ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ޚިޔާނާތްވެފައިވާ ކަމަށް ތުހުމަތުކުރާ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ދެކޮޅަށް ދައުލަތުން ހުށަހެޅި އާ ހެކީގެ މައްސަލަ ސުޕްރީމް ކޯޓުގައި ހުކުމާ ހަމައަށް ގޮސްފިއެވެ.
ޑިސެންބަރު 25، 2022 ގައި ދަށު ކޯޓުން ވަނީ އެ މައްސަލަ ޔާމީންގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައި، 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އެކަމަކު، ދިގުދެމިގެންދިޔަ ޝަރީއަތަކަށް ފަހު 2023 ވަނަ އަހަރުގެ ފަހުކޮޅު ހައިކޯޓުން ވަނީ އެ މައްސަލައިގައި ޔާމީންގެ މައްޗަށް ސާބިތުވި ހުކުމް ބާތިލުކޮށް، މައްސަލަ އަލުން ބަލަން އަންގާފައެވެ.
އޭރު ހައިކޯޓުން ނިންމީ މައްސަލަ އަލުން ބަލާއިރު ޔާމީނާ ދެކޮޅަށް ދައުލަތުން ހުށަހެޅި އާ ހެކި ބަލައިނުގަނެވޭނެ ކަމަށެވެ. އާރަށު މައްސަލައިގައި ޚިޔާނާތާއި މަނީ ލޯންޑްރިންގެ ކުށް ޔާމީންގެ މައްޗަށް ސާބިތުވާ ކަމަށް ދަށު ކޯޓުން ހުކުމްކުރީ އާ ހެކިތައް ބަލައިގަތުމަށް ފަހުގައެވެ.
އެހެންވެ، ދައުލަތުން ވަނީ އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައެވެ.
އެކަމަކު، ޔާމީންގެ ފަރާތުން ވަކާލާތުކުރައްވަނީ ދައުލަތުން އެ ހެކި ހުށަހެޅި އިބްތިދާއީ މަރުހަލާ ނިމުނު ފަހުން، ހެކިންގެ ހެކިބަހަށް ރައްދުދޭ އުސޫލުން ކަމަށެވެ. އެހެންވެ، އެއީ ބަލައިގަނެވޭނެ ހެއްކެއް ނޫން ކަމަށް އެ މަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުގައި ވެސް ވަނީ ވަކާލާތުކޮށްފައެވެ.
އެހެންވިޔަސް ދައުލަތުން އަންނަނީ ހައިކޯޓުން އާ ހެކި އެއް ފަރާތްކުރަން ނިންމީ ގާނޫނުއަސާސީއާ ޚިލާފަށް ކަމަށް ވަކާލާތުކުރަމުންނެވެ.
ސުޕްރީމް ކޯޓުގައި އަޑުއެހުންތައް އެކީ ނިންމާލާފައިވާ މި މައްސަލައިގައި އިތުރު ބައެއް ކަންކަން ސާފުކުރަން މިއަދު ވަނީ އިތުރު އަޑުއެހުމެއް ބާއްވާފައެވެ. އެ އަޑުއެހުން ނިންމަވާލައްވަމުން މައްސަލައިގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު އާއިޝާ ޝުޖޫން ވިދާޅުވީ، މިއީ އަޑުއެހުން ނިމިފައި އޮތް މައްސަލައެއް ނަމަވެސް މިއަދު އަޑުއެހުމެއް ބޭއްވީ އިތުރު ބައެއް ކަންކަން ސާފުކުރަން ކަމަށެވެ.
އެހެންވެ، އޭނާ ވިދާޅުވީ އުންމީދުކުރައްވަނީ މި މައްސަލައިގައި ވީހާ ވެސް އަވަހަށް ގޮތެއް ނިންމަން ކަމަށެވެ.
ސުޕްރީމް ކޯޓަށް މިދިޔަ އަހަރު ހުށަހެޅި އެ މައްސަލައިގެ ބެންޗުގައި ކުރިން އިންނެވި ޑރ. އަޒްމިރާލްދާ ޒާހިރުގެ ބަދަލުގައި މިހާރު އެ ބެންޗުގައި އިންނެވީ ފަނޑިޔާރު އަބްދުﷲ ހަމީދެވެ. އަޒްމިރާލްދާވަނީ، ސުލޫކީ މައްސަލައެއްގައި ފަނޑިޔާރުކަމުން ވަކިކޮށްފައެވެ. ބެންޗުގައި ދެން ހިމެނިވަޑައިގަންނަވަނީ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ޝުޖޫންއާއި ޑރ. މުހައްމަދު އިބްރާހީމެވެ.