ނިމުނު އޮގަސްޓު މަހު ރާއްޖޭގައި ހިންގާ އަމިއްލަ ހޮސްޕިޓަލުގެ ތެރެއިން އެންމެ ބޮޑު ޚަރަދެއް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން ކުރީ ޓްރީޓޮޕް ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ހޯދި ފަރުވާތަކަށް ކަން އެ އެޖެންސީގެ ހިސާބުތަކުން ހާމަވެއްޖެއެވެ.
އެ އެޖެންސީން އަންނަނީ، ބޭސްފަރުވާގެ ޚަރަދުކުރުމަށް ދަތިވާ މީހުންނަށް ރާއްޖޭގެ އަމިއްލަ ނުވަތަ ޕްރައިވެޓް ހޮސްޕިޓަލްތަކުގައި އެނދުމަތިކޮށްގެން ހޯދާ ފަރުވާއަށް އެހީ ހަމަޖައްސައިދެމުންނެވެ.
މިދިޔަ މަހު އެކަނި، އަމިއްލަ ހޮސްޕިޓަލްތަކުގައި އެނދުމަތިކޮށްގެން ފަރުވާ ހޯދި 575 ކޭސްއަކަށް އެ އިދާރާއިން ވަނީ، 8.6 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ.
އޭގެތެރެއިން، ޓްރީޓޮޕްގައި އެނދުމަތިކޮށްގެން ފަރުވާ ހޯދި 359 ބަލި މީހަކަށް ވަނީ 4.8 މިލިއަން ޚަރަދުކޮށްފައެވެ. އަދި، އޭޑީކޭ ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާ ހޯދި 249 ކޭސްއަކަށް ވެސް އެންސްޕާއިން އެހީދިނެވެ. އެމީހުންނަށް ޚަރަދުވެފައި ވަނީ، 3.8 މިލިއަން ރުފިޔާ ކަމަށް އެންސްޕާއިން ބުނެއެވެ.
ޓްރީޓޮޕް ހޮސްޕިޓަލުން ފަރުވާ ހޯދައިގެން އެންމެ ގިނައިން ޚަރަދުކުރީ ކަށީގެ ބަލިތަކަށެވެ. އެކަމަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުވިއިރު، 72 މީހުންގެ ވިހެއުމާގުޅޭ ކަންކަމަށް ހަތް ލައްކައަށް ވުރެ ގިނަ ރުފިޔާ މިދިޔަ މަހު އެންސްޕާއިން ހަމަަޖައްސައިދިނެވެ.
އޭގެއިތުރަށް، ސަތާރަ ބައްޔަކަށް ފަރުވާ ހޯދި މީހުންނަށް ވެސް އެންސްޕާއިން މިދިޔަ މަހު ޚަރަދުކޮށްދިނެވެ. އެއީ:
- އަންހެނުންގެ ބަލީގެ 26 ކޭސްއަކަށް 575،881.62 ރުފިޔާ
 - ކަރުންމަތީގެ 61 ކޭސްއަކަށް 450،950.17 ރުފިޔާ
 - މައިބަދަ/ ނާރުގެ ބަލިތައް: 17 ކޭސްއަކަށް 346،138.06 ރުފިޔާ
 - ކާޑިއޯވެސްކިއުލާ ބަލީގެ އަށް ކޭސް، 291،301.54 ރުފިޔާ
 - ނޭވާލާ ނިޒާމުގެ ބަލިތައް: 28 މީހަކަށް 276،635.10 ރުފިޔާ
 - ގޭސްޓްރޯއިންޓެސްޓިނަލް: 19 މީހަކަށް 219،301.54 ރުފިޔާ
 - ކުޑަކުދިންގެ ބަލިތަކުގެ 22 ކޭސް: 168،895.48 ރުފިޔާ
 - އެހެނިހެން: 27 ކޭސް، 148،692.51 ރުފިޔާ
 - ލޮލުގެ ބަލިތައް: ހަތް ކޭސް، 49،895 ރުފިޔާ
 - ކުޑަކަމުދާ ނިޒާމުގެ ނުވަތަ ކިޑްނީ ބަލިތައް: 12 ކޭސް، 89،742.72 ރުފިޔާ
 - ދަތުގެ ފަރުވާގެ ފަސް މީހަކަށް 67،000 ރުފިޔާ
 - ކެންސަރު ބަލި: ބާރަ ކޭސް، 133،925.88 ރުފިޔާ
 - ހެޕަޓިކް: އެއް ކޭސް، 15،407 ރުފިޔާ ރުފިޔާ
 - ނަފްސާނީ ބަލިތައް: ހަ ކޭސް، 13،591 ރުފިޔާ
 - ހެމަޓޮލޮޖިކަލް ބަލިތައް: ތިން ކޭސް، 62،791 ރުފިޔާ
 - ހަމުގެ ބަލިތައް: ދެ ކޭސް، 46،373 ރުފިޔާ
 - ތެލަސީމިއާ ބަލީގެ ތިން ކޭސް، 16،960.90 ރުފިޔާ
 
އޭޑީކޭ ހޮސްޕިޓަލުގައި އެންމެގިނައިން މިދިޔަ މަހު ފަރުވާ ހޯދީ، ވިހެއުމަށެވެ. އެގޮތުން، 48 މީހަކަށް އެންސްޕާއިން މިދިޔަ މަހު ވަނީ، ފަސް ލައްކައަށް ވުރެ ގިނައިން ޚަރަދުކޮށްފައެވެ. ދެވަނައަށް އެންމެ ގިނަ މީހުން ފަރުވާ ކުރި، ގޭސްޓްރޯއިންޓެސްޓިނަލް ބައްޔަށް ވަނީ، ތިންލައްކައަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްފައެވެ.
އެ ބަލިތަކުގެ އިތުރަށް ވެސް، 15 ބައްޔަށް އޭޑީކޭއިން ފަރުވާ ހޯދި މީހުންނަށް އެންސްޕާއިން އެހީ ހަމަޖައްސައިދިނެވެ.