ގިނަ ނޫސްވެރިންތަކެއް، ތަސްދީގު ނުކުރަން ގޮވައިލަނިކޮށް، ތަސްދީގުކުރެއްވި ބިލާއެކު، އުފަންވި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ވަގުތީ ކޮމެޓީ މިއަދު އެކުލަވާލައިފިއެވެ.
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އިން ބުނީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން އެކުލަވާލައި، މެންބަރުން ކޮމިޝަން ހިންގުމާ ޙަވާލުވަންދެން، އެ ކޮމިޝަން ހިންގުމަށް ޓަކައި ވަގުތީގޮތުން އެކުލަވާލަންޖެހޭ ކޮމެޓީއަށް މިއަދު މެންބަރުން އައްޔަންކޮށްފައިވާ ކަމަށެވެ.
މި ގޮތުން ސިވިލް ސާވިސް ކޮމިޝަނުން އެކުލަވާފައިވާ ފަސް މެންބަރުންގެ ވަގުތީ ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ:
- ޑިރެކްޓަރު ޖެނެރަލް ޢަލީ ޒަކީ، މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް
- ޑިރެކްޓަރު ޖެނެރަލް އަޙްމަދު މަޢުސޫމް، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވާކްސް
- ޑިރެކްޓަރު ޖެނެރަލް އާމިނަތު ޝާހިދާ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ޓްރޭޑް
- ޑިރެކްޓަރު ޖެނެރަލް އާމިނަތު ނަސީރު، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
- ޗީފް ކޯޕަރޭޓް އެގްޒެކެޓިވް އިމާދު މުހައްމަދު، ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފް
ވަގުތީ ކޮމެޓީއަށް މެންބަރުން އައްޔަންކުރުމަށް މިއަދު ސިވިލް ސާވިސް ކޮމިޝަނުގައި ބޭއްވުނު ރަސްމިއްޔާތުގައި، ކޮމެޓީއަށް އައްޔަންކުރެވުނު މެންބަރުންނާ މަސްއޫލިއްޔަތުތައް ޙަވާލުކޮށް، ކޮމިޝަނުގެ މެންބަރުން އެ ބޭފުޅުންނާ ބައްދަލުކޮށް މަޝްވަރާކުރެއްވިއެވެ.
ވަގުތީ ކޮމިޓީ އަށް ކުރެވޭ މަސައްކަތްތައް:
- ކޮމިޝަންގެ އިދާރީ މަސައްކަތްތައް
- ކޮމިޝަނަށް ހުށަހަޅާ މައްސަލަތައް ބަލައިގަތުން
- މީީޑިއާތައް ރަޖިސްޓަރީ ކޮށްދިނުމަށް ހުށަހާ ހުށަހެޅުންތަަކަށް ގޮތްތައް ނިންމުން
- ވަގުތީ ކޮމިޓީ އަށް ނުކުރެވޭނެ ކަންކަން:
ކޮމިޝަނަށް ހުށަހަޅާ މައްސަލަތަކާއި ކުރީގެ ބްރޯޑްކާސްޓިން ކޮމިޝަނުންނާއި މޯލްޑިވްސް މީޑިއާ ކައުންސިލުން ކުރިން ބަލަން ފަށައި، ނުނިމިވާ މައްސަަލަތައް ބަލައި ގޮތް ނިންމުމާއި ފިޔަވަޅު އެޅުން - މީޑިއާތަކުގެ ރަޖިސްޓަރީ ބާތިލްކުރުން
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ޤާނޫނުގެ ހަތަރުވަނަ މާއްދާގައިވާ ގޮތުގެ މަތިން "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން"ގެ ނަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިދިޔަ ބުރާސްފަތި ދުވަހު ދައުލަތުގެ އޮފީހެއް އުފައްދަވައިފައެވެ.
މި އިދާރާ އުފައްދައިފައިވަނީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލުގައި، މި އިދާރާ އުފައްދަން ލާޒިމުކޮށްފައިވުމުންނެވެ.