އަންހެނުން ލިޔެފައި ހުންނަ ފޮތްތައް އަފްޣާނިސްތާނުގެ ޔުނިވާސިޓީތަކުގެ ކިޔަވައިދިނުމުގެ ނިޒާމުގައި ބޭނުންނުކުރެވޭ ގޮތް އެ ގައުމުގެ ވެރިކަން ކުރާ ތާލިބާން ސަރުކާރުން ހަދައިފިއެވެ.
އަފްޣާނިސްތާނުގެ ފޮތްތައް މުރާޖައާ ކުރާ ކޮމިޓީގެ މެމްބަރަކު ވަނީ އަންހެނުން ލިޔެފައިވާ ފޮތްތައް މަނާކޮށްފައިވާކަން ކަށަވަރުކޮށްދީފައެވެ.
އޭގެތެރޭގައި އިންސާނީ ހައްގުތަކާއި ޖިންސީ ގޯނާގެ މައްސަލަތަކާ ގުޅޭ ފޮތްތައް ވެސް ހިމެނެއެވެ.
ތާލިބާން ސަރުކާރުގެ ޝަރީއަތާއި ސިޔާސަތުތަކާ ދެކޮޅަށް ލިޔެފައިވާ ކަމަށް ބުނާ 680 ފޮތުގެ ތެރޭގައި އަންހެނުން ލިޔެފައިވާ 140 ފޮތް ހިމެނެއެވެ.
އަދި ޝަރީއަތުގެ އުސޫލުތަކާއި ނިޒާމުގެ ސިޔާސަތާ ފުށުއަރާ ކަމަށް ބުނެ 18 މާއްދާއެއް ޔުނިވާސިޓީތަކުގައި ކިޔަވައިދިނުން ވެސް މަނާކޮށްފައިވާ ކަމަށް ތާލިބާން އޮފިޝަލަކާ ހަވާލާދީ ބީބީސީން ރިޕޯޓުކޮށްފައިވެއެވެ.
ތާލިބާނުންގެ އެންމެ މަތީ ލީޑަރުގެ އަމުރަށް ގާތްގަޑަކަށް 10 ޕްރޮވިންސެއްގައި ފައިބާ އޮޕްޓިކް އިންޓަނެޓް ބޭނުން ކުރުންވެސް މި ހަފްތާ ވަނީ މަނާކޮށްފައެވެ. އޮފިޝަލުން ބުނި ގޮތުގައި އެއީ ފާހިޝް އަމަލުތައް ހުއްޓުވުމަށް އެޅި ފިޔަވަޅެކެވެ.
މި ގަވާއިދުތަކުގެ ސަބަބުން އަފްޣާނިސްތާނުގެ އާންމުންގެ ދިރިއުޅުމުގެ ގިނަ ކަންކަމަށް އަސަރުކޮށްފައިވާއިރު، އަންހެނުންނާއި އަންހެން ކުދިންނަށް ވަކިން ބޮޑަށް ގެއްލުން ލިބިފައިވެއެވެ. ހަ ވަނަ ގްރޭޑްގެ ފަހުން އެ ގައުމުގެ އަންހެން ކުދިންނަށް އިތުރު ތައުލީމު ހާސިލުކުރުން މަނަލެވެ.
އެކަން ކަމާ ގުޅިގެން ތާލިބާނުންގެ ސަރުކާރުން ބުނީ އަފްޣާނިސްތާނުގެ ސަގާފަތާއި އިސްލާމީ ޝަރީއަތާއި އެއްގޮތަށް އަންހެނުންގެ ހައްގުތަކަށް އިހްތިރާމްކުރާ ކަމަށެވެ.

އަފްޣާނިސްތާނުގެ އަންހެން ކުދިން 6 ވަނަ ގްރޭޑަށްވުރެ މައްޗަށް ކިޔެވުން މަނާ. ފޮޓޯ/އީޕީއޭ
އަންހެނުން ލިޔެފައިވާ ފޮތްތަކުގެ އިތުރުން އެ މަނާކުރުން އީރާނުގެ ލިޔުންތެރިން ނުވަތަ ޕަބްލިޝަރުންގެ ފޮތްތަކަށް އަމާޒުކޮށްފައިވާ ކަމަށްވެސް ބީބީސީން ރިޕޯޓުކޮށްފައިވެއެވެ. އެގޮތުން ފޮތްތައް މުރާޖާކުރާ ކޮމެޓީގެ މެމްބަރަކާ ހަވާލާދީ ބީބީސީން ބުނީ އެކަން އެގޮތަށް ކުރަނީ އަފްޣާނިސްތާނުގެ މަންހަޖަށް އީރާނުގެ ކޮންޓެންޓް ވަނުން ހުއްޓުވުމަށެވެ.
އަފްޣާނިސްތާނާއި އީރާނާއި ދެމެދު އޮތް ގުޅުން ފާއިތުވި އަހަރުތަކުގައި ގޯސްވެފައި ވަނީ ފެނުގެ ހައްގުތައް ފަދަ މައްސަލަތަކާ ގުޅިގެންނެވެ. އަދި ޖެނުއަރީ މަހުން ފެށިގެން އަފްޣާނިސްތާނުގައި ދިރިއުޅެމުން އައި 1.5 މިލިއަނަށް ވުރެ ގިނަ އަފްޣާން މީހުން ވަނީ ބޯޑަރު ހުރަސްކޮށް އީރާނުން ވަދެފައެވެ.
ދެހާސް އެކާވީސް ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ކޮންޓްރޯލް އަލުން ހޯދި ފަހުން، އެގައުމުގެ ސަރުކާރު ބޭރުގެ އެއްވެސް ސަރުކާރަކުން ރަސްމީކޮށް ބަލައިގަނެފައެއް ނުވެއެވެ. ހުޅަނގުގެ ބާރުތަކުން ބުނެފައިވަނީ އަންހެނުންނަށް ހަނިކޮށްފައިވާ ސިޔާސަތުތަކަށް ބަދަލު ގެންނަން ޖެހޭ ކަމަށެވެ.
އަފްޣާނިސްތާނަކީ މިހާރު ދުނިޔޭގައި އަންހެނުންނާއި އަންހެން ކުދިންނަށް ސާނަވީ އަދި މަތީ ތައުލީމު ހޯދުން މަނާކޮށްފައި އޮތް ހަމައެކަނި ގައުމެވެ. އެ ގައުމުގެ ގާތްގަނޑަކަށް ބައި މިލިއަން މީހުން ވަނީ ސްކޫލް ތައުލީމު އުގެނުމުން ގަސްތުގައި މަހުރޫމުކޮށްފައެވެ.