ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެކި ފަރާތްތަކުން ކޮށްފައިވާ މުއާމަލާތްތަކުގެ ޗެޓްލޮގުތައް ލީކުކޮށްލީ ފުލުހުންގެ ތެރެއިން ކަމަށާއި، އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކެހިދޭންވެގެން ކުރި ކަމެއް ކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން ރޭ ތުހުމަތުކުރައްވައިފިއެވެ.
އެ މަނިކުފާނުގެ ޕާޓީ، ޕީއެންއެފްގެ އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ، ސަރުކާރުގައި ތިބީ ހުސް ވަގުން ކަމަށް އަދީބުގެ ޗެޓްލޮގުން ހާމަވި ކަމަށް ރަޖިސްޓްރީނުކޮށް ހިންގާ ވެބްސައިޓެއްގައި އެބައޮތް ކަމަށާއި އެ މީހުން އެކަން ރިޕޯޓުކުރީ ދިރާސާތަކެއް ކުރުމަށް ފަހު ކަމަށެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި މީޑިއާ މިނިވަންވާން ޖެހޭ ސަބަބަކީ އެއީއެވެ.
ރައީސާއި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ފަދަ ބޭފުޅުން އަދީބުގެ ޗެޓްލޮގްގައި ނެތް ކަމަށް ވިދާޅުނުވެވެނީ ކީއްވެތޯ ޔާމީން ވަނީ ސުވާލު އުފައްދަވައިފައެވެ.
"މުއިއްޒަށް އެނގިވަޑައިގަންނަވާނެ ވެރިކަމަށް ވަޑައިގެންނެވިއިރު އަދީބުގެ ފޯނުގައި ހުރި ޗެޓްލޮގާއި އަދީބުގެ ފޯނުގެ ހުރިހާ އެއްޗެއް ޕޮލިސްގައި އޮންނާނެކަން އެނގިވަޑައިގަންނަވާ. އަދި، މިވަގުތު ޕޮލިސްގެ އިންޓެލް ޗީފަކަށް އެހެރީ މުއިއްޒު އަނބިކަނބަލުންގެ ތިމާގެ މީހެއް ވަރަށް ގާތް މީހެއް،"
"އެހެންވީމާ މުއިއްޒަށް އެނގިވަޑައިގަންނަވާނެ ވެރިކަމަށް ވަޑައިގަންނަވާއިރު އެމްއެމްޕީއާރުސީގެ މި ހުރިހާ ވާހަކަތައް ނުކުންނާނެކަން،" ޔާމީން ވިދާޅުވިއެވެ.
ރައީސް، މީޑިއާ ކޮންޓްރޯލް ބިލު ތަސްދީގުކުރައްވައި ގާނޫނަކަށް ހެއްދެވީ މި ވާހަކަތައް ނުކުމެދާނެތީ ކަމަށް ވިދާޅުވެ، ޔާމީން ވިދާޅުވީ ފިތުރަތުގެ ނިންމުންތަކާ ދެކޮޅަކަށް ނުދެވޭނެ ކަމަށާއި އަދީބުގެ ޗެޓްލޮގް މިހާރު އޮތީ އެއްކޮށް ލީކުވެފައި ކަމަށެވެ.
"ހަމަ ޔަގީން ކަށަވަރު މީތި ލީކުކޮށްގެން އުޅެނީ ޕޮލިސްގެ އިންޓެލްގެ ތެރެއިން ކޮންމެ ވެސް މީހަކު. އެއީ ހަމަ މުއިއްޒަށް ކެހިދޭންވެގެން ކުރާ ކަމެއް އެއީ އެނގޭތޯ. މި ކަމަކުން އަދީބަށް ލިބޭނެ ގެއްލުމެއް ނެތް،" އެ މަނިކުފާނު ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ، މިހާރުގެ ޕްރޮސެކިއުޓަރު ޖެނެރަލް އައްބާސް ޝަރީފް، އަދީބުގެ އިއުތިރާފު އެއްބަސްވުން އުވާލެއްވީ އެ އެއްބަސްވުމުގެ ބޭނުމެއް ނެތް ކަމަށް ވިދާޅުވެ ކަމަށެވެ. އޭރު ޔާމީންގެ ސަރުކާރުގައި އައްބާސް ހައިކޯޓުގެ ފަނޑިޔާރަކަށް ހުންނެވިއިރު، އެކި ކަންކަމުގައި ބޭނުންވެގެން އަދީބާ މުއާމަލާތްކުރެއްވި ކަމަށް ޔާމީން ވަނީ ތުހުމަތުކުރައްވައިފައެވެ.
ޔާމީން ވިދާޅުވީ، އެ މަނިކުފާނަށް އަދީބު ތުހުމަތުތައް ހުށަހަޅުއްވަމުން ގެންދެވީ އަދީބާ އެކު ވީ އިއުތިރާފު އެއްބަސްވުމުގެ ދަށުން ކަމަށާއި، އެގޮތުން މިވެނި ރަށަކަށް މިހެން ހަދަން ޔާމީން އެންގެވި ކަމަށް އަދީބު ވިދާޅުވެފައިވާ ކަމަށެވެ. އެކަމަކު، އެފަދަ ކަމެއް، އޭރު ޔާމީން ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރުގެ ގޮތުގައި ހުންނެވި އަދީބަށް ތަންފީޒުކުރެއްވޭނީ އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުالله ޒިޔަތުގެ ހުއްދައާ އެކު ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ކުރީގެ ރައީސް ޔާމީން: އެ މަނިކުފާނު ވިދާޅުވީ، އަދީބުގެ ޗެޓްލޮގް ލީކުކޮށްލީ ފުލުހުންގެ ތެރެއިން ކަމަށް -- ސަން ފޮޓޯ/ މޫސާ ނަދީމް
ރަށްރަށް ފަތުރުވެރިކަމަށް ދޫކުރުމުގެ އެންމެހާ ކަންކަން އޭރު ނިންމަނީ އެމްއެމްޕީއާރުސީގެ ތެރެއިން ކަމަށް ޔާމީން ވިދާޅުވިއެވެ. ނަމަވެސް، އެ މުއާމަލާތްތަކުގެ އެއްވެސް ރަސްމީ ލިޔެކިއުމެއް ނުފެނުނު ކަމަށާއި، ޒިޔަތާއި އަދީބުގެ މުއާމަލާތްތައް ލީކުވި ޗެޓްލޮގުގައި ފެންނަން އެބަހުރި ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.
"އެކަމަކު އޭގެ އެއްވެސް އެއްޗެއްގަވެސް ރައީސް ޔާމީން ވަކި ރަށެއްގެ ކަމެއް ވަކި ރަށެއްގެ އަގު މީގެން އެއްވެސް ވާހަކައެއް ނެތޭ، ނުފެނެއޭ އަޅުގަނޑުމެންނަކަށް އެ ޗެޓްލޮގްތަކުން،" އެ މަނިކުފާނު ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ، އަދީބާ ދޭތެރޭގައި ފިޔަވަޅެއް އެޅުއްވީ އެ މަނިކުފާނު އެކަނި ކަމަށެވެ. އޭރު އަދީބަށް ލުއި ވެސް ނުދެއްވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އެމްއެމްޕީއާރްސީގެ ޚިޔާނާތް ހިންގީ ޔާމީންގެ ވެރިކަމުގައެވެ. އެ މައްސަލައިގައި ބައެއް ރަށްރަށް ކުއްޔަށް ދިނީ ޔާމީންގެ އިރުޝާދުގެ ދަށުން ކަމަށް އަދީބު ވިދާޅުވެފައިވެއެވެ. އެހެންވެ، ދެ މައްސަލައެއްގައި ޔާމީން މިދިޔަ ސަރުކާރުގައި ޖަލަށް ވެސް ލިއެވެ. އެކަމަކު، އެ ދެ މައްސަލަ ވެސް މަތީ މަރުހަލާ ކޯޓުތަކުން ވަނީ ސާބިތުނުވާ ކަމަށް ހުކުމްކޮށްފައެވެ. އެ މަނިކުފާނާ ގުޅޭ އިތުރު މައްސަލައެއް މިހާރު ވެސް ދަށު ކޯޓު މަރުހަލާގައި އެބައޮތެވެ.
އެކަމަކު، ޔާމީން ގެންދަވަނީ އެ ތުހުމަތުތައް ދޮގުކުރައްވަމުންނެވެ. އެ މަނިކުފާނު ވިދާޅުވީ، އަދީބު ޖަމާކުރެއްވީ އެ މަނިކުފާނަށް ސިޔާސީ ގޮތުން ލިބިވަޑައިގެން އެހީ ކަމަށާއި އެ ފައިސާއާއި ޚިޔާނާތާ ގުޅުމެއް ނޯންނާނެ ކަމަށެވެ.