ވައިޓް ހައުސް (21 ސެޕްޓެމްބަރު 2025) : އެމެރިކާގެ އަސްކަރީ ބޭނުންތަކަށް އަފްޣާނިސްތާނުގެ އަސްކަރީ ބޭސް އެއްކަމަށްވާ ބަޣްރާމް ވައިގެ ބޭސް ދޭންޖެހޭ ކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި އިންޒާރަށް އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރުން ދެކޮޅު ހެދުމުން އެކަމުގެ ނަތީޖާ ވަރަށް ހިތިވާނެކަމާއި ހީނުކުރާ ވަރުގެ ކަންތައްތަކެއް ހިނގައިފާނެކަމުގެ ބިރުދައްކައި ޓްރަމްޕް އަފްޣާނިސްތާނަށް ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ.
އަފްޣާން ސަރުކާރަށް އިންޒާރު ދެއްވަމުން ޓްރަމްޕް ވިދާޅުވީ އެމެރިކާގެ ބޭނުންތަކަށް ބަޣްރާމް ވައިގެ ބޭސް ދޭންޖެހޭކަމަށާ އެކަންކޮށް ނުދީފިނަމަ އަފްޣާނިސްތާނަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެގެންދާނެކަމުގައެވެ.
މިފަދަ ހާލަތެއްގައި ޚިޔާލަށް ގެންނަން ވެސް ދަތިވާ ވަރުގެ ގޯސް ކަންތައްތަކެއް ހިނގައިފާނެކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް އިތުރު ތަފްސީލެއް ޓްރަމްޕް ނުދެއްވައެވެ.
ޓްރަމްޕަކީ މި މޭރުމުން ގައުމުތަކަށާއި ޖަމާއަތްތަކަށް އާންމުކޮށް އިންޒާރުތައް ދެއްވާ ބޭފުޅެކެވެ. އިސްރާއީލު އެދޭ ގޮތަށް ހަމަލާތައް ހުއްޓާލަން ހަމާސް އެއްބަސްނުވާނަމަ ޣައްޒާއަށް ނަރަކައިގެ ދޮރުތައް ހުޅުވާލާނެކަމަށް ވިދާޅުވެ އެތައް ފަހަރަކު ޓްރަމްޕް އިންޒާރު ދެއްވާފައިވެއެވެ.
އީރާނުން ޔޫރޭނިޔަމް ފައްކާކުރުމުގެ ހައްގު ދޫކޮށްލައި އެމެރިކާ އެދޭފަދަ ނިއުކްލިޔާ އެއްބަސްވުމަކަށް ނުގޮސްފިނަމަ އީރާނަށްވެސް ނަރަކައިގެ ދޮރުތައް ހުޅުވާލާނެކަމުގެ އިންޒާރު ޓްރަމްޕް ދެއްވިއެވެ. އެއަށްފަހު އިސްރާއީލާއި އެމެރިކާ ވަނީ ބައިނަލްއަގްވާމީ އިންތަކާއި މިންތަކުން ބޭރުވެ އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށް ބޮންއަޅައި އީރާނުގެ ބައެއް ސައެންޓިސްޓުން ޝަހީދުކޮށްލައި ސްޓޭޓް ޓެރަރިޒަމްގެ ގިނަ އަމަލުތަކެއް ހިންގާފައެވެ.

ޓްރަމްޕް ވައިޓް ހައުސްގައި ހުންނަ އޭނާގެ އޮފީހުގައި އޭނާގެ މޭޒު ދޮށުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
ވައިޓް ހައުސްގެ އޯވަލް އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޓްރަމްޕް ވިދާޅުވީ އެމެރިކާ އަފްޣާނިސްތާނުން ފޭބިއިރު އެގައުމުގެ ބަޣްރާމް ވައިގެ ބޭސް ދޫކޮށްލެވިފައި ވުމަކީ ހެދުނު ވަރަށް ބޮޑު ގޯހެކެވެ.
މީގެ ތިން ދުވަސްކުރިން ޓްރަމްޕް އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅެއްގައި އިނގިރޭސި ބޮޑުވަޒީރު ކީރު ސްޓާމާ އާއެކު ބަކިންހަމްޝެއާ ގައި ބޭއްވި ބައްދަލުކުރެއްވުމުގައި ޓްރަމްޕްވަނީ އަފްޣާނިސްތާނުގެ ބަޣްރާމް ވައިގެ ބޭސް އެމެރިކާއަށް ބޭނުންވާ ސްޓްރެޓީޖިކް ސަބަބުތަކާބެހޭގޮތުން ވާހަކަ ދައްކަވާފައެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި ޗައިނާގެ ޖިއޮޕޮލިޓިކަލް ނުރައްކާތައް ދުވަހެއް ދުވަހަކަށް އެމެރިކާއަށް ދަނީ ބޮޑުވަމުންނެވެ. ޗައިނާއަށް ފާރަލުމަށް ޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށް ބަނޑަހަޖަހައިގެން ޗައިނާގެ ކައިރީގައި އެމެރިކާ ސިފައިން ބޭތިއްބޭނެ އަސްކަރީ މަރުކަޒެއް ނޫނީ ބޭސް އެއް އެމެރިކާއަށް ލިބިފައެއް ނުވުމަަކީ އެމެރިކާގެ ވަރަށް ބޮޑު ބަލިފައެކެވެ.
އެހެންކަމުން ޗައިނާއަށް ފާރަލުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް އަފްޣާނިސްތާނުގެ ބަޣްރާމް ވައިގެ ބޭސް އެމެރިކާ ވަރަށް ބޮޑަށް ބޭނުންވާކަމަށް ޓްރަމްޕް ވިދާޅުވިއެވެ. ޓްރަމްޕް ވަނީ ޕެނަމާ ކެނެލް އާއި ޑެންމާކުގެ ސަރަހައްދެއްކަމަށްވާ ގްރީންލޭންޑް ވެސް ހިފަންޖެހިދާނެކަމުގެ އިންޒާރުތައް ދެއްވާފައެވެ.
އަފްޣާނިސްތާނުގެ ބަޣްރާމް ވައިގެ ބޭސް އަކީ ޗައިނާގެ ނިއުކްލިޔާ މަރުކަޒުތަކާއި ޗައިނާގެ ދުރުރާސްތާ މިސައިލްތައް އުފައްދާ ކާރުޚާނާތައް ހުންނަ ސަރަހައްދާ ގަޑިއެއްހާއިރުގެ ރާސްތާގައި އޮންނަ ބޭސްއެއްކަމަށާ އެތަން ބޭނުންވަނީ އެހެންވެކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްޕްގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރުގެ ޚާރިޖީ ވުޒާރާގެ މަސްއޫލުވެރިއެއްކަމަށްވާ ޒާކިރު ޖަލާލީ ވިދާޅުވެފައިވަނީ އެމެރިކާއާ ގުޅުންތައް ރަނގަނޅުކުރަން އަފްޣާނިސްތާން ބޭނުންވާކަމުގައެވެ. ނަމަވެސް އެމެރިކާގެ އެއްވެސް ބޭނުމަކަށް އަފްޣާނިސްތާނުގެ އަސްކަރީ މަރުކަޒެއް އަދި ބިމެއްވެސް ނުދެވޭނެކަމަށާއި އެމެރިކާ އަފްޣާނިސްތާނުގެ އެއްވެސް ސަރަހައްދަކަށް ގަދަބާރުން އަރައިގަންނަން އުޅެފިނަމަ ނޫނީ ތަނެއް ހިފަން އުޅެފިނަމަ އެކަން ހުއްޓުވުމަށްޓަކައި ހަމަލާދީ ހަނގުރާމަ ފަށަން އޮތްކަން ޓްރަމްޕަށް ހަނދާންކޮށްދޭ ކަމަށް ތާލިބާން މަސްއޫލުވެރިޔާ ވިދާޅުވިއެވެ.
ބަޣްރާމް ވައިގެ ބޭސް ސުލްހަވެރިގޮތުގައި ނުދީފިނަމަ ނަތީޖާ ވަރަށް ހިތިވާނެކަމަށް ވިދާޅުވެ ޓްރަމްޕް އަފްޣާނިސްތާނަށް އިންޒާރު ދެއްވީ ތާލިބާން ސަރުކާރުގެ މަސްއޫލުވެރިޔާގެ މި ވާހަކަތަކާ ގުޅިގެންނެވެ.

އަފްޣާނިސްތާނުގެ ބަގްރާމް ވައިގެ ބޭސް
ޓެރަރިޒަމާ ހަނގުރާމަ ކުރުމުގެ ނަމުގައި އެމެރިކާއިން އަފްޣާނިސްތާނަށް އަރައިގަތީ 2001 ވަނަ އަހަރުގެ ފަހުކޮޅުގައެވެ. އެމެރިކާ އަފްޣާނިސްތާނަށް އަރައިގަތީ ނޭޓޯގެ ގައުމުތަކުގެ އެހީތެރިކަމާއެކު ނޭޓޯގެ ސިފައިންނާވެސް އެކުގައެވެ. އެމެރިކާ އަފްޣާނިސްތާނަށް އަރައިގަނެ އޭރުގައި އޮތް ތާލިބާން ސަރުކާރު ވަރަށް ފަސޭހައިން ވައްޓާލިއެވެ. ނަމަވެސް އަލްގާއިދާގެ ލީޑަރު އުސާމާބިން ލާދިން އުޅޭތަން ހޯދައި އޭޏާ މަރާލެވުނީ އަފްޣާނިސްތާނަށް އަރައި އެކަމަށް މަސައްކަތްކުރާތާ ދިހަވަރަކަށް އަހަރުފަހުންނެވެ.
ރިޕޯޓްތައް ބުނާގޮތުން ދިފަ އަހަރު ފަހުންވެސް އެމެރިކާއަށް އުސާމާބިން ލާދިން މަރާލެވުނީ ޕާކިސްތާނުން ދިން ޖާސޫސީ މައުލޫމާތުގެ އެހީގައެވެ. ދިހަ އަހަރަށްފަހު އުސާމާބިން ލާދިން މަރާލުމުގައި ޕާކިސްތާނުން އެމެރިކާއަށް އެއްބާރުލުން ދިންކަމަށްވަނީ ޓެރަރިޒަމާ ހަނގުރާމަ ކުރުމުގެ ނަމުގައި އެމެރިކާގެ ޑްރޯންތަކުން ޕާކިސްތާނާއި އަފްޣާނިސްތާނުގެ ސަރަހައްދީ ރޮނގު ގުޅިފައިވާ ވަޒީރުސްތާނުގެ އާންމުންނަށް ހަމަލާދީ އާންމުން މަރަމުން ގެންދާތީ އެކަން ހުއްޓުވުމުގެ ގޮތުންނެވެ.
ވަޒީރުސްތާނަށް އެމެރިކާ ދިން ހަމަލާތަކުގައި ލައްކައަކަށް ވުރެގިނަ އާންމުން މަރާލިކަމަށް ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރެއްކަމަށްވާ ނަވާޒް ޝަރީފް ވަރަށް ފާޅުކަން ބޮޑުގޮތެއްގައި ވިދާޅުވެފައިއެވެ. އުސާމާ ބިންލާދިން މަރާލެވުމުން ވަޒީރުސްތާނަށް ދެމުން ގެންދިޔަ ވައިގެ ހަމަލާތައް އެމެރިކާ ވަނީ ހުއްޓާލާފައެވެ.
އެމެރިކާ އަފްޣާނިސްތާނުގައި ގޮނޑިކޮއްކޮ ސަރުކާރެއް އުފައްދައިގެންވެސް އުޅުނެވެ. ނަމަވެސް ވިހި އަހަރުވީއިރުވެސް ތާލިބާން ޖަމާއަތް އަސްކަރީ ގޮތުން ބަލިކުރުމުގައާއި އަފްޣާނިސްތާން އެއްކޮށް އެމެރިކާގެ ކޮންޓްރޯލްގެ ދަށަށް ގެންދިޔުމުގައި އެމެރިކާ ވަނީ މުޅިން ނާކާމިޔާބުވެފައެވެ.
މި ނާކާމިޔާބީތަކާއެކު ޚަރަދު ބޮޑުވެ އަފްޣާނިސްތާނުން ފޭބުމަށް އެމެރިކާ ނިންމީ ޓްރަމްޕްގެ ފުރަތަމަ ދައުރުގައެވެ. ނަމަވެސް އަފްޣާނިސްތާނުން އެމެރިކާ ސިފައިން ފޭބީ ޖޯބައިޑެންގެ ވެރިކަމުގައި 2022 ވަނަ އަހަރުއެވެ.
އެމެރިކާ ސިފައިން އަފްޣާނިސްތާނުން ނުފައިބަނީސް ތާލިބާން ހަނގުރާމަވެރިން ކާބުލްއަށް އަރައި އަފްޣާނިސްތާނުގައި އެމެރިކާ އުފެއްދި ގޮނޑިކޮއްކޮ ސަރުކާރުވަނީ ވައްޓާލާފައެވެ. މިއާއެކު އެމެރިކާ އަފްޣާނިސްތާނުން ފައިބަންޖެހުނީ ވަރަށް ނިކަމެތި އަދި ލަދުވެތި ގޮތަކަށެވެ.