެލްތުގެ ހުރިހާ ގައުމުތަކަށް ގޮވާލާފައެވެ.

ސަރުކާރަށް މީޑިއާތައް ކޮންޓްރޯލް ކުރުމުގެ ބާރު ލިބިދޭ ގޮތަށް، މިދިޔަ މަހުގެ 18ގައި ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުއްވީ، ސަރުކާރާ ގުޅުން އޮންނަ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރެވެ.

އެ ބިލު ހުށަހެޅުމާއެކު ސަރުކާރުން ވަނީ އެ ބިލަށް ތާއިދުކުރާކަން ހާމަކޮށްފައެވެ. އަދި، މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަނީ ބިލުގެ ދިރާސާގައި ބައިވެރިވެވަޑައިގެން ކަމަށް ވެސް ވިދާޅުވެފައެވެ.

https://sun.mv/211502

މަޖިލީހުން ބިލު ފާސްކުރީ ނޫސްވެރިން އިހުތިޖާޖުކޮށްކޮށް އޮއްވައެވެ. އަދި، ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ބިލު ތަސްދީގުކުރެއްވީ ވެސް ބިލު ތަސްދީގުނުކުރަން މީޑިއާތަކާއި ނޫސްވެރިން އެދިއެދި އޮއްވައެވެ. ނޫސްވެރިން ތަމުސީލުކުރާ ޖަމިއްޔާ، އެމްޖޭއޭއިން ވަނީ މީޑިއާ ގާނޫނު، ގާނޫނުއަސާސީއާ ޚިލާފުކަން ފާހަގަކޮށް، އެއަށް އަމަލުނުކުރާނެ ކަމަށް ބުނެފައެވެ.

އެކަމަކު، ރައީސް މުއިއްޒު ވަނީ ގާނޫނާ އެކު "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން"ގެ ނަމުގައި ދައުލަތުގެ އޮފީހެއް ވަނީ އުފައްވަދާފައެވެ.

މީގެ ކުރިން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)އިން ވެސް ވަނީ ބިލާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި، އެމެރިކާއިން ވެސް ވަނީ ނޫސްވެރިކަމުގެ މިނިވަންކަން ނަގަހައްޓަން ރާއްޖެއަށް ގޮވާލާފައެވެ. ނޫސްވެރިންގެ އެތައް ކަންބޮޑުވުމެއް ހުއްޓާ ބިލު ގާނޫނަކަށް ހެދުމުން ދުނިޔޭގެ ސަމާލުކަން އެ ކަމަށް ލިބުނެވެ.

comment ކޮމެންޓް