ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ނިއުކާސަލް ޔުނައިޓެޑު ކޮޅަށް މާކަސް ރަޝްފޯޑު ޖެހި ދެ ލަނޑާއެކު 2-1 ގެ ނަތީޖާއަކުން ބާސެލޯނާ މޮޅުވެއްޖެއެވެ.
ނިއުކާސަލްގެ ސެއިންޓް ޖޭމްސް ޕާކްގައި ކުޅުނު މި މެޗުގައި ރަޝްފޯޑް ޖެހި ދެ ގޯލާއެކު އޭނާއަށް އަމާޒުވަމުން އައި ފާޑުކިޔުންތަކަށް ވަނީ މަޑުޖެހުމެއް އައިސްފައެވެ. އެގޮތުން ޔުނައިޓެޑުގައި އޭނާގެ ފަރާތުން ފެނުނު ދަށް ކުޅުމުގެ ސަބަބުން ގިނަ ފާޑުކިޔުންތަކެއް އޭނާއަށް އަމާޒުވިއެވެ.
މި މެޗުގައި ކޯޗު ހެންސީ ފްލިކް ރަޝްފޯޑު ބޭނުންކުރީ ފޯވަޑް ލަމީން ޔަމާލް އަށް ލިބިފައިވާ އަނިޔާގެ ސަބަބުން އޭނާ ނެތްތަން ފޫބެއްދުމަށްޓަކައެވެ.

ބާސެލޯނާ އިން ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވާ މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހެއެވެ. ބާސެލޯނާ އިން ލީޑު ނަގާފައިވަނީ މެޗުގެ 58 ވަނަ މިނިޓުގައި މާކަސް ރަޝްފޯޑް ކާމިޔާބުކޮށްދިން ލަނޑުންނެވެ. މި ލަނޑު ޖެހިތާ ނުވަ މިނިޓު ފަހުން ރަޝްފޯޑް ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ.
ނިއުކާސަލް ޔުނައިޓެޑް އިން މި މެޗުގައި ޖެހި ހަމައެކަނި ލަނޑަކީ މެޗުގެ 90 ވަނަ މިނިޓުގައި އެންތޮނީ ގޯޑޮން ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.