އިންޑިއާގެ ލަވަކިޔުންތެރިޔާ ޒުބީން ގަރްގް މަރުވެއްޖެ

އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޒުބީން--ފޮޓޯ/ބޮލީވުޑްހަންގާމާ

ބޮލީވުޑްގެ ބައެއް ފިލްމުތަކަށް ލަވަކިޔައިދީފައިވާ އިންޑިއާގެ ލަވަކިޔުންތެރިޔާ ޒުބީން ގަރްގް މަރުވެއްޖެއެވެ.

ފިލްމީ ރިޕޯޓުތައް ބުނާގޮތުން އިންޑިއާގެ އުތުރު-އިސްޓަންގެ ސްޓޭޓެއް ކަމަށްވާ އައްސާމްއަށް ނިސްބަތްވާ ލަވަކިޔުންތެރިޔާ މަރުވެފައި ވަނީ، ސިންގަޕޫރުގައި ސްކޫބާ ޑައިވިންގްއަށް ގޮސް އުޅެނިކޮށް ފިޓު ޖެހި ނޭވާލާން އުނދަގޫ ވުމާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށެވެ.

ޒުބީން ސިންގަޕޫރަށް ކުރި ދަތުރަކީ ނޯތު އީސްޓް ފެސްޓިވަލްގައި ބައިވެރިވެ އެ ފެސްޓިވަލްގައި ލަވަ ހުށަހަޅައިދިނުމުގެ ގޮތުން ކުރި ދަތުރެކެވެ.

ރިޕޯޓުތައް ބުނާގޮތުން ޒުބީންގެ ހަށިގަނޑު މޫދުގައި އޮތްވާ ފެނުނީ ލަވަކިޔުންތެރިޔާ ސްކޫބާ ޑައިވިންގްއަށް ދިޔަ ސަރަހައްދުގައި ހަރަކާތްތެރިވި އޮފިޝަލުންތަކަކަށެވެ. އޭނާ މަރުވީ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް ކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ބުނެފައެވެ.

ލަވަކިޔުންތެރިޔާ ޒުބީން މިއުޒިކް ޝޯއެއްގައި ލަވަ ހުށަހަޅައިދެނީ--ފޮޓޯ/ފިލްމުފެއަ

ބޮލީވުޑްގެ ފިލްމު "ގޭންގްސްޓާ"ގެ މަޝްހޫރު ލަވަ 'ޔާ އަލީ"އިން ގިނަ ބައެއްގެ ސަމާލުކަން ހޯދި ލަވަކިޔުންތެރިޔާ އަކީ އިންޑިއާގެ އިތުރުން ބޭރު ޤައުމުތަކުގެ ވަރަށް ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދި ލަވަކިޔުންތެރިއެކެވެ.

އިންޑިއާގެ އެކި ބަހުރުވަތަކުން މިހާތަނަށް އެތައް ހާސް ލަވައެއް ރެކޯޑްކޮށްފައިވާ ޒުބީންގެ މަރާ ގުޅިގެން ގިނަ ބަޔަކަށް އެކަން ގަބޫލުކުރަން ދަތިވެފައިވާއިރު އޭނާއަށް ސަޕޯޓުކުރާ ގިނަ ބަޔަކު އަންނަނީ ހިތާމަ ފާޅުކުރަމުންނެވެ.

ޒުބީންގެ މަރާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަދި އައްސާމްގެ ޗީފް މިނިސްޓަރު ވެސް ވަނީ ތައުޒިއްޔާގެ މެސެޖު އާއިލާއަށް ފޮނުވާފައެވެ. މީގެއިތުރުން ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކު ވަނީ ޒުބީންގެ މަރާ ގުޅިގެން ސޯޝަލް މީޑިއާގައި ހިތާމަ ފާޅުކޮށްފައެވެ.

އުމުރުން 52 އަހަރުގެ ލަވަކިޔުންތެރިޔާ މަރުވިއިރު އަންބަކު ދުނިޔޭގައި އެބަހުއްޓެވެ. ނަމަވެސް އެ ކައިވެންޏަށް ކުއްޖަކު ލިބިފައެއް ނުވެއެވެ.

comment ކޮމެންޓް