ޝަހީބު ފިލުމަށް އޭނާގެ އަންހެނުން އެހީތެރިވިކަމަށް ބުނާ މައްސަލައެއް ބަލަނީ

130 ކިލޯގެ ޑުރަގުގެ މައްސަލައިގައި ހައްޔަރުކޮށް، ދޫކޮށްލި ޝަހީބު: އޭނާ އަލުން ވަނީ ހައްޔަރުކޮށްފަ، އަދި ޞަހީބުގެ އަންހެނުން، ޝަހީބު ފިލުމަށް އެހީވިކަމަށް ބުނާ މައްސަލައެއްވެސް ފުލުހުން ފަނީ ބަލަމުން -- ފޮޓޯ/ ފުލުހުން

ކޯޓު އަމުރަކާ ގުޅިގެން ފުލުހުން ހައްޔަރުކުރި ގއ. ވިލިނގިލި، ލައިޓްހައުސް، ޝަހީބު އިބްރާހީމް ފިލުމަށް އޭނާގެ އަންހެނުން އެހީތެރިވިކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.

ހުޅުމާލޭ ފަޅުތެރޭ އަޅާފައި އޮތް ކަންނެލި ދޯންޏަކުން 2020 ވަނަ އަހަރު ހޯދި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި އިސްކޮށް ޝާމިލުވާ ކަމަށް ފުލުހުން ތުހުމަތު ކުރި ޝަހީބު, ހޯދުމަށް ދެ ފަހަރެއްގެ މަތިން ފުލުހުން މި ފަހުން އިއުލާނު ކުރިއެވެ.

ދެވަނަ ފަހަރަށް އިއުލާނު ކުރުމުން ވެސް އޭނާ ފުލުހަށް ހާޒިރު ނުވުމުން ފުލުހުން ވަނީ އޭނާގެ އަންހެނުން ހައްޔަރުކޮށްފައެވެ.

މިދިޔަ ބުރާސްފަތި ދުވަހު އަންހެނުން ހައްޔަރު ކުރިތާ މާ ގިނަ އިރުތަކެއް ނުވެ, ޝަހީބް ވަނީ އަމިއްލައަށް ފުލުހަށް ހާޒިރުވެފައެވެ.

ފުލުހުން ޝަހީބުގެ އަންހެނުން ހައްޔަރުކުރީ ޝަހީބު ފިލައިގެން އުޅުމަށް އެހީތެރިވިކަމުގެ ތުހުމަތުގައެވެ. ނަމަވެސް ހަމަ އެ ދުވަހު ޝަހީބުގެ އަންހެނުން ދޫކޮށްލިކަމަށާއި، އެ މައްސަލަ ބަލަމުން އަންނަކަން ފުލުހުން ހާމަކުރި ނަމަވެސް، އިތުރު ތަފްސީލެއް ނުދެއެވެ.

ތުހުމަތު ކުރެވޭ އަންހެން މީހާގެ ވަނަވަރެއް ވެސް އަދި ހާމައެއް ނުކުރެއެވެ.

ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ފުލުހުން އޭނާ ހޯދަން ފުރަތަމަ އިއުލާނުކުރީ މިދިޔަ ހޮނިހިރު ދުވަހެވެ. އޭގެ ފަހުން އޭނާ ނުފެންނާތީ ދެވަނަ ފަހަރަށް ހޯދަން އިއުލާނުކުރީ ބުރާސްފަތި ދުވަހެވެ.

ފުލުހުން ބުނީ، ޝަހީބު ހޯދަނީ، އޭނާގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ އެކަން ކުރެވިފައި ނުވާތީ ކަމަށެވެ. އެހެންވެ ބަންދުގައި ބަހައްޓައިގެން އަންނަ އަންގާރަ ދުވަހުގެ އިރުއޮއްސި ހައެއް ޖަހާއިރަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ކަމަށް ބުންޏެވެ.

ބުރާސްފަތި ދުވަހު ފުލުހުން ޝަހީބު ހައްޔަރުކުރުމަށް ފަހު، މިއަދަށް އޮތީ އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް މެންދުރުފަހު ހާޒިރުކުރާ ގޮތަށެވެ.

ފާހަގަކުރެވޭ ގޮތުގައި، 2020ވަނަ އަހަރުގެ އޮކްޓޯބަރު 12 ވަނަ ދުވަހު، ހުޅުމާލޭ ފަޅުގައި އޮތް މަސް ދޯންޏަކުން ފުލުހުން ވަނީ 130 ކިލޯގެ މަސްތުވާތަކެތި ހޯދައިފައެވެ. އެ މައްސަލައިގައި ޝަހީބު ހިމެނޭ ގޮތަށް، އެ މަސް ތެރޭގައި ފުލުހުން ހަތް މީހަކު ހައްޔަރުކުރިއެވެ. އޭގެ ތެރެއިން މައްސަލައިގައި އިސްކޮށް ހުރި ކަމަށް ފުލުހުން ތުހުމަތު ކުރީ ޝަހީބާއި ހއ. ހޯރަފުށީ ވައިލެޓްވިލާ އަޙްމަދު މޫސާއެވެ.

އޭގެ ތެރެއިން ޝަހީބު، ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނިލް ކޯޓުން އަމުރުކުރިއެވެ. އެ މައްސަލަ ހައިކޯޓާއި ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ އަމުރު ވަނީ ދަމަހައްޓައިފައެވެ. ނަމަވެސް އޭޕްރިލް 6، 2022ގައި ކްރިމިނަލް ކޯޓުން ޝަހީބާއި އަހުމަދު މޫސާ ދޫކޮށްލިއެވެ.

ޝަހީބުވަނީ މީގެ ކުރިން ޕީޕީއެމްގެ ސަރުކާރުގައި ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރުކަން ކުރުމުގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަވެސް ކޮށްފައެވެ.

comment ކޮމެންޓް