ނިއުކްލިއާ ޕްރޮގްރާމާ ގުޅިގެން އީރާނަށް އަޅާފައިވާ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް ދާއިމީ ގޮތެއްގައި އުވާނުލުމަށް އދ ގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފިއެވެ.
ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދިނުމާ އެއްކޮޅަށް ވޯޓު ދިނީ ރަޝިޔާ، ޗައިނާ، ޕާކިސްތާން އަދި އަލްޖީރިއާ އިންނެވެ.
ހެ ހުށަހެޅުމާ ދެކޮޅަށް ވޯޓު ދިނީ ޔޫއެންއެސްސީގެ ނުވަ މެމްބަރުން ކަމަށްވާ އެމެރިކާ، އިނގިރޭސިވިލާތް، ފްރާންސް، ސިއެރާ ލިއޯން، ސްލޮވޭނިއާ، ޑެންމާކް، ގްރީސް، ޕެނަމާ، އަދި ސޯމާލިއާ ކަމަށް އީރާނުގެ ރަސްމީ ނޫސް އެޖެންސީ އީއާރްއެންއޭ އިން ބުނެއެވެ. ގަޔާނާ އާއި ދެކުނު ކޮރެއާ އިން ވަކި ކޮޅަކަށް ވޯޓުދީފައެއް ނުވެއެވެ.
މި ވޯޓު ލާފައި ވަނީ އިނގިރޭސިވިލާތާއި ފްރާންސް އަދި ޖަރުމަނުން ބުނާ ގޮތަށް އީރާނުން ޑިމާންޑުތައް ފުއްދައި ނުދޭނަމަ، ދަތިކުރުމުގެ ފިޔަވަޅުތައް އަލުން ގާއިމު ކުރުމަށް އޮގަސްޓް މަހު ފަހުކޮޅު 30 ދުވަހުގެ ޕްރޮސެސްއެއް ފަށާފައި ވަނިކޮށެވެ.
"މިއަދުގެ އަމަލަކީ އަވަސް އަރުވާލައިގެން، ކޮންމެހެން ބޭނުން ނުވާ އަދި ގާނޫނާ ހިލާފު އަމަލެއް. އެކަން ތަންފީޒު ކުރުމުގެ އެއްވެސް ވާޖިބެއް އޮތް ކަމަކަށް އީރާނުން ގަބޫލެއް ނުކުރޭ." ހުކުރު ދުވަހު ބޭއްވި ޖަލްސާގައި އީރާނުގެ ދާއިމީ މަންދޫބު އަދި ސަފީރު އަމީރު ސައީދު އިރާވާނީ ވިދާޅުވިއެވެ.
"މިހާރު ނިމިފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އަލުން އަޅަން އެ ތިން ގައުމުން އިން ކުރާ ކޮންމެ މަސައްކަތަކީ ހަމައެކަނި އަސާސެއް ނެތް ކަމެއް ނޫން. އެއީ ބައިނަލްއަގްވާމީ ގާނޫނާއި ޚުދު ސަލާމަތީ މަޖިލީހުގެ އިތުބާރަށް ގޮންޖެހުން."
އީރާނުގެ އޮފިޝަލުން ވަނީ "ސްނެޕްބެކް މެކޭނިޒަމެއް" ގެ ދަށުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ހުއްދަ ދީފައިވާ 2015 ވަނަ އަހަރުގެ ނިއުކްލިއާ ހަތިޔާރު ނުފެތުރުމުގެ މުއާހަދާ (އެންޕީޓީ) ގައި ހިމެނޭ ޑިސްޕިއުޓް މެކޭނިޒަމް އެ ތިން ގައުމުން ބޭނުންކުރަމުންދާ ކަމަށްވެސް ތުހުމަތުކޮށްފައެވެ.
އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީ ވިދާޅުވީ އީރާނުން ހުށަހަޅާފައިވަނީ އިންސާފުވެރި އަދި އެއަށް އަމަލުކުރެވޭނެ ޕްލޭނެއް ކަމަށާއި އެންޓީޕީއާ އެއްގޮތަށް އަމަލުކުރާ ކަމަށެވެ.
ނަމަވެސް ފްރާންސް، އިނގިރޭސިވިލާތް އަދި ޖަރުމަނުން ތުހުމަތު ކުރަނީ އިރާނުން ނިއުކްލިއާ އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށާއި އޭގެ ތެރޭގައި ޖޮއިންޓް ކޮމްރިހެންސިވް ޕްލޭން އޮފް އެކްޝަން (ޖޭސީޕީއޯއޭ) ގެ ދަށުން ހުއްދަ ކުރާ މިންވަރަށް ވުރެ 40 ގުނަ އިތުރަށް ޔޫރޭނިއަމް ސްޓޮކް ފައްކާކޮށްފައިވާ ކަމަށެވެ.
އދ ގެ ނިއުކްލިއާ ވޮޗްޑޮގް ބޯޑުން ވެސް ޖޫން މަހު ވަނީ އީރާނުން ބައިނަލްއަގްވާމީ ނިއުކްލިއާ ސޭފްގާޑްތަކަށް އިހުތިރާމް ނުކުރާ ކަމަށް ހުކުމްކޮށްފައެވެ.