ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ވިކްޓްރީ ސްޕޯޓްސް ކުލަބު ކުޅުނު ފުރަތަމަ މެޗުގައި ބުރު ސްޕޯޓްސް އަތުން 5-0 ގެ ނަތީޖާއަކުން ބަލިވެއްޖެއެވެ.
މިއީ ހަ އަހަރުފަހުން ވިކްޓްރީ ސްޕޯޓްސް ކުލަބު ފުރަތަމަ ޑިވިޝަނުގައި ކުޅުނު ފުރަތަމަ ފަހަރެވެ. މެޗުގައި ވިކްޓްރީގެ ފަރާތުން މާ އެދެވޭ ކުޅުމެއް ނުދެއްކެއެވެ.
ބުރު ސްޕޯޓްސް އިން މެޗުގައި ޖެހި ފަސް ލަނޑުގެ ތެރެއިން ފުރަތަމަ ލަނޑު މެޗު ފަށައިގެން ވަރަށް ކުރީކޮޅު ޖެހީ އަބްދުﷲ ޖުނައިދެވެ. އޭނާ މި ލަނޑު ޖެހީ ވިކްޓަރީ ހާފްގެ މެދެއްހާ ހިސާބުގަ ހުރެ ގޯލަށް ފޮނުވާލި ބޯޅައަކުންނެވެ.
ބުރުން ކާމިޔާބުކުރި ދެވަނަ ލަނޑަކީ މެޗުގެ 24 ވަނަ މިނިޓުގައި އޭރިޔާ ތެރެއިން ބްރެޒިލްގެ ފޯވާޑް ހުޑްސަން ޑިއާޒް ޖެހި ލަނޑެކެވެ. އޭނާ މި ލަނޑު ޖެހީ ބޯޅަ ލިބުމުން ކީޕަރު ކަޓުވާލައިގެންނެވެ. އެއަށްފަހު މި މެޗުގައި ބުރު ސްޕޯޓްސްއަށް ޕެނަލްޓީއެއްވެސް ލިބުނެވެ. ނަމަވެސް އެ ޕެނަލްޓީ ކާމިޔާބެއް ނުކުރެވުނެވެ.
ދެވަނަ ހާފުގައި ވިކްޓްރީގެ މުހައްމަދު ފައިސަލް ފޮނުވާލި ބޯޅައެއް ވަނީ ދަނޑިއަށް އަމާޒުވެފައެވެ. ބުރުގެ ތިންވަނަ ލަނޑު މެޗުގެ 74 ވަނަ މިނިޓުގައި ކާމިޔާބުކުރީ އުސާމާ އަބްދުލް މަޖީދު ނަގައިދިން ހުރަހަކުން ހުޑްސަން ޑިއާޒްއެވެ.
ބުރުގެ ހަތަރުވަނަ ލަނޑާއި ފަސްވަނަ ލަނޑު ކާމިޔާބުކުރީ މުހައްމަދު ނާއިމް އާއި އަޒުހަދު މުހައްމަދު ޒާހިދެވެ. މި ދެ ލަނޑުވެސް ކާމިޔާބުކޮށްފައިވަނީ މެޗުގެ އިތުރުވަގުތު ތެރޭގައެވެ.
ލީގުގައި ބުރު ސްޕޯޓްސް ދެން ކުޅެން ޖެހޭނީ އީގަލްސްއާއެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަދުވަހު އެވެ.