ކޮންޓްރޯލު ބިލު ކިޔައިފިން؛ ކަންބޮޑުވާ ބައެއް ސަބަބުތައް މިހުރީ!

ނޫސްވެރިން މުޒާހަރާ ކުރަނީ: -- ފޮޓޯ/ ހުސައިން ހަސަން

ރޭ ވ.ފުލިދޫގައި އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވި އެއް ބަސްފުޅު ވަރަށް އަޅައިގަތެވެ. މީޑިޔާ ރެގިއުލޭޓުކުރުމުގެ ނަމުގައި މީޑިޔާގައި ތަޅު އެޅުވުމަށް ސަރުކާރު އިސްވެ އޮވެ، ރައީސްގެ އަމުރުފުޅަށް ތަބާވާ ރައްޔިތުންގެ މަޖިލީހުން ފާސްކުރި މި ގާނޫނު ބަލައި ދިރާސާކުރި އެއްވެސް ނޫސްވެރިޔަކާ އެމަނިކުފާނާ ބައްދަލުވެވަޑައިނުގަންނަވާ ވާހަކަފުޅެވެ.

ތެދުފުޅަކަށް ވެދާނެއެވެ. ރާއްޖޭގެ ނޫސްވެރިންނާ ރައީސް ބައްދަލުނުކުރައްވާތީ، ނޫސްވެރިންގެ ސުވާލުތަކާ ކުރިމަތިނުލައްވާތީ މީޑިޔާ ބިލު ނޫސްވެރިންނަށް އެނގޭ މިންވަރު އެނގިވަޑައިނުގަންނަވަނީ ކަމަށް ވެދާނެއެވެ.

އަޅުގަނޑުގެ މި ލިޔުމަކީ މި ގާނޫނު އެއްކޮޅުން އަނެއްކޮޅަށް ކިޔައި، ނޫސްވެރިކަން ރެގިއުލޭޓުކުރުމުގައި ބަލައިގަނެވިފައިވާ ބައިނަލްއަގުވާމީ ހަމަތަކާއި އުސޫލުތަކުގެ އަލީގައި އެ ގާނޫނުގައި ހުރި ގޯސް ކަންކަން ބަޔާންކޮށްދިނުމާއެކު، މި ބިލާ ގުޅިގެން ސަރުކާރުގެ ވެރިން އެކި މަންސަތަކުގައި ދެއްކެވި ވާހަކަފުޅުތަކާއި ބިލުގައި އެކުލެވޭ ވާހަކަތަކުގެ މެދުގައި އަޅައިކިޔާ ލިޔެފައިވާ ލިޔުމެކެވެ. އުންމީދަކީ ރައީސަށް އަދި ރައްޔިތުންނަށްވެސް މި ބިލާމެދު ނޫސްވެރިން ކަންބޮޑުވާ ބައެއް ކަންކަން ސާފުވެވަޑައިގަތުމެވެ.

މީޑިއާތައް ކޮންޓްރޯލް ކުރާ ބިލާ ދެކޮޅަށް ނޫސްވެރިންނާއި، ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމުގެ ދިފާއުގައި މަސައްކަތް ކުރާ މީހުން އަޑުއުފުލުން--- ސަން ފޮޓޯ: އަޙްމަދު ފިރިޔަލް

ކޮމިޝަނުގެ ބާރު ނުސީދާ ގޮތުން ވެރިކަންކުރާ ޕާޓީއަށް ލިބޭ ގޮތް

ނޫސްވެރިކަން ރެގިއުލޭޓުކުރުމަށް މި ގާނޫނުން އެކުލަވައިލާ ކޮމިޝަނުގެ ކޮންޓުރޯލު ސަރުކާރަށް ހޯދުމަށް މަޖިލީހުން ބިލު ފަރުމާކުރިއިރު ހީލަތްތެރި ކަންތައްތަކެއް ކުރިއެވެ. ފުރަތަމަ ކަމަކީ ރައީސް ހުށަހަޅުއްވާ ތިން ބޭފުޅަކު ކޮމިޝަނަށް އައްޔަންކުރުމުގެ ބަދަލުގައި މަޖިލީހުގެ އަޣުލަބިއްޔަތުން އައްޔަންކުރާ ތިން މެންބަރަކު ކޮމިޝަނަށް އައްޔަންކުރުމެވެ. ލިޔުމުން މިހާރު ކޮމިޝަނުގައި ރައީސްގެ ބާރެއް ނޯންނާނެއެވެ. ނަމަވެސް ރާއްޖޭގައި ކަންކަން ހިނގާ ގޮތަށް ބަލާއިރު، ހަގީގަތަކީ ރައީސް ރުހިވަޑައިނުގަންނަވާ ބޭފުޅަކު މަޖިލީހުގެ އަޣުލަބިއްޔަތުން ކޮމިޝަނަށް އައްޔަންނުކުރާނެ ކަމެވެ.

މިކަމުގެ އެއް ހެއްކަކީ އެކި ސަރުކާރުތަކުގައި ބްރޯޑްކާސްޓިން ކޮމިޝަނަށް އައްޔަންކުރި މެންބަރުންނެވެ. އެމްޑީޕީގެ ފާއިތުވި ވެރިކަމުގައި އެ ކޮމިޝަނަށް އެ ޕާޓީގެ އެކްޓިވިސްޓެއް އައްޔަންކުރިއެވެ. މި ވެރިކަމުގައި އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަބްދުﷲ އައްޔަންކުރިއެވެ. ދެފަހަރުވެސް އެ ބޭފުޅުން އައްޔަންކުރީ ދާއިރާގެ ތަޖުރިބާއާއި އިލްމު ލިބިވަޑައިގެން ތިއްބެވި ގާބިލު އިތުބާރުކުރެވޭ ބޭފުޅުން އެ މަގާމަށް ކުރިމަތިލައްވާފައިވަނިކޮށް، އެބޭފުޅުން އެއްފަރާތްކުރުމަށްފަހުއެވެ.

އެހެންކަމުން ކޮމިޝަނުގައި ތިއްބަވާ ތިން މެންބަރުންނަކީ ސިޔާސީ ނުފޫޒުގެ ތެރެއިން، ސަރުކާރު އަދި މަޖިލީހުގެ އަޣުލަބިއްޔަތު އޮތް ޕާޓީ ބޭނުންވާ ގޮތަށް ކަންކަން ނިންމުމަށް ވަކާލާތުކުރައްވާނެ ތިން ބޭފުޅުންނެވެ.
ދެން އޮތީ ބިލު ހުށަހެޅިއިރު ހުރިހާ މީޑިޔާއެއް ތަމްސީލުކުރުމަށް ހަތަރު މެންބަރަކު އިންތިހާބުކުރާ ގޮތަށް އޮތް މާއްދާ ބަދަލުކޮށް މީޑިޔާއިން އިންތިހާބުކުރާ ހަތަރު މެންބަރުންގެ ތެރެއިން ދެ މެންބަރުންނަކީ ބްރޯޑްކާސްޓިން ދާއިރާއިން އަންނަ ދެ މެންބަރަކާއި އެހެނިހެން މީޑިޔާއިން އިންތިހާބުކުރާ ދެ މެންބަރުންކަމަށް ކަނޑައެޅުމެވެ.

މިފަދަ ކޮމިޝަންތައް އެކުލަވައިލުމުގައި ދުނިޔޭގެ އެހެނިހެން ގައުމުތަކުގައި އަމަލުކުރާ ގޮތަށް ބަލާއިރު، ބްރޯޑްކާސްޓިން މީޑިޔާއާއި އެހެނިހެން މީޑިޔާގެ މެދުގައި މެންބަރުންގެ އަދަދުގައި ފަރަގުކުރެއެވެ. ސަބަބަކީ ބްރޯޑްކާސްޓިން މީޑިޔާއާއި އެހެނިހެން މީޑިޔާތަކުގެ ތަބީއަތް ތަފާތުވުމެވެ. ކޮންޓެންޓު ތަފާތެވެ. މައުލޫމާތާއި ހަބަރު ގެނެސްދޭ ގޮތްވެސް ތަފާތެވެ. ނަމަވެސް މި ހަގީގަތަށް ރިއާޔަތްނުކޮށް ބްރޯޑްކާސްޓިން މީޑިޔާއާއި އެހެނިހެން މީޑިޔާގެ މެދުގައި އެއްހަމަކުރުމުގެ މަގުސަދަކީ ކޮބައިކަން މީޑީޔާގެ ތަޖުރިބާކާރުންނަށް ސާފުވެއެވެ.

ރާއްޖޭގައި އެންމެ ގިނަ ބްރޯޑްކާސްޓިން މިޑިޔާ ހިންގަނީ ދައުލަތުގެ މީޑިޔާ ކުންފުނި ޕީއެސްއެމްއިންނެވެ. ހަ ޗެނަލް އެ ކުންފުނީގެ ދަށުން ހިންގައެވެ. އަދި ސަރުކާރާ ގުޅިފައިވާ އަމިއްލަ ޓީވީ ޗެނަލްތަކުގެ ގޮތުގައި ބެލިދާނެ ތިން ޗެނަލެއް މިހާރުވެސް އެބަ އޮތެވެ. އެ ޗެނަލްތަކުގެ ވޯޓުން ބްރޯޑްކާސްޓިން މީޑިޔާ ތަމްސީލުކުރާ ދެ މެންބަރުންނަކީ ސަރުކާރުގެ ބަހަށް ކަންކަން ނިންމާ މެންބަރުންނަށް ވާނެއެވެ.

އެހެންކަމުން ލިޔުމުގައި ކޮމިޝަނަކީ މިނިވަން ކޮމިޝަނެއް ގޮތަށް ފެންނަން އޮތަސް ކަންކަން ތަރުތީބުކޮށްފައި އޮތީ ކަން ނިމޭއިރު، ކޮމިޝަނުގެ އަޣުލަބިއްޔަތު ސަރުކާރަށް ކޮންޓްރޯލުކުރެވޭ ގޮތަށެވެ.

މީޑިއާ ބިލު ދިރާސާކުރި ކޮމިޓީ: އެ މައްސަލައާ ގުޅޭ ރިޕޯޓެއް އެކުލަވައިލައި މަޖިލީހުގެ ރިޔާސަތަށް ހުށަހަޅައިފައިވާ ކަމަށް ނާޒިމް ވިދާޅުވި -- ފޮޓޯ/ އަނޫފް ޖުނައިދު، ދައުރު

ދޮގު ހަބަރު ފެތުރުން ހުއްޓުވުމުގެ ނަމުގައި މީޑިޔާ ތަޅުއެޅުވުން

މި ގާނޫނުން އުފައްދާ ކޮމިޝަނުގެ ޒިންމާތަކުގެ ތެރޭގައި ގާނޫނުގެ 7 ވަނަ މާއްދާގެ (ލ)ގައި ބުނެފައިވަނީ ދޮގު ހަބަރު ފަތުރާ ވަސީލަތްތައް ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކާއި އަދި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް އެންގުމެވެ.

މި ހިސާބުން އުފެދޭ ސުވާލަކީ ދޮގު ހަބަރެއް ކަމުގައި ކަނޑައަޅާނެ މިންގަނޑަކީ ކޮބައިތޯއެވެ؟ ސުލޫކީ މިންގަނޑުގައި ހިމަނަންޖެހޭ ކަންކަން ގާނޫނުގެ 40 ވަނަ މާއްދާގައި ބަޔާންކުރާއިރު އެ މާއްދާގެ (ފ) ގައި ދޮގު މައުލޫމާތާއި ހަބަރު ނުފެތުރުން ހިމަނާފައިވެއެވެ.

އެ ގާނޫނުގެ 44 ވަނަ މާއްދާގައި ބުނެފައިވަނީ ކަނޑައެޅިގެން ދޮގުކަން އެނގޭ ނުވަތަ އެއީ ދޮގަކަށް ވެދާނެކަމަށް ބެލުމުގެ ފުރުސަތު ބޮޑު މައުލޫމާތެއް މީޑިޔާގެ އެއްވެސް ވަސީލަތަކުން ހާމަކޮށްގެންނުވާނެ ކަމަށާއި، މީޑިޔާއަށް ލިބޭ މައުލޫމާތެއް އެއީ ތެދުތޯ ބެލުމަށް ފުރުސަތު އޮވެ، އެކަން ކަށަވަރުކުރުމަށް އެކަށީގެންވާ މަސައްކަތެއް ނުކޮށް، އެ މައުލޫމާތު ހާމަކޮށްގެންނުވާނެ ކަމަށާއި، ތެދު މައުލޫމާތުކަން ކަށަވަރުނުކުރެވޭނަމަ މައުލޫމާތު ހާމަކުރުމުގައި އެއީ ތެދުކަން ކަށަވަރުނުވާ މައުލޫމާތެއްކަން ހާމަކުރަންވާނެ ކަމަށެވެ.

މި ހުރިހާ މާއްދާއެއް އެކުއެކީ ކިޔައިލުމުން ތިޔައިން ބޭފުޅަކަށް އެބުނާ ދޮގު މައުލޫމާތެއްކަން ކޮމިޝަނުން ނިންމާނެ މިންގަނޑެއް ސާފުވެއްޖެތޯއެވެ؟ ދޮގު ހަބަރު ފަތުރާ ވަސީލަތެއް ކަމުގައި ކަނޑައަޅައި މީޑިޔާއެއް ބަންދުކުރުމުގެ ބާރު ކޮމިޝަނަށް ލިބޭއިރު، އެފަދަ ފުޅާ ބޮޑު ބާރެއް ބޭނުންކުރުމުގައި ބަލަންޖެހޭނެ މިންގަނޑު ގާނޫނުގައި ބަޔާންކޮށްފައި ނެތުމަކީ، ސިޔާސީ ނުފޫޒަށް ހުށަހެޅިފައި އޮތް ކޮމިޝަނުން ބޭނުންވާ މީޑިޔާތަކެއް ބަންދުކުރުމަށް ފުރުސަތު ފަހިކުރުމަށް ގަސްތުގައި ގާނޫނު ފަރުމާކުރި ގޮތްކަމުގައި ނުބަލަންވީ މަންތިގީ ހަމައެއް ނެތެވެ.

މީޑިޔާއަކަށް އިތުބާރުކުރެވޭ މަސްދަރަކުން ލިބޭ މައުލޫމާތުގެ ތެދުކަން ކަށަވަރުކުރުމަށް މަސައްކަތްކޮށް، އެއީ ތެދެއްކަމަށް ބުރަވެވޭ ހާލަތުގައި އެ ވާހަކަ ރިޕޯޓުކުރާނެއެވެ. ކުޑަ މިސާލެއް ދަންނަވައިލާނަމެވެ. ވެންޓިލޭޓަރު ވައްކަމުގެ ގޮތުގައި މަޝްހޫރުވި މައްސަލައިގަ، އެއިރު އެކަން ރިޕޯޓުކުރި ނޫސްވެރިން އެތަކެތި ގެނައުން ހަވާލުކުރި އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ގުޅޭ ގޮތުން އާއްމު މަންސަތަކާއި އެމިރޭޓްސްގެ ޑޭޓާ ބޭސްތަކުން ލިބެންހުރި މައުލޫމާތުތައް ހާމަކޮށް، އެމައްޗަށް ބިނާކޮށް ސަރުކާރަށް ތުހުމަތުތަކެއް އަމާޒުކުރިއެވެ. ސަރުކާރުން ބުނަމުންއައީ މީޑިޔާއިން ހަދަމުން އައީ ދޮގުކަމަށެވެ. މިއަދު މިއޮތް ގާނޫނު އޮތްނަމަ، އެއިރު އެވާހަކަ ލިޔުނު މީޑިޔާތަކުން ދޮގު ހަބަރު ފެތުރިކަމަށް ކަނޑައަޅައި ބަންދުނުކުރެވޭނެ ހެއްޔެވެ؟

އޮޑިޓާ ޖެނެރަލްގެ އޮފީހުން ވެންޓިލޭޓަރުގެ މުއާމަލާތާ ގުޅޭ އޮޑިޓު ރިޕޯޓެއް ހާމަކުރުމާ ހަމައަށް ސަރުކާރާއި ސަރުކާރަށް ތާއީދުކުރި މަޖިލިސް މެންބަރުން ދިޔައީ މީޑިޔާގެ ތުހުމަތުތައް ދޮގުކުރަމުންނެވެ. ނޫސްވެރިންނަށް އޮޑިޓަރުންނަށް ލިބޭ މިންވަރަށް ދައުލަތުގެ ލިޔެކިޔުން ބަލައި ދިރާސާކުރުމުގެ ފުރުސަތު ނުލިބެއެވެ. ނޫސްވެރިންގެ ޒިންމާއަކީ އާއްމުކޮށް ލިބެންހުރި މައުލޫމާތުތަކާއި އެކި މަސްދަރުތަކުން ހޯދައި އެއްކުރެވޭ މައުލޫމާތުގެ އަލީގައި ފެންނަ ހަގީގަތް ހާމަކުރުމެވެ. މި ބިލު ފަރުމާކޮށްފައި އޮތީ ދޮގު ހެދުން ހުއްޓުވާކަށް ނޫނެވެ. އެހެންނަމަ ދޮގު ތެދު ކަނޑައެޅުމުގައި ގެންގުޅޭނެ މިންގަނޑު ގާނޫނުގައި ބަޔާންކުރާނެއެވެ. އެ މިންގަނޑު ނެތީ ސަރުކާރު ނުރުހޭ ވަންހަނާކުރަން ބޭނުންވާ ކޮންމެ ކަމެއް ދޮގެއް ކަމުގައި ކަނޑައަޅައި، އެފަދަ ކަންކަން ހާމަކުރާ މީޑިޔާތައް ހުއްޓުވުމަށް މަގުފަހިކުރުމަށްކަން މިދެންނެވި ހަގީގަތްތަކާމެދު ފުންކޮށް ވިސްނައިލި ކޮންމެ މީހަކަށް އެނގޭނެއެވެ.

އިލެކްޓްރޯނިކް މީޑިޔާގެ ތެރޭ ސޯޝަލް މީޑިޔާ ނުހިމެނޭ ވާހަކަ ހަމައެއްނުޖެހޭ

މި ގާނޫނާ ގުޅޭ ގޮތުން ރައީސާއި ސަރުކާރުގެ ވަޒީރުންނާ ހަމައިން ތަކުރާރުކޮށް ބުނަމުންދަނީ މި ބިލުގައި ބަޔާންކުރާ އެއްވެސް ކަމެއް ސޯޝަލް މީޑިޔާގެ މައްޗަށް ނުހިނގާނެ ކަމަށެވެ. ނަމަވެސް ބިލުގެ 61 ވަނަ މާއްދާގައި ބުނެފައިވަނީ މިގާނޫނުގައި ނޫހާ ގުޅޭ ގޮތުން ބަޔާންކޮށްފައިވާ އުސޫލުތައް އިލެކްޓްރޯނިކް މީޑިޔާއަށްވެސް، އެމީޑިޔާއާ ގުޅޭ ނިސްބަތަކަށް ހިނގާނެ ކަމަށެވެ. އަދި ނޫސްވެރިންނާ ގުޅޭ ގޮތުން މިގާނޫނުގައި ބަޔާންކުރާ އުސޫލުތައް އިލެކްޓްރޯނިކް މީޑިޔާގައި މަސައްކަތްކުރާ މީހުންނަށް އެ މީހުންނާ ގުޅޭ ނިސްބަތަކަށް ހިނގާނެ ކަމަށެވެ.

މި ގާނޫނުގެ 59 ވަނަ މާއްދާގައި ނޫސްވެރިންގެ ގޮތުގައި ދަފުތަރުކުރަންޖެހޭ ފަރާތްތައް ބަޔާންކުރިއިރު ބުނެފައިވަނީ ބްރޯޑްކާސްޓަރަކަށް ނުވަތަ މީޑިޔާއަކަށް ހަބަރާއި ފީޗާ އާޓިކަލައި ރިޕޯޓު ލިޔާ މީހުންނާއި ނޫހަށް ފޮޓޯ ނަގައިދޭ މީހުންނާއި، އިލެކްޓްރޯނިކް ވަސީލަތެއްގައި ހަބަރާއި މައުލޫމާތު ފެތުރުމުގެ މަސައްކަތުގައި އުޅޭ މީހުންނަކީ ކޮމިޝަނުގައި ނޫސްވެރިންގެ ގޮތުގައި ލިސްޓުކުރަންޖެހޭ މީހުން ކަމަށެވެ.

ގާނޫނުގެ 84 ވަނަ މާއްދާގައި އެކި މުސްތަލަހުތައް މާނަކޮށްފައިވާއިރު، ނޫސްކަމުގައި މާނަކުރަނީ ދުވަހު ނޫސްތަކާއި، ހަފުތާ ނޫސްތަކާއި، ޓްރޭޑް ޕަބްލިކޭޝަންތަކާއި އެނޫންވެސް ނަންނަމުގައި ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން މައުލޫމާތާއި ހަބަރާއި ހިޔާލާއި އިޝްތިހާރު އާއްމުކޮށް ފެތުރުމަށްޓަކައި ގަންނަން ލިބޭ ގޮތަށް ނުވަތަ އަގަކާއި ނުލާ ލިބޭގޮތަށް ޗާޕުކޮށްގެންނާއި، އިންޓަނެޓާއި، މީޑިޔާގެ އެހެނިހެން ވަސީލަތްތއް މެދުވެރިކޮށް ޝާއިއުކުރެވޭ ޝާއިއުކުރުންތަކެވެ.

އިލެކްޓްރޯނިކް މީޑިޔާކަމަށް އެ މާއްދާގައި ބުނެފައިވަނީ އޯޑިޔޯ، ވީޑިޔޯ ޓޭޕާއި، އިންޓަނެޓް ހިމެނޭ ގޮތުން، ޑިޖިޓަލް ނުވަތަ އިލެކްޓްރޯނިކް ވަސީލަތެއް މެދުވެރިކޮށް ހަބަރާއި މައުލޫމާތު ފަތުރާ ވަސީލަތްތައް ކަމުގައެވެ.

މިނިސްޓަރު އަސްވާޑު ނޫސްވެރިންނާ ބައްދަލުކުރަނީ: ވިދާޅުވީ، މީޑިއާ ބިލު ހުށަހެޅިއިރު ހުރީ ކޮންޓްރޯލް ކުރުމުގެ ސިފަތަކެއް ކަމަށާއި އެސިފަތައް މިހާރު ބިލުން ކަނޑުވައިފި ކަމަށް ---- ސަން ފޮޓޯ/ މާނިއު މުހައްމަދު


ޔޫތު މިނިސްޓަރު މި ގާނޫނަށް ތާއީދު ހޯދުމަށް ސަރުކާރުން ރާވައިގެން ބޭއްވި ފޯރަމުގައި ވާހަކަދައްކަވަމުން ވިދާޅުވީ 59 ވަނަ މާއްދާގައި އިލެކްޓްރޯނިކް މީޑިޔާކަމުގައި މާނަކޮށްފައިވަނީ ނޫސްތަކުން ހިންގާ ސޯޝަލް މީޑިޔާ އެކައުންޓުތައް ގޮތުގައި ކަމަށެވެ. ނަމަވެސް މަތީގައި ބަޔާންކުރި ހަވާލާދީފައިވާ މާއްދާތައް އެކުއެކީ ކިޔައިލުމުން ސާފުވަނީ ބިލުގައި ބުނެފައިވާ އިލެކްޓްރޯނިކް މީޑިޔާއަކީ، ބިލުގެ އެހެނިހެން ތަންތަނުގައި ބަޔާންކުރާ ނޫސްތަކާ މުޅިން ތަފާތު ކެޓެގަރީއެއް ކަމެވެ. އެއިން އެއްވެސް މާއްދާއެއްގައި މިނިސްޓަރު އެ ވިދާޅުވި ގޮތަށް މާނަކޮށްދީފައި ނެތެވެ.

އަދި ނޫސް މާނަކުރުމުގައި " ޗާޕުކޮށްގެންނާއި، އިންޓަނެޓާއި، މީޑިޔާގެ އެހެނިހެން ވަސީލަތްތއް މެދުވެރިކޮށް ޝާއިއުކުރެވޭ ޝާއިއުކުރުންތައް" ކަމުގައި ބުނެފައި އޮތުމުން ނޫސްތަކުގެ ސޯޝަލް މީޑިޔާ އެކައުންޓުތައް މި ގާނޫނުގެ ބޭނުމަށް ނޫހުގެ މާނައިގެ ތެރޭގައ ހިމެނޭކަން ސާފުވެއެވެ. އެހެންކަމުން އިލެކްޓްރޯނިކް މީޑިޔާ ކަމުގައި ބުނެފައިވާ ކެޓެގަރީއަކީ ނޫހާ ގުޅުން އޮތް ކަމެއް ނޫންކަން ސާފުވެއެވެ.

ދެން މިދެންނެވުނު މާއްދާތަކުގެ އިބާރާތަށް ބައްލަވައިގެން މި މާއްދާތައް ބޭނުންވެއްޖެނަމަ ސޯޝަލް މީޑިޔާ އެކައުންޓުތަކަށް ތަންފީޒުކުރެވޭނެކަން ނުވަތަ ނޫންކަން ދިވެހި ކޮންމެ ރައްޔިތަކަށް ނިންމެވޭނެއެވެ. ސަރުކާރުގެ ނެރޭޓިވް ހިފަހައްޓައިދޭ ވަކީލުން ނޫން ހުރިހާ ގާނޫނީ ވަކީލުން ވިދާޅުވަނީ އާއްމު ފަރުދުންގެ ސޯޝަލް މީޑިޔާ އެކައުންޓުތަކުގެ މައްޗަށް މި މާއްދާތައް ތަތުބީގުކުރަން ހުރަސްއަޅާނެ މާނަކުރުމެއް އެއިން އެއްވެސް މާއްދާއެއްގައި އެކުނުލެވޭ ކަމަށެވެ.

މާނަ ސާފުނުވާ މުސްތަލަހުތަކުގެ ނިވަލުގައި މީޑިޔާ ބަންދުކުރެވޭނެ

ނޫސް މަޖައްލާތަކާމެދު ފިޔަވަޅު އެޅޭނެ ގޮތްތައް ގާނޫނުގައި ބަޔާންކުރަނީ 71 ވަނަ މާއްދާގައެވެ. އެ މާއްދާގެ (ޅ) ގައި ބުނެފައވަނީ ނޫހަކުން ނުވަތަ މަޖައްލާއަކުން ޝާއިއުކުރާ ކޮންޓެންޓަކީ އިސްލާމްދީނާއި، ގައުމީ ސަލާމަތާއި އާއްމު ނިޒާމު ނުވަތަ އާއްމު ސިއްހަތަށް އޮތް ނުރައްކަލެއްކަމަށް ބެލެވިދާނެ ހާލަތުގައި ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތައް މެދުވެރިކޮށް އެ ކޮންޓެންޓު ޝާއިއުކުރި ވަސީލަތެއް ހުއްޓުމަކަށް ގެނެވިދާނެ ކަމަށެވެ.

ކުރިން އަލިއަޅުވައިލި މާއްދާތަކުން ސާފުވާނެ ފަދައިން މި މާއްދާއަކީ ގާނޫނުގައި ބުނެފައިވާ އިލެކްޓްރޯނިކް މީޑިޔާއަށް ހިނގާނެ މާއްދާއެކެވެ. އެކްސް، ފޭސްބުކް އަދި އެހެނިހެން މަންސަތަކުގައި ޝާއިއުކުރާ ކޮންޓެންޓު މި މާއްދާ ބޭނުންކޮށްގެން ކޮންޓުރޯލުކުރުމަށް މަގުފަހިވާނެކަން ނުވަތަ ނޫންކަން ކުރިން ދެންނެވުނު ވާހަކަތަކުގެ މައްޗަށް ބިނާކޮށް އަމިއްލައަށް ނިންމަވާށެވެ.

މި މާއްދާގައި ހިމެނޭ މުސްތަލަހުތައް ގާނޫނުގައި މާނަކޮށްފައިވަނީ ކިހިނެއް ހެއްޔެވެ؟ ގާނޫނުގެ 84 ވަނަ މާއްދާގައި ބުނާ ގޮތުން އާއްމު ނިޒާމަކީ މުޖުތަމައުގައި ނަގަހައްޓަންޖެހޭ އާއްމު އުސޫލުތަކާއި، އެކަމެއް ނެތިދިއުމުގެ ސަބަބުން ނުވަތަ އެކަމަށް އަސަރުކުރުމުގެ ސަބަބުން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ގެއްލުން ލިބިދާނެ ކަންކަމެވެ. މި މާނަކުރުމުން އާއްމު ނިޒާމަކީ ކޮބައިކަން ސާފުވޭ ހެއްޔެވެ. މުޖުތަމައުގައި ދަމަހައްޓަންޖެހޭ އުސޫލުތައް ކަނޑައަޅާނީ ކާކު ކިހިނެއް ހެއްޔެވެ؟ ވެރިކަމުގައި ހުންނަވާ ބޭފުޅުންނަށް ފާޑުކިޔުމަކީ، އެ ބޭފުޅުން ފަރުދާގެ ފުރަގަހުގައި ހިންގަވާ ނޭނގާނީ އަމަލުތަކުގެ ވާހަކަދެއްކުމަކީ މުޖުތަމައުގައި ނަގަހައްތަންޖެހޭ އާއްމު އުސޫލުތަކާ ހިލާފު ކަމެއް ކަމުގައި ކޮމިޝަނުގެ މެންބަރުން މާނަކުރައްވައިފިނަމަ އެ އޮތީ މީޑިޔާ ހުއްޓުވޭ ގޮތަށެވެ.

ގައުމީ ސަލާމަތް މާނަކުރަނީ ދިވެހިރާއްޖެއަށް ބޭރުންނާއި އެތެރެއިން ކުރިމަތިވާ ކަންކަމުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމަށް ނުވަތަ މުޅި ގައުމަށް ނުވަތަ މުޖުތަމައުގެ ގިނަ ބަޔަކަށް ބޮޑެތި ގެއްލުންތަކެއް ލިބިދާފަދަ ކަންކަމާއި، އެކަމެއްގެ ސަބަބުން ދިވެހި ދައުލަތަށް ނުރައްކާވެދާނެ ފަދަ ކަންކަމާއި މަސްލަހަތުތައް ކަމުގައެވެ. ސުބްހާނަﷲއެވެ. ރާއްޖޭގައި އިންޑިޔާ ސިފައިން ތިބިކަމަށް ބުނެފިނަމަ މި މާނަކުރުމުގައި އެބުނާ ނުރައްކަލެއް ކުރިމަތިވާނެ ކަމުގައި މާނަނުކުރެވޭނީ ކިހިނެއް ހެއްޔެވެ؟

މިހާ ފުޅާ ދާއިރާއެއްގައި ސާފުނުވާނެހެން މި މުސްތަލަހުތައް މާނަކުރުމަށްފަހު، ސަރުކާރަށް ފަސޭހައިން އަޣުލަބިއްޔަތު ލިބިގަނެވޭ ގޮތަށް ބައްޓަންކޮށްފައި އޮތް ކޮމިޝަނަކަށް މި މުސްތަލަހުތައް ބޭނުންކޮށްގެން ނޫސްތައް ބަންދުކުރުމުގެ ބާރު މިއޮތީ ދީފައެވެ. ނަމަވެސް އެއިން އެއްވެސް ކަމެއް ސާބިތުކުރުމުގައި ބަލާނެ މިންގަނޑެއް ގާނޫނުގައި ބަޔާންނުކުރެއެވެ.

71 ވަނަ މާއްދާގެ އިބާރާތްކުރުމަށް ބަލާއިރު، ފިޔަވަޅުއަޅައި ނޫސްތައް ބަންދުކުރުމަށް ގައުމީ ސަލާމަތަށް ނުރައްކާވުން ނުވަތަ އާއްމު ނިޒާމާ ހިލާފުވުން ނުވަތަ އިސްލާމްދީނާ ހިލާފުވުމަކީ ސާބިތުވާންޖެހޭ ކަންކަމެއް ނޫނެވެ. ކޮމިޝަނުގައި ތިއްބެވި ބަޔަކަށް އެ ގޮތަށް "ބެލެވޭ"ނަމަ ފިޔަވަޅުއަޅަންވީއެވެ.

މީޑިއާތައް ކޮންޓްރޯލް ކުރާ ބިލާ ދެކޮޅަށް ނޫސްވެރިންނާއި، ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމުގެ ދިފާއުގައި މަސައްކަތް ކުރާ މީހުން އަޑުއުފުލުން--- ސަން ފޮޓޯ: އަޙްމަދު ފިރިޔަލް

މި މާއްދާތައް ހުރި ގޮތުން ގެއްލެނީ "ގާނޫނުގެ ޔަގީންކަން" ނުވަތަ ލީގަލް ސާޓެއިންޓީއެވެ. ކުށްވެރިވާނީ ކީއްކުރީމަކަން އެނގެންޖެހޭނެއެވެ. ގާނޫނީ ގޮޅިއަކީ ތަންމިނަށް ހުޅުވިފައި އޮތް ގޮޅިއަކަށްވާނަމަ ނޭނގި އެގޮޅިއަށް ފެތޭނެއެވެ. މި ސަބަބަށްޓަކައި ގާނޫނުތައް ފަރުމާކުރުމުގެ އެންމެ އަސާސީ އެއް މަފުހޫމަކީ މުސްތަލަހުތައް ސާފުވުމެވެ. އެ މިންގަނޑަށް މިގާނޫނު ފެތޭތޯ ނޫންތޯ ކިޔުންތެރިން ނިންމަވާށެވެ.

ކޮމިޝަނުން ވަކިކުރުމުގެ މަޖިލީހަށް؛ ސިޔާސީ ނުފޫޒު އޮންނާނެކަން ކަށަވަރުކުރުން

ސަރުކާރުގެ ފަރާތުން މި ގާނޫނު ބިލަކަށްވުމުގެ ކުރިން ގެންނަން ބޭނުންވާ އިސްލާހުތަކުގެ ލިސްޓެއް ބަންޑާރަނައިބުގެ އޮފީހުން ސެޕްޓެންބަރު ދިހަވަނަ ދުވަހު އާއްމުކުރިއެވެ. އެ ބަޔާނުގައި ހާމަކުރި އިސްލާހުތަކުގެ ތެރެއިން ތިންވަނަ އިސްލާހަކީ ކޮމިޝަނުގެ މެންބަރުންގެ ތެރެއިން އިންތިހާބީ މެންބަރެއްގެ ސިފަތައް ުވަތަ ޝަރުތުތައް ގެއްލިއްޖެނަމަ ރައްޔިތުންގެ މަޖިލީހުން އެ މެންބަރުން ވަކިކުރުމުގެ ބަދަލުގައި، އެ މެންބަރު ވަކިކުރުމުގެ އިހުތިޔާރު އެ މެންބަރު އިންތިހާބުކުރި ފަރާތްތަކަށް ލިބިދޭ ގޮތަށް ބިލު އިސްލާހުކުރުމެވެ.

ބިލު ފާސްކޮށް ތަސްދީގުކުރައްވައި ގެޒެޓުގައި ޝާއިއިކުރިއިރު، ކޮމިޝަނުގެ މެންބަރުންގެ މަގާމު ހުސްވާ ސަބަބުތައް ކަމުގައި ބުނެފައިވާ ސަބަބެއް މެދުވެރިވެގެން މެންބަރުން ވަކިކުރުމުގެ ބާރު ދީފައި އޮތީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށާއި، މަޖިލީހުގެ މެންބަރުންނަށެވެ. 28 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުން، މެންބަރުކަމުގައި ހުރެ ކުރުން އެކަށީގެންނުވާ ކަމެއް ކުރުމާއި، މެންބަރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ނާގާބިލުވުން ފަދަ ކަމެއް މެދުވެރިވެއްޖެކަމަށް މަޖިލީހުގެ ކޮމިޓީއަކަށް ފެނިއްޖެނަމަ މަޖިލީހުގެ ތަޅުމަށް ހުށަހަޅައި، މަޖިލީހުގެ ޖަލްސާއެއްގައި ބައިވެރިވާ މެންބަރުންގެ އަޣުލަބިއްޔަތުން ނިންމައިގެން ކޮމިޝަނުގެ މެންބަރުން ވަކިކުރަންވީއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ނަގައި އެއްލައިލި ގޮތް ދިވެހި ރައްޔިތުން ދެކެފިއެވެ. ނޫސްވެރިން އިންތިހާބުކުރާ ބަޔަކު ނަގައި އެއްލައިލާނީ އެއަށްވުރެ މާ އިހާނަތިކޮށެވެ. ވަކި ދައުރެއް އިސްތިސްނާކުރުމެއް ނެތި ހުރިހާ ދައުރެއްގައިވެސް މަޖިލީހުން އަމަލުކުރަނީ، އެއިރެއްގައި މަޖިލީހުގެ އަޣުލަބިއްޔަތު އޮތް ބަޔަކަށް ސިޔާސީ ގޮތުން ފަހިވާނެ ގޮތަށެވެ. މިއީ ފާއިތުވި ދެ މަޖިލީހާއި، މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީހުން ފެންނަ ހަގީގަތެވެ.

ތަހުގީގީ ނޫސްވެރިކަން އެކުއެކީ ބަންދު

ނޫސްވެރިކަމުގެ އެންމެ މުހިއްމު އެއް ބަހާއަކީ ތަހުގީގީ ނޫސްވެރިކަމެވެ. ތަހުގީގީ ނޫސްވެރިކަމުގައި ސިއްރު ރެކޯޑިންތައް ބޭނުންކުރެއެވެ. އަލްޖަޒީރާގެ އިންވެސްޓިގޭޓިވް ރިޕޯޓުތައް ބައްލަވާށެވެ. ދައުލަތްތައް ލޫޓުވައިގެން ފިލައިގެން އެހެނިހެން ގައުމުތަކުގައި އުޅޭ މީހުން އެމީހުންގެ އަތުގައި ހުރި ތަނަވަސްކަން ނޫސްވެރިންނަށް ކިޔައިދެނީ އެއީ ނޫސްވެރިއެއްކަން ނޭނގިއެވެ. ބޮޑެތި ހާއިނުންގެ ރުހުމާއެކު އެމީހުންގެ ހިޔާނާތުގެ ވާހަކަތައް ރެކޯޑުކުރެވޭނެ ހެއްޔެވެ؟

ނޫސްވެރިކަމުގެ ސުލޫކީ މިންގަނޑުގައި ހިމަނަންޖެހޭ ކަންކަން ބަޔާންކުރާ 40 ވަނަ މާއްދާގައި ބުނެފައިވަނީ ހުއްދަ ނެތި ރިކޯޑުކޮށްފައިވާ މައުލޫމާތު ބޭނުންނުކުރެވޭނެ ކަމަށާއި، އެކަމަށް ބޭނުންކޮށްފައިވާ އާލަތްތަކުގެ ބޭނުންވެސް ނުހިފޭނެ ކަމުގައެވެ. މާނައަކީ ދައުލަތުގެ އިސްވެރިޔަކު ރިޝްވަތަށް އެދޭ މަންޒަރާއި އަޑުގެ ރެކޯޑިންއެއް ނޫސްވެރިޔަކަށް ލިބުނަސް، އެއީ އެ ބޭފުޅެއްގެ ރުހުމާއެކު ރެކޯޑުކުރެވުނު ވީޑިޔޯއެއް ނުވަތަ އޯޑިއޯއަކަށްނުވާނަމަ އެ ރެކޯޑިންގައި ހުރި މައުލޫމާތު އާއްމުނުކުރެވޭނެއެވެ.

ނޫސްވެރިން އިއްޔެ ކުރި އިހްތިޖާޖުގެ ތެރެއިން: -- ސަން ފޮޓޯ: އަހްމަދު އިޔާދު

ދުނިޔޭގެ އެހެނިހެން ގައުމުތަކަށް ބަލާއިރު ބައެއް ގައުމުތަކުގައި ގައިދުކުރުމެއް ނެތި ތަހުގީގީ ނޫސްވެރިކަމުގެ ބޭނުމަށް ހުއްދަ ނެތި ރެކޯޑުކުރުމުގެ ހުއްދަ ދީފައި އޮވެއެވެ. އަނެއްބައި ގައުމުތަކުގައި އާއްމު މަސްލަހަތު އެކުލެވޭ ކަންކަމުގައި ތަހުގީގީ ނޫސްވެރިކަމުގެ ބޭނުމަށް ރުހުން ނެތި ރެކޯޑުކުރެވިދާނެއެވެ. ނަމަވެސް އެއްވެސް ޑިމޮކްރަސީއެއްގައި ތަހުގީގީ ނޫސްވެރިކަމަށްވެސް ރުހުން ނެތި ރެކޯޑުނުކުރެވޭ ގޮތަށް އެ ހައްގު އެކީ ބަންދުކޮށްފައި ނެތެވެ. މި ގާނޫނުން މިއޮތީ އެ ހައްގު ބަންދުކޮށްފައެވެ.

ބިލު ކިޔައިފިން، ފެންނަނީ ހަންމުށިން ހަންމަތަކުރަން އުޅޭ ތަން

ރައީސެވެ. ރޭ މަނިކުފާނު ރާއްޖޭގެ ހުރިހާ ނޫސްވެރިންނާ މުހާތަބުކުރައްވައި ވިދާޅުވީ ދެރަވަރު ވާހަކަފުޅެކެވެ. މި ގާނޫނު ނުކިޔައި، އޭގައި އޮތް އެއްޗެއް ނުބަލައި ނޫސްވެރިން ގާނޫނާ ދެކޮޅު ހަދަމުންދާކަމަށް ކުރެއްވި ތުހުމަތަކީ މަނިކުފާނު ނޫސްވެރިންނާމެދު ދެކެވަޑައިގަންނަވާ ގޮތް ވަރަށް ސާފުވި ކަމެކެވެ.

ވިދާޅުވުން އެދެމެވެ. މި ގާނޫނުގެ ބަނޑޭރިގަނޑުން ފެށިގެން ނިމެންދެން އެ ހުރި 54 ސަފުހާ އަޅުގަނޑު ކިޔައިފީމެވެ. ވަކިވަކި މާއްދާތައް ލިޔެ، ފަންނީ ގޮތުން ދުނިޔޭގެ ތަހުޒީބު ގައުމުތަކުގައި މީޑިޔާ ރެގިއުލޭޓުކުރާ އުސޫލުތަކާ އަޅައިކިޔައި ލިޔާނަމަ ލިޔަންޖެހޭނީ ކުރު ފޮތެކެވެ. މި ލިޔުމުގައި މި ލިޔެލީ އެންމެ ބޮޑެތި ކަންބޮޑުވުންތަކެވެ. އަދި ކަންބޮޑުވާ ސަބަބުތަކެވެ.

މަނިކުފާނުގެ ވާހަކަފުޅުން ވިސްނޭ ގޮތުން ރައީސް ގަބޫލުކުރައްވާ ގޮތުން، އެއްވެސް ކަމެއްގައި މަނިކުފާނާ ދެބަސްވާނީ ދެބާވަތެއްގެ މީހުންނެވެ. އެއް ބަޔކީ ތަނެއް ދޮރެއް ނޭނގޭ، ކަންކަން އޮތް ގޮތް ނުވެސް ބަލާ ގަމާރުންނެވެ. އަނެއް ބަޔަކީ ގައުމަށް ހެވެއް ނޭދޭ ހާއިނުންނެވެ.

މިފަހަރު ނޫސްވެރިން މި ލައްވައިލީ ފުރަތަމަ ކެޓަގަރީގައެވެ. ނަމަވެސް އަޅުގަނޑުމެންވެސް މިފަދަ ކަމެއްގައި މިހާ ގަދަބަދަވިކޮށް ބަސްބުނާނީ ލައްކަ ވިސްނާފައެވެ. މިކަމުގައި ބަސްބުނި ނޫސްވެރިން މަސައްކަތްކުރާ ނޫސްތަކަށް ލައްކަ ދަތިތައް ސަރުކާރުން ކުރިމަތިކޮށްފިއެވެ. ސްޕޮންސާތައް ކަނޑައިލާ، އާމްދަނީ ލިބޭނެ މަގުތައް ބަންދުކޮށްފިއެވެ. އެ ރިސްކު ނަގައިގެން ނޫސްވެރިން ބަސްބުނަނީ ބުނަންޖެހޭ ސަބަބުތައް ހުރުމުންނެވެ. އުންމީދުކުރަނީ އަޅުގަނޑުމެން މިދައްކާ ވާހަކަ އަޑުއައްސަވައި މިކަމާމެދު ފުންކޮށް ވިސްނަވައި، އަދިވެސް ރަނގަޅު ގޮތް އިހުތިޔާރުކުރައްވާނެ ކަމަށެވެ.

އަޅުގަނޑު އުންމީދުކުރަނީ މި ލިޔުން ވިދާޅުވި އާއްމު ރައްޔިތުން، ރައީސާއި ސަރުކާރުގެ ވެރިން ދައްކަވާ ވާހަކަފުޅުތަކުގެ އަލީގައި މީޑިޔާ ރެގިއުލޭޝަންގެ ގާނޫނު ވިދާޅުވެ އަޅައިބެއްލެވުމެވެ. ދެން ކަން އޮތީ އެ ބޭފުޅުން ވިދާޅުވާ ގޮތަށްކަން ނުވަތަ ނޫންކަން އަމިއްލަފުޅަށް ނިންމެވުމެވެ. އަޅުގަނޑު ގަބޫލުކުރާ ގޮތުން ދިވެހިންނަކީ މާމަތީ ބޭފުޅަކު ހުރިހާ ކަމެއް ވިދާޅުވެނުދެއްވިޔަސް އަމިއްލައަށް ކަންކަން އެނގޭހައި ތައުލީމު ލިބިފައިވާ ކަންކަމުގެ ދެކޮޅު ބެލުމުގެ ގާބިލުކަން ލިބިފައިވާ ބައެކެވެ.

comment ކޮމެންޓް