ފ.ނިލަންދޫގެ ކަތީބުކަން ގިނަ އަހަރުތަކެއް ވަންދެން ކުރެއްވި, އެ ރަށުގެ އަތިރީގޭ, އަޙްމަދު މޫސާ ނުވަތަ ނިލަންދޫ މީހުންގެ ނަމުންނަމަ، ކަތީބުދޮންބެއަށް އިއްޔެ ހިޖުރީ ގޮތުން 100 އަހަރު ފުރިއްޖެއެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނާގޮތުން ދިވެއްސަކު އާއްމުކޮށް ދުނިޔޭގައި ހުންނަ އުމުރު އުޅެނީ 80 އިން މަތީގައެވެ. އޭގެ ތެރެއިން ގިނައިން އުމުރު ދިގީ އަންހެނުންނެވެ. މިހާރު ވެސް 90 އަހަރުން މަތީގެ ދިވެހި އަންހެނުންނާއި ފިރިހެނުން ރާއްޖޭގައި އެބަތިއްބެވެ. އެހާ އާއްމު ނުވިޔަސް 100 އަހަރަށް ވުރެން ގިނަ ދުވަހުވެސް ބައެއް ދިވެހީން ދުނިޔޭގައި އުޅެފައި އެބަހުއްޓެވެ.
އާއިލާއިން މައުލޫމާތު ދޭ ގޮތުގައި ކަތީބުދޮންބެ އުފަންވެފައިވަނީ ހިޖުރީ ސަނަތުން 1347 ވަނަ އަހަރުގެ ރަބީޢުލްއައްވަލު 26 ވަނަ ދުވަހުއެވެ. މީލާދީގޮތުން އެ ތަރީޚު ދިމާވަނީ ސެޕްޓެމްބަރު, 10, 1928 އެވެ. އެހެންކަމުން މީލާދީގޮތުން ބަލާނަމަ ކަތީބުދޮންބެގެ އުމުރަކީ 97 އަހަރެވެ.

ކަތީބުދޮންބެ އޭނާގެ ދަރިންނާއި އަނބިކަނބަލުންނާއެކު--
ކަތީބުދޮންބެ, ޖުމްލަ ތިން ކައިވެއްޏަކަށް 15 ދަރިން ލިބިލައްވާފައިވާއިރު އޭގެ ތެރެއިން 14 ކުދިން ދުނިޔޭގައި އެބަތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ ނުވަ ފިރިހެން ކުދިންނާއި ހަ އަންހެން ކުދިންނެވެ. ކަތީބުދޮންބެގެ އެންމެ ދޮށީ ދަރިފުޅު, މަރިޔަމް އަޙްމަދު ލިބިލެއްވީ, ކަތީބުދޮންބެގެ އުމުރުން 16 އަހަރުގައެވެ. އެ ދަރިފުޅު އަދިވެސް ދުނިޔޭގައި ހުރިއިރު, އޭނާގެ އުމުރަކީ 81 އަހަރެވެ.
ކަތީބުދޮންބެގެ މިހާރުގެ އަނބިކަނބަލުން މަރިޔަމް ހަމީދާގެ އުމުރުން 87 އަހަރެވެ. އެ ދެމަފިރިންނަކީ ވަރަށް ލޯބިން އުޅުއްވާ, އެކަކު އަނެކަކަށް ވަރަށް އަޅާލާ ދެ ބޭފުޅުންނެވެ. ކަތީބުދޮންބެގެ 11 ކުދިންގެ މަންމަ އަކީ ހަމީދާއެވެ.
ކަތީބުދޮންބެގެ ކާފަދަރިންނާއި މުނިކާފަ، ހޫރުކާފަ ދަރީންގެ އަދަދު 200 އަށްވުރެ މައްޗެވެ. އެއީ ނިލަންދޫއަށް އެތައް ގިނަގުނަ ޚިދުމަތެއް ކޮށްދެއްވާފައިވާ އަދި ކޮށްދެއްވަމުން އަންނަ އެ ރަށަށް ވަރަށް ޚާއްސަ އާއިލާއެކެވެ.
ކަތީބުދޮންބެގެ ގިނަ ދަރިންނަކީ ވަރަށް ފާހަގަ ކޮށްލެވޭ ބޭފުޅުންނެވެ. އޭގެ ތެރޭގައި ކުރީގެ މަޖިލިސް މެންބަރު, އަލީ އަޙްމަދާއި ހިތުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރު އަބްދުލް އަޒީޒް އަޙްމަދާއި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލްލަތީފް އަޙްމަދު (އުދަރެސް ލަތީފް) ހިމެނެއެވެ. މީގެ އިތުރުން ވެސް ނިލަންދޫގެ އިސް މަގާމުތައް ކަތީބުދޮންބެގެ ދަރިން ފުރުއްވިއެވެ.
ކާފަދަރިންގެ ތެރޭގައި ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަންވަރު އަލީ އާއި ފަރުހާދު އިސްމާއީލްގެ އިތުރުން ހައި ކޯޓުގެ މީޑިއާ އޮފިޝަލް, އަދި ކުރީގެ ނޫސްވެރިޔާ އަމީން ފައިސަލް ހިމެނިވަޑައިގަންނަވައެވެ. އަދި މިހާރު އިލެކްޝަންސް ކޮމިޝަންގެ މެންބަރަކަށް ހުންނެވި, އަބްދުލް ހަސީބު އިސްމާއީލަކީ ކަތީބުދޮންބެގެ މުނި ކާފަ ދަރިއެކެވެ.
ކާފަދަރިންނާއި މުނި ކާފަ ދަރިންގެ ތެރޭގައި, ޑޮކްޓަރުންނާއި އިންޖީނިއަރުންގެ އިތުރުން ޕައިލެޓުންނާއި ޓީޗަރުންފަދަ ގައުމަށް އެކި ރޮނގުތަކުން ޚިދުމަތް ކުރައްވާ ގިނަ ބޭފުޅުންތަކެއް ހިމެނިވަޑައިގަންނަވައެވެ.
ދިގު އުމުރުގެ ސިއްރަކީ ކޮބާ؟
ނިލަންދޫގެ ކަތީބުކަން ގިނަ ދުވަސްތަކެއް ކުރެއްވުމުގެ އިތުރުން ކަތީބުދޮންބެއަކީ އަބަދުވެސް ވަރަށް ހަރަކާތްތެރި ބޭފުޅެއް ކަމަށް އާއިލާއިން މައުލޫމާތު ދެއެވެ. އެގޮތުން ބޮޑުތަދާދިމާކޮށް އޭނާ އިސްވެ ހުންނަވައި ނިލަންދޫގައި ވަރަށް ބޮޑަށް ދަނޑުވެރިކަން ފުޅާ ކުރައްވަން މަސައްކަތް ކުރެއްވެވިއެވެ. އެގޮތުން 1990 ވަނަ އަހަރު ކަތީބުދޮންބެއަށް ދިވެހި ސަރުކާރުން ވަނީ ދަނޑުވެރިކަން ކުރެއްވުމުގެ ދާއިރާއިން އާންމުޚިދުމަތުގެ އިނާމުވެސް ދެއްވައިފައެވެ.
ކަތީބުދޮންބެގެ ބޭފުޅެއް ކަމަށްވާ އުދަރެސް ލަތީފް, މިއަދު "ސަން" އަށް ވިދާޅުވިގޮތުގައި ބައްޕަގެ ދިގު އުމުރުގެ ސިއްރެއް ކަމަށް އޭނާއަށް ފާހަގަ ކުރެއްވެނީ ހަރަކާތްތެރިކަމާއި މަސައްކަތްތެރި ކަމެވެ. ރަށުގެ ވެރިކަން ކުރެއްވުމުގެ އިތުރުން ގިނައިން އުޅުއްވީ ކޮންމެވެސް މަސައްކަތެއްގައި މަސްއޫލުވެވަޑައިގެން ކަމަށް ލަތީފް ވިދާޅުވިއެވެ. އެގޮތުން މަސްވެރިކަމާއި ވަޑާމާއި ދަނޑުވެރިކަން ކުރައްވައެވެ.
ހަމައެހެންމެ ގަޑިން ގަޑިއަށް ކެއިންބެއްލެވުމުގެ ކަންކަމަށް އަބަދުވެސް ވަރަށް ސަމާލުކަން ދެއްވާ ކަމަށާއި ގިނައިން ކެއިންބައްލަވަނީ ދިވެހި ކެއުންތައް ކަމަށް ލަތީފް ވިދާޅުވިއެވެ. އަދި ޚާއްސަކޮށް އަބަދުވެސް ދީނުގެ އަޅުކަންތަކަށް ވަރަށް ބޮޑަށް ފަރުވާތެރިވެލައްވާކަން ލަތީފް ފާހަގަ ކުރެއްވެވިއެވެ.
"ގިނައިން ހިންގަވާފަ އުޅުއްވީ ވަރަށް ފަހަކާ ޖެހެންދެން ވެސް. އުމުރުން 90 އަށް ވުރެން މަތިވިފަހުން ވެސް އައިނު ނާޅާ ފޮތް ކިޔުއްވާނެ. ކީރިތި ގުރުއާންގެ ތަރުޖަމާއަށް ވަރަށް ފަރިތަ ވާނެ. ކޮންމެ އާޔަތެއް އަހާލިޔަސް އެ އާޔަތެއް އޮންނަ ހިސާބު ދައްކަވާލައްވާނެ." ދީނީ ރޮނގުން މަތީ ތައުލީމު ހާސިލް ކުރައްވާފައިވާ ލަތީފް ކިޔައިދެއްވިއެވެ.

ކަތީބުދޮންބެ އޭނާގެ ބައެއް އާއިލާ މެންބަރުންނާއެކު
ލަތީފަށް ދެން ބައްޕަގެ އެންމެ ފާހަގަ ކުރެއްވޭ އަނެއް ސިފައަކީ އުމުރުން އެހާ ދުވަސްވީއިރު ވެސް ހަނދާން ގަދަކަމެވެ. އެގޮތުން ވަރަށް ކުރީގެ ކަންކަން އަދިވެސް ހަނދާން ހުންނައިރު ކުރިން ބައްދަލުވި މީހުންގެ ނަންތައް ވެސް ހަނދާން ހުންނަކަން ލަތީފް ފާހަގަ ކުރެއްވެވިއެވެ. އެހެންވެ ވަރަށް ފަހަކާ ޖެހެންދެން ވެސް އެކިއެކި ކަންކަމުގައި ލަފާ ހޯއްދަވަން ކަތީބުދޮންބެ އަރިހަށް އެކި ރަށްރަށުން ވެސް މީހުން އައިސް އުޅެއެވެ.
"އަމިއްލައަށް ކަންކަން ކުރައްވަން ބޭނުންފުޅުވާނީ އަބަދުވެސް. ދަރިންނަށް ވެސް އަދި ރަށުގެ މީހުންނަށް ވެސް ވަރަށް ހެޔޮ ނަސޭހަތް ދެއްވާނެ. ބައްދަލުވާ މީހުންގެ ނަންތައް ވެސް އަދިވެސް ބަރާބަރަށް ހަނދާން ހުރޭ," ލަތީފް ވިދާޅުވިއެވެ.
އާއްމުކޮށް ކަތީބުދޮންބެއަކީ ގިނަ ދުވަސްތަކެއް ވަންދެން ވަރަށް ފުރިހަމަ ސިއްހަތެއްގައި ހުރި މީހެކެވެ. އެކަމަކު ޅައިރުންފެށިގެން ސިނގިރޭޓާއި ބިޑި ބުއިމުގެ ސަބަބުން ފަހުން ސިއްހީ މައްސަލަތަކެއް ދިމާވިއެވެ. އެގޮތުން މޭގެ އެއް ފަޅި ހަލާކުވެ ވަރަށް ބަލިވެ އުޅުއްވަން ޖެހިވަޑައިގަތެވެ.
ކަތީބުދޮންބެ މިހާރުވެސް ދިރިއުޅުއްވަނީ އާއިލާއާއެކު ނިލަންދޫގައެވެ. އޭނާއަކީ އެ ރަށުގެ ގިނަ ބައެއްގެ ލޯތްބާއި އިހުތިރާމު ހޯއްދަވާފައިވާ ޚިދުމަތްތެރިއެކެވެ.