އައްޑޫގެ ކައުންސިލާ ގުޅޭ ވޯޓަކުން ވާނެ ފައިދާއެއް ނެތް، ތަރައްގީއަށް އެޅޭނީ ހިޔަނި: ނިޒާރު

އައްޑޫގެ މޭޔަރު ނިޒާރާ ރައީސް މުއިއްޒު ސަލާންކުރައްވަނީ: ކައުންސިލް އޮންނާނެ ގޮތާމެދު ވޯޓެއް ނެގުމަކީ އައްޑޫގެ ތަރައްގީއަށް ބޮޑު ހިޔަންޏެއް އެޅޭނެ ނިންމުމަކަށް ވާނެ ކަމަށް ނިޒާރު ވަނީ ވިދާޅުވެފައި ---- ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީ ކަމަށްވާ އައްޑޫ ސިޓީގައި ކައުންސިލް އޮންނަންވީ ގޮތަކާ މެދު ފެންނަ ނުފެންނަ ވޯޓެއް ނެގުމަކީ އެ ސިޓީގެ ތަރައްގީއަށް ބޮޑު ހިޔަންޏެއް އެޅޭނެ 'ނުބައި' ނިންމުމަކަށް ވާނެ ކަމަށް އައްޑޫގެ މޭޔަރު އަލީ ނިޒާރު ރޭ ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ އައްޑޫގެ ސިޓީ ކައުންސިލް އޮންނާނެ ގޮތަކާ މެދު ވޯޓެއް ނެގުމުގެ ވިސްނުންފުޅު ގެންގުޅުއްވާކަން މިދިޔަ ބުދަ ދުވަހު ހާމަކުރައްވާފައެވެ. ރައީސް ވިދާޅުވީ, ގާނޫނު އޮތްގޮތުން ހިތަދޫގައި ވަކި ސިޓީ ކައުންސިލެއް ހެދޭނެ ކަމަށެވެ.

https://sun.mv/211443

އެކަމަށް އިޝާރަތްކުރައްވައި ނިޒާރު ވިދާޅުވީ، އައްޑޫ ކައުންސިލް އޮންނާނެ ގޮތަކާ މެދު ވޯޓަކަށް އަހަން ނުޖެހޭ ކަމަށާއި އެއީ އެއްވެސް ފައިދާއެއްވާނެ ކަމެއް ނޫން ކަމަށެވެ.

މިހާރު ވެސް މި ސަރުކާރުން އައްޑޫގެ ތަރައްގީއަށް މަސައްކަތް ނުކުރާ ކަމަށާއި އެފަދަ ވޯޓެއް ނެގުމުން ތަރައްގީއަށް އިތުރަށް ހިޔަނި އެޅޭނީ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް މުއިއްޒު އައްޑޫ ކައުންސިލަރުންނާއެކު: ނިޒާރު ވިދާޅުވީ، އައްޑޫގައި ރަށު ކައުންސިލްތައް ހަދައިގެން ފައިދާއެއް ނުވާނެ ކަމަށް ---- ފޮޓޯ/ ރައީސް އޮފީސް

މިހާރު މިދާ ގޮތުން އަޅުގަނޑު ހަމަ މާޔޫސްވޭ އައްޑޫ ސިޓީގެ ތަރައްގީއަށް ހަމަ ބޮޑު ހިޔަންޏެއް އެޅިގެންދާނެ ނުބައި ނިންމުމަކަށް ވާނެ. އެއްވެސް ވަރަކަށް ތާއިދުކުރަން ޖެހޭ ކަމެއް ނޫން. އައްޑޫ މޭޔަރު އަލީ ނިޒާރު

އައްޑޫގައި ސިޓީ ކައުންސިލާ ވަކިން، ވަކި ރަށްތަކުގެ ކައުންސިލްތައް ބާއްވަން ނުޖެހޭ ސަބަބުތައް ހިއްސާކުރައްވަމުން ނިޒާރު ވަނީ ހުޅުމީދޫ މިސާލެއްގެ ގޮތުގައި ނަންގަވައިފައެވެ.

ނިޒާރު ވިދާޅުވީ، ދައުލަތުން ހިލޭ އެހީގެ ގޮތުގައި ކައުންސިލްތަކަށް ދޭ ފައިސާއިން މިހާރު ހުޅުދޫމީދުއަށް އެންމެ ގިނައިން ވެސް ލިބެނީ ގާތްގަނޑަކަށް 11 މިލިއަން ރުފިޔާ ކަމަށެވެ. އޭގެ ތެރެއިން، މުސާރައަށް އެކަނި ބައި މިލިއަނެއްހާ ރުފިޔާއާއި ގާތްގަނޑަކަށް ހަތް ލައްކަ ނުވަތަ އަށް ލައްކަ ރުފިޔާ އިދާރީ ހިންގުމަށް ޚަރަދުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެކަމަކު، އެ ރަށަށް ރަށު ކައުންސިލް އަތުވެއްޖެނަމަ، ފަސް ކައުންސިލަރުންގެ މުސާރައާއި ޑަބްލިއުޑީސީއަށް ކަނޑާލެވޭ އެއްޗާއެކު، ކޯއްޗެއްތޯ ދެން ބާކީ ކުރަނީ. މިހާރު ވެސް ނުލިބޭ އާމްދަނީގެ ގޮތުގައި 50،000 ރުފިޔާ ވެސް، އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރު

ނިޒާރު ވިދާޅުވީ، ސިޓީ ކައުންސިލެއްގެ ގޮތުގައި އޮތުމުން ލިބޭ ގްރާންޓު ބޮޑު ކަމަށާއި އޭގެ ތެރެއިން ވެސް ބޮޑު އެއްޗެއް ބާކީ ކުރެވޭ ކަމަށެވެ.

އޭނާ ވިދާޅުވީ، ސިޓީ ކައުންސިލްތަކާ އެހެން ކައުންސިލްތައް މިހާރު ގުޅިފައި އޮތަސް، މަރަދޫ، މަރަދޫފޭދޫގެ އިތުރަށް ފޭދޫގެ އިދާރީ އެއްވެސް ކަމަކަށް މޭޔަރުގެ ހައިސިއްޔަތުން އޭނާ ބަހެއް ވިދާޅުނުވާ ކަމަށާއި އެ ރަށްތަކުގައި ރަށު އޮފީސް ހިންގުމުގެ ހުރިހާ ބާރެއް ކައުންސިލަރުންނަށް އޮންނާނެ ކަމަށެވެ.

އައްޑޫ ސިޓީ ކައުންސިލް އޮންނަންވީ ގޮތާ ގުޅޭ ގޮތުން ނަގާ ވޯޓަކީ، ފެންނަ ނުފެންނަ ވޯޓު ނެގުމާ ގުޅޭ ގޮތުން ހަދާފައިވާ އައު ގާނޫނުގެ ދަށުން ނަގާ ފުރަތަމަ ވޯޓަށް ވާނެއެވެ.

އެކަމާ ގުޅޭ ބިލު ރައީސް ތަސްދީގުކުރެއްވީ މިދިޔަ އަންގާރަ ދުވަހެވެ.

އެ ގާނޫނުގެ ބޭނުމަކީ އާންމު ވޯޓު ނެގޭނެ ހާލަތްތަކާއި، އެ ވޯޓު ނެގުމަށް ހުށަހަޅާ ފަރާތްތަކުގެ ދައުރާއި ޒިންމާތަކާއި، އެ ވޯޓު ނެގުމުގައި އިލެކްޝަންސް ކޮމިޝަނުން އަމަލުކުރާނެ އުސޫލުތަކާއި، އެ ނޫން ވެސް އާންމު ވޯޓު ނެގުމާ ގުޅޭ އުސޫލުތައް ގާނޫނެއްގައި ބަޔާންކުރުމެވެ.

comment ކޮމެންޓް