ލަވަކިޔުމުގެ އެންމެ ބޮޑު މުބާރާތް ކަމަށްވާ ޔޫރޯވިޝަން ފެސްޓިވަލްގައި އިސްރާއިލް ބައިވެރިކުރުމާ ގުޅޭގޮތުން، މުބާރާތް އިންތިޒާމުކުރާ ފަރާތްތަކުން ގޮތެއް ނިންމަން ނޮވެމްބަރުގައި ބައްދަލުވާން ނިންމައިފިއެވެ.
ޔޫރޯވިޝަންއަކީ ކޮންމެ އަހަރެއްގައި ވެސް ގައުމުތަކުން ސިޔާސީ އެކި ކަހަލަ މެސެޖުތައް ދިނުމަށް ބޭނުންކުރާ ޕްލެޓްފޯމެކެވެ. އާންމުކޮށް އެ މުބާރާތުގައި މޮޅުވަނީ ވެސް އެންމެ ގިނައިން ސިޔާސީ މައްސަލަތައް ގެނެސްދޭ ގައުމުތަކެވެ.
ޔޫރަޕުގެ ގައުމުތަކުން ބައިވެރިވާ މި މުބާރާތަކީ މިގޮތަށް ބާއްވާ އެންމެ ބޮޑު އެއް މުބާރާތެވެ. އަހަރުތަކެއް ވަންދެއް މި މުބާރާތުގައި އެންމެ ގިނަ ބައެއްގެ ފާޑުކިޔުން ރައްދުވެފައިވާ ބައިވެރިޔަކީ އިސްރާއިލެވެ. މެދު އިރުމަތީގެ ގައުމެއްގެ ގޮތުގައި އަމިއްލައަށް ދައުވާކުރާ އިސްރާއިލުން މި މުބާރާތުގައި ބައިވެރިވާތީ އެކަމާ އެތައް ބައެއްގެ ފާޑުކިޔުން ރައްދުވެފައިވެއެވެ.
ނަމަވެސް މިއަހަރުގެ ޔޫރޯވިޝަންއަށްފަހު ފާޑުކިޔުންތައް އިތުރުވެ މީގެ ކުރީގެ މަސައްކަތްތައް ނާކާމިޔާބު ވުމުން އެންމެފަހުން ގިނަ ގައުމުތަކުން ދިނީ ފަހު ފުރުސަތެކެވެ. އެއީ އިސްރާއިލު މުބާރާތުގައި ބައިވެރި ވާނަމަ އަންނަ އަހަރުގެ މުބާރާތުގައި ބައިވެރި ނުވާނެ ކަމެވެ.
އޭގެތެރޭގައި ނޯވޭ އާއި ސްވީޑެން އަދި ސްޕެއިންގެ އިތުރުން އިޓަލީ ފަދަ ބޮޑެތި ގައުމުތައް ހިމެނެއެވެ. މިގޮތަށް ނިންމަމުން އަންނަ ގައުމުތަކުގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު މިހާރު އެ އަދަދު ވަނީ 10އަށް އަރައިފައެވެ. މިކަމާ ގުޅިގެން، މުބާރާތް އިންތިޒާމުކުރާ ޔޫރަޕިއަން ބްރޯޑްކާސްޓިން ޔޫނިއަން (އީބީޔޫ)އަށް ވަނީ ކޮންމެވެސް ފިޔަވަޅެއް އަޅަން މަޖުބޫރުވެފައެވެ.
ދާދިފަހުން އީބީޔޫ އިން ބޭއްވި ބައްދަލުވުމެއްގައި ނިިންމާފައިވަނީ އިސްރާއިލު ކުރިއަށް އޮތް މުބާރާތްތަކުގައި ބައިވެރިކުރުމާ ގުޅޭގޮތުން ވަރަށް އަވަހަށް ގޮތެއް ނިންމުމަށެވެ. އެގޮތުން ބްރޯޑްކާސްޓިން ޔޫނިއަން މެމްބަރުންނާއި އާންމުންގެ ބައިވެރިވުމާއެކު ޚާއްސަ ބައްދަލުވުމެއް ބާއްވައި ވޯޓަކުން ގޮތެއް ނިންމާނެ ކަމަށް އީބީޔޫއިން ބުނެއެވެ. މި ބައްދަލުވުން އޮންނާނީ ނޮވެމްބަރު މަހުގެ ކުރީކޮޅުގައެވެ.
އީބީޔޫއިން މިހެން ނިންމިއިރު މިދިޔަ ހަފުތާގައި ވެސް އެ ޔޫނިއަން އިން ބުނަމުން އައީ މުބާރާތުގައި ބައިވެރިވާން ބޭނުން ނުވާ ގައުމުތަކަށް މުބާރާތުން ވަކިވުމުގެ ފުރުސަތު އޮތް ކަމަށެވެ.