މި އަަހަރުގެ ހަޔާ ސެކަންޑަރީ ސްކޫލު ސެޓްފިކެޓް (އެޗްއެސްސީ) ދިވެހި ޕޭޕަރުގައި ހިމަނާފައި އޮތް ކިޔުމުގެ ދޭހައަކާ ގުޅިގެން ބެލެނިވެރިންނާއި ދަރިވަރުންގެ އެތައް ކަންބޮޑުވުމެއް އޮތް ނަމަވެސް، އެ ޕޭޕަރުގައި އެއްވެސް މައްސަލައެއް ނެތްކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފިއެވެ.
ސޯޝަލް މީޑިއާގައި އިއްޔެއިން ފެށިގެން ބައެއް ދަރިވަރުންނާއި، ބެލެނިވެރިން އަންނަނީ ދިވެހި ޕޭޕަރުގައި ހިމަނާފައި އޮތް ދޭހައާއި މަޒުމޫނު ލިޔުމަށް ދިން މައުޟޫއާ ގުޅިގެން ކަންބޮޑުވުންތައް ހިއްސާކުރަމުންނެވެ.
އެ ގޮތުން، އެއް ކަމަކަށް ދަރިވަރުން ފާހަގަކުރަނީ، ޕޭޕަރުގައި ހިމަނާފައި އޮތް ދޭހައަކީ، ސަރުކާރު ސްކޫލެއްކަމަށްވާ ސީއެޗްއެސްއީގެ ހުޅުމާލޭ ސްކޫލުގެ ދަރިވަރުންނަށް މީގެ ކުރިން ދީފައިވާ, އަދި ދިވެހި ކޭމްޕުގައި މަޝްވަރާ ވެސް ކޮށްފައިވާ ދޭހައަކަށް ވުމެވެ.
އަނެއް ކަމަކަށް ފާހަގަ ކުރާ ކަންބޮޑުވުމަކީ މި ޓެސްޓް ޕޭޕަރުގައި މަޒުމޫނު ލިޔުމަށް ދީފައިވާ މައުޟޫ ވެސް އެ ސީއެޗްއެސްސީގެ ދަރިވަރުން ކުރިން ހަދާފައިވާ މައުޟޫއަކަށް ވުމެވެ.
ހުޅުމާލެ ސީއެޗްއެސްސީ ކުދިން ފަރިތަކޮށްފައިވާ ލިޔުމެއް ދޭހައަކަށް އައުމާއި މަޒުމޫންގެ މައުޟޫއާ ވެސް ދިމާވުމާ ގުޅިފައިވާ އެންމެ ބޮޑު ކަންބޮޑުވުމަކީ އެޗްއެސްސީ ޕޭޕަރު ހެދީވެސް ހުޅުމާލެ ސީއެޗްއެސްސީގެ ޓީޗަރެއް ކަމަށް ވުން ކަމަށް ކަންބޮޑުވުން ފާޅު ކުރާ މީހުން ބުނެއެވެ. އެހެންކަމުން އެއީ ވަކި ސްކޫލެއްގެ ކުދިންތަކަކަށް ފައިދާ ވާގޮތަށް ކޮށްފައިވާ ކަމެއް ކަމަށް ތުހުމަތު ދަނީ ކުރަމުންނެވެ.
ނަމަވެސް މި މައްސަލައާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން މިއަދު "ސަން"އަށް ބުނީ އިމްތިހާނުގެ ސައްހަކަން ގެއްލޭ އެއްވެސް ކަމެއް ނެތް ކަމަށާއި، މިނިސްޓްރީގެ އެއްވެސް ކަންބޮޑުވުމެއް މިކަމުގައި ނެތް ކަމަށެވެ.
ދަރިވަރުން ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅު ކުރަމުން ބުނެފައިވަނީ, މިއީ އެހެން ސްކޫލުތަކުގެ ކުދިންނަށް ލިބުނު ވަރަށް ބޮޑު ބޭއިންސާފެއް ކަމަށާއި، ހުޅުމާލެ ސީއެޗްއެސްއީގެ ދަރިވަރުންނަށް ލިބުނު ނުޙައްގު ފައިދާއެއް ކަމަށެވެ. އަދި މީގެ ސަބަބުން ދަރިވަރުންގެ މެދުގައި އޮންނަން ޖެހޭ ހަމަހަމަކަން ގެއްލިފައިވާކަމަށް ވެސް ވަނީ ބުނެފައެވެ.
ގްރޭޑް, 11, 12 އަށް ދިވެހި ކިޔަވައިދޭ ބައެއް ތަޖުރިބާކާރު ދިވެހި ޓީޗަރުންނާ "ސަން" އިން ސުވާލު ކުރުމުން ވިދާޅުވީ ދޭހައަކީ ހުޅުމާލެ ސީއެޗްއެސްސީގެ ކުދިން ފަރިތަކޮށްފައިވާ ދޭހައެއްކަން އެނގިފައިވާ ކަމަށެވެ. ނަމަވެސް އެ ދަރިވަރުންނަށް އޭރުދިން ސުވާލުތަކާއި އެޗްއެސްސީ ޕޭޕަރުގައި ހުރި ސުވާލުތަކަކީ ސީދާ އެއް ސުވާލުތަކެއްތޯ ނުވަތަ ނޫންތޯ އަދި ޔަގީން ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ތަޖުރިބާކާރު އެހެން ޓީޗަރަކު ވެސް "ސަން"އާ ވާހަކަދައްކަވަމުން ވިދާޅުވީ، އިމްތިހާނުގައި ދެ ދޭހައެއް ދޭ ކަމަށާއި، އެއިން އެއް ދޭހައަކީ ވާހަކައަކުން ނެގުމަށްފަހު ދޭ ދޭހައެއް ކަމަށެވެ. އާންމުކޮށް ވާހަކަތަކަކީ ދިގު ވާހަކަތަކަކަށްވުމުން، އިމްތިހާނުގައި ދޭހައިގެ ގޮތުގައި ދެނީ ލިޔުން އަސްލު ނުގެއްލޭހެން ކުރުކުރުމަށްފަހު ކަމަށް ވިދާޅުވިއެވެ.
ނަމަވެސް މިފަަހަރުގެ ޕޭޕަރުގައި ހުޅުމާލެ ސީއެޗްއެސްސީގައި ކުރިން ދަރިވަރުންނަށް ދީފައިވާ ދޭހައެއް، ސީދާ ބަހުން ބަހަށް، އެއްވެސް ތަފާތެއް ނެތި ދީފައި އޮތުމަކީ އިއްތިފާގެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށް އެ ޓީޗަރު ވިދާޅުވިއެވެ.
އަނެއް ކަމަކަށް އޭނާ ވިދާޅުވީ އެ ސީއެޗްއެސްސީގެ ކުދިން ފަރިތަކޮށްފައިވާ މައުޟޫއަކަށް މަޒުމޫނު ލިޔަން ޓެސްޓްގައި ލިބުމުން ކުދިންގެ ކަންބޮޑުވުން އެބައޮތް ކަމަށެވެ. ނަމަވެސް ބައެއް ފަހަރު ސްކޫލުތަކުގައި ކުރިން ފަރިތަކޮށްފައި ހުންނަ މައުޟޫތައް ޕޭޕަރުގައި އޮތުމަކީ އިއްތިފާގުން ވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ސަން"އާ ވާހަކަދެއްކި ބެލެނިވެރިއަކު ބުނީ، ސީއެޗްއެސްއީގެ ދަރިވަރުން ލައްވައި، މާ ކުރިން އެ ދޭހަ ހަދުވައިފައި އޮތުމަކީ ވަރަށް ދަށު ދަރަޖައިގެ ކަމެއް ކަމަށާއި، އެ ކަން ބަލައިނުގަނެވޭ ކަމަށެވެ.
"ކިހާ ދަށު ދަރަޖައިގެ ކަމެއް އެއީ އޭލެވެލްގެ އެގްޒާމް ޕޭޕަރު އަދި މަޒުމޫނު އެއްޗެހި ކުރިން ހަދުވައިފައި އޮތުމަކީ. ސޭމް ޓޮޕިކް، ސޭމް ދޭހަ. ވަކި ކުދިންނަށް ފޭވާވެފައި ނޫންތޯ މިއީ،" ބެލެނިވެރިޔާ ބުންޏެވެ.
މީގެ ކުރިން މިފަދަ އިމްތިހާނުތަކަށް ޕޭޕަރު ތައްޔާރު ކުރައްވާ ބޭފުޅަކު މިކަމާ ގުޅިގެން ނަން ނުޖެހުމަށް ޝަރުތުކޮށް "ސަން" އަށް ވިދާޅުވީ ބެލެނިވެރިންނާއި ދަރިވަރުން އެ ފާހަގަ ކުރާ ކަންބޮޑުވުންތައް ބަލައި ޔަގީން ކުރުމަށް ފަހު, އެފަދަ ކަމެއް ހިނގާފައިވާ ނަމަ އަލުން އެ އިމްތިހާނު ބާއްވަން ޖެހޭ ކަމަށެވެ.
ވަރަށް ގިނަ ދަރިވަރުންނާއި، މުދައްރިސުން ގެންދަނީ ދިވެހި ޕޭޕަރާ ގުޅިގެން ފެންމަތިވި މި މައްސަލައާއެކު ނުރުހުން ފާޅުކުރަމުންނެވެ.