ކެރެލާގައި ފެތުރޭ ސިކުނޑީގެ ބަލީގެ ނުރައްކަލެއް ދިވެހިންނަކަށް އަދި ނެތް، ހާލަތު ގާތުން އެބަ ބަލަން: އެޗްޕީއޭ

ދިވެހީން އާއްމުކޮށް ގޮސް އުޅޭ, އިންޑިއާގެ ކެރެލާ ސްޓޭޓްގައި, ސިކުނޑިއަށް ޖެހޭ ނުރައްކާތެރި ބައްޔެއް ކަމަށްވާ, ޕްރައިމަރީ އެމީބިކް މެނިންޖޯއެންސެފަލައިޓިސް (ޕީއޭއެމް) ފެތުރެމުންދާތީ އެ ތަނުގެ ހާލަތު ގާތުން ބަލަމުން އަންނަ ކަމަށް، ރާއްޖޭގެ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިއަދު ބުނެފިއެވެ.

ޕީއޭއެމްއަކީ ސިކުނޑި ކާ އެމީބާގެ ނަމުން ވެސް ނަންދެވިފައިވާ ސިކުނޑިއަށް ޖެހޭ ނުރައްކާތެރި ބައްޔެކެވެ. އިންޑިއާގެ ނޫސްތަކުގައިވާ ގޮތުން އެ ބަލި ޖެހިގެން މި އަހަރު އެކަނި ވެސް އެ ސިޓީން 69 މީހަކު ރިޕޯޓުކުރިއިރު، 19 މީހަކު ވަނީ މަރުވެފައެވެ.

https://www.sun.mv/211481

ބަލި ފެތުރެމުންދާތީ ސަރުކާރުން އެލާޓް ނެރެފައިވާ ކަމަށްވެސް، އިންޑިއާގެ ނޫސްތަކުގައިވެއެވެ.

އެޗްޕީއޭއިން މިއަދު "ސަން" އަށް ބުނީ، އާންމުކޮށް އިންޑިއާގައި ދިވެހިން އެންމެ ގިނައިން ދިރިއުޅޭ ކެރެލާގެ ހާލަތު ގާތުން ބަލަމުން އަންނަ ކަމަށާއި، ޕީއޭއެމްގެ ކޭސްތައް ރިޕޯޓުކޮށްފައިވަނީ އެ ސިޓީގައި އާންމުގޮތެއްގައި ދިވެހިން ދިރިއުޅޭ ހިސާބުގަނޑުން ނޫން ކަމަށެވެ. އެހެންކަމުން ދިވެހީންނަށް ޕީއޭއެމްގެ ހިރާސްތައް ކުޑަކަމަށް އެޗްޕީއޭއިން ބުންޏެވެ.

ނަމަވެސް، ކެރެލާގެ ހާލަތު ގާތުން ބަލައި، އަދާހަމަތައް ދެމުން ގެންދާނެ ކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ.

މަދުން ނޫނީ ނުފެންނަ މި ބަލި ޖެހެނީ ނޭގްލެރިއާ ފައުލެރީ ކިޔާ ކުޑަ ދިރޭ އެއްޗަކުންނެވެ. އެ ވައްތަރުގެ ދިރޭ އެއްޗެހި ފެންނަނީ ތަޣައްޔަރުވެފައިވާ ސްވިމިން ޕޫލްތަކާއި، ކުޑަކުދިން ކުޅެން އުޅޭ ޕާކުތަކުން ފެންނަ ފެން އަރުވާ ވަޑާންފަދަ ލޮނު ނޫން ފެން ބޭނުންކުރާ ތަންތަނުން ކަމަށް, އެމެރިކާގެ ސެންޓަ ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ)އިން ބުނެއެވެ.

ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ވައިރަސް, ފަތާއިރު ނޭފަތުން ވަދެ، ސިކުނޑީގެ ޓިޝޫތައް ހަލުވިކަމާއެކު ހަލާކުކޮށްލައެވެ.

މި ބައްޔަށް "ސިކުނޑި ކާ އެމީބާ"ގެ ނަން ދީފައިވަނީ މިއީ ސިކުނޑިއަށް ބަލިޖެހި ސިކުނޑީގެ ޓިޝޫތައް ހަލާކުކޮށްލާ އެއްޗަކަށް ވާތީ ކަމަށް ސީޑީސީގެ ވެބްސައިޓުގައި ބުނެފައިވެއެވެ.

ބަލި ޖެހުމުން އާންމުކޮށް އަލާމާތްތައް ފެންނަނީ ދެ ހަފުތާގެ ތެރޭގައެވެ. ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުންއައުމާއި، ހޮނޑުލެވުމާއި ކަނދުރާ ހަރުވުން އަދި ވާނުވާ ނޭނގޭގޮތްވުން ހިމެނެއެވެ. ބަލި ޖެހިގެން ސީރިއަސްވެއްޖެނަމަ، ކުއްލިއަކަށް މިހާ ހުއްޓި ކޯމާއަށް ދާންޖެހޭ ހަލާތްތައް ވެސް މެދުވެރިވެއެވެ.

މި ބަލި ޖެހިގެން ކެރެލާއިން ފުރަތަމަ ރިޕޯޓުކުރީ 2016 ވަނަ އަހަރެވެ. އޭގެ ފަހުން ފާއިތުވެދިޔަ ދުވަސްތަކުގައި ކެރެލާގެ އެކި ހިސާބުތަކުން މި ބަލި ޖެހިގެން ރިޕޯޓުކޮށްފައިވާ ކަމަށް އެ ސްޓޭޓުގެ ސިއްޙަތާބެހޭ ޑިޕާޓްމެންޓުން ބުނެއެވެ.

އާ ދިރާސާއަކުން ދައްކާ ގޮތުގައި 1962ވަނަ އަހަރުން ފެށިގެން މިހާތަނަށް 488 މީހަކަށް މި ބަލި ޖެހިގެން މުޅި ދުނިޔެއިން ރިޕޯޓުކޮށްފައިވެއެވެ. މި ބަލި އެންމެ ގިނައީ އެމެރިކާއާއި ޕާކިސްތާނާއި އޮސްޓްރޭލިއާގައެވެ. މި ބަލި ޖެހުނު މީހުންގެ ތެރެއިން 97 ޕަސަންޓު މީހުން ވަނީ މަރުވެފައެވެ.

comment ކޮމެންޓް