ބޮޑުތަކުރުފާނު މަގަށް ފުރަތަމަ ފުޅާކުރާ ސަރަހައްދުގެ 90 ޕަސެންޓު ހިއްކައި ނިމިއްޖެ: އެމްޓީސީސީ

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަކަށް ފުޅާކުރުމުގެ މަސައްކަތް: މަގު ފުޅާކުރުމަށްޓަކައި ފުރަތަމަ ހިއްކަން ޖެހޭ ސަރަހައްދުގެ 90 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނޭ --- ސަން ފޮޓޯ

ހަތަރު ލޭނަށް ފުޅާކޮށް، ޒަމާނީ ފެންވަރަކަށް ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ތެރެއިން މަގު ފުޅާކުރުމަށްޓަކައި ފުރަތަމަ ހިއްކަން ޖެހޭ ސަރަހައްދުގެ 90 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށް، އެމްޓީސީސީން ބުނެފިއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްއިން އެމްޓީސީސީއާ ހަވާލާދީ ބުނީ، ބޮޑުތަކުރުފާނު މަގުގެ އެއްގަމު ތޮށި ހެދުމަށް ބޭނުންވާ ކޮންކްރީޓް ޕެނަލްތައް މަޝްރޫއު ކުރިއަށް ގެންދާ ސައިޓަށް މިހާރު ގެންގޮސްފައިވާކަމަށެވެ.

ހަމައެއާއެކު ސީ ޗެނަލް އިންސްޓޯލްކުރުމާއި ޝީޓް ޕައިލްތައް ވަރުގަދަކުރުމަށް ޖަހާފައިވާ އެންކާ ބްލޮކްގެ މަސައްކަތްތައް ވެސް މިހާރު އެއްކޮށް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

އެ ކުންފުނިން އިތުރަށް ބުނީ، މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ 132 މީޓަރުގެ ސަރަހައްދުގެ ޝީޓްޕައިލްކުރުމުގެ މަސައްކަތް ކޮށް ނިމިފައިވާ ކަމަށާއި، އަދި މަގު ފުޅާކުރުމަށްޓަކައި ފުރަތަމަ ހިއްކަންޖެހޭ ސަރަހައްދުގެ 90 ޕަސެންޓު މަސައްކަތް ވެސް ނިމިފައިވާ ކަމަށެވެ.

މި މަސައްކަތް ކުރިއަށް ގެންދަނީ، ރަސްމީ ފާލަމުން ފެށިގެން ލޯކަލް މާރުކޭޓާ, އެ ސަރަހައްދުގެ ބައެއް ބަންދުކޮށްގެންނެވެ.

https://sun.mv/210264

މިދިޔަ އޮގަސްޓް މަހުގެ 21ވަނަ ދުވަހު ބޮޑުތަކުރުފާނު މަގު ތަރައްގީކުރަން ފެށި މަޝްރޫއުގެ ދަށުން ހުޅުމާލޭ ފެރީ ޓާމިނަލުން ފެށިގެން މަސް މާރުކޭޓު ސަރަހައްދާ ހަމައަށް 830 މީޓަރު ތާރު އަޅާނެ ކަމަށާއި 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލްގެ މަސައްކަތް ކުރިއަށް ދާނެ ކަމަށް، އެމްޓީސީސީން ބުނެފައިވެއެވެ.

އެ ސަރަހައްދުގައި ތާރު އަޅައިނިމޭއިރު، ފެން ހިންދާ ނިޒާމެއް ވެސް ގާއިމުކުރެވޭނެތީ ފެންބޮޑުވާ މައްސަލައަށް ހައްލެއް ލިބޭނެ ކަމަށް އެ ކުންފުނިން އޭރު ބުންޏެވެ.

މީގެ އިތުރުން، މި މަޝްރޫއުގެ ދަށުން ހިނގާ މީހުންނަށް ވަކި ލޭނެއް ގާއިމުކުރުމާއި ޑްރެއިނޭޖް ސާވިސް ލައިން އެޅުމާއި މަގު ބައްތިއާއި ނިޝާން ހަރުކުރުމުގެ މަސައްކަތް ވެސް އެމްޓީސީސީން ކުރާނެއެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކުރީ 144.5 މިލިއަން ރުފިޔާއަށް، އެއް އަހަރާއި ތިން މަހުގެ ތެރޭ ނިންމާ ގޮތަށެވެ.

މާލޭގެ މަގުތައް ހެދުމުގެ މަސައްކަތްތަކުގެ ދަށުން ރަށުގެ ވަށައިގެންފައިވާ ބައެއް ހިސާބުތަކުގައި ތާރު އަޅާފައިވާއިރު، އެހެން ބައެއް ސަރަހައްދުތަކުގައި އަދިވެސް އޮންނަނީ ގާ އަތުރައިފައެވެ.

މާލޭގެ އިތުރު މައި މަގެއް ކަމަށްވާ އަމީނީމަގުގައި ދުއްވުން ފަސޭހަކުރުމުގެ ގޮތުން ޒަމާނީ ފެންވަރަކަށް ހަދައި ނިންމީ މިދިޔަ އަހަރު ކަމުގައިވީ ނަމަވެސް، އެ ތާރުގަނޑުގައި 'މުލިހިތަކެއް' ފަދަ, ތަންގަނޑުގަނޑު އުފެދި، ދުއްވާ މީހުންނާއި ހިނގާ މީހުންނަށް ނުރައްކަލަކަށްވެފައިވާކަމުގެ ކަންބޮޑުވުން ވަނީ އުފެދިފައެވެ. އެ މުލިހިތައް ނަގައި ތާރު އެއްހަމަކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް، އާރުޑީސީން މީގެ ކުރިން ބުނެފައިވެއެވެ.

comment ކޮމެންޓް