ކެންސަރު ފަދަ ބޮޑެތި ބަލި ތަހައްމަލުކުރާ މީހުންނަށް ޕެންޝަން ފައިސާ އަވަހަށް ލިބޭ އިސްލާހެއް ހުށަހަޅައިފި

މެންބަރު މުހައްމަދު އިބްރާހިމް: ކުޑޫ ވަނީ ބޮޑެތި ބަލިތައް ތަހައްމަލުކުރާ މީހުންގެ ޕެންޝަން ފައިސާ އަވަސްކުރަން އިސްލާހެއް ހުށަހަޅުއްވައިފަ -- ފޮޓޯ/ މަޖިލީސް

ކެންސަރު ފަދަ ބޮޑެތި ބަލިތައް ތަހައްމަލުކުރާ މީހުންނަށް އަވަހަށް ޕެންޝަން ފައިސާ ލިބޭ ގޮތް ހެދުމަށް ގޮވައިލައި، ޕެންޝަނާ ބެހޭ ޤާނޫނު އިސްލާހުކުރަން ހުށަހަޅައިފިއެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله އަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، ޕެންޝަންގެ ޤާނޫނުގައި ބޮޑެތި ބަލިތައް ތަހައްމަލުކުރާ މީހުންނާ ގުޅޭގޮތުން ސާފުކޮށް ބަޔާންކޮށްފައިވާ މާއްދާތަކެއް ނުހިމެނޭ ކަމަށެވެ.

ކުޑޫ ވިދާޅުވީ، މެޑިކަލް ޕްރޮގްނޯސިސް އަށް ބިނާކޮށް ޕެންޝަން އަވަހަށް ލިބޭނެ އެއްވެސް ނިޒާމެއް ނެތް ކަމަށާއި، މި ހުސްކަމުގެ ސަބަބުން މިފަދަ ބަލިތައް ތަހައްމަލުކުރަމުންދާ މީހުންނާއި އެމީހުންގެ އާއިލާތަކުން މާލީ އަދި ނަފްސާނީ ބޮޑެތި ބުރަ އުފުލަން މަޖުބޫރުވެފައިވާ ކަމަށެވެ.

އެހެންވެ ކުޑޫ ހުށަހެޅުއްވީ ޕެންޝަން އޮފީހުން އެކުލަވާލާ, ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންގެ ޓީމަކުން ބޮޑެތި ބަލިތައް ޖެހިފައިވާ މީހުން ކަށަވަރުކޮށް، މެޑިކަލް ސެޓިފިކެޓް ދޫކޮށްފައިވާ މީހުންނަށް، އެ މީހުންގެ އުމުރާއި މަސައްކަތްކުރި އަހަރަށް ނުބަލައި ޕެންޝަންގެ ފައިސާ ވީއެންމެ އަވަހަށް ލިބޭނެ ގޮތް ހެދުމަށެވެ.، ޕެންޝަން ފައިސާ ހޯދަން ހުށަހަޅާތާ 30 ދުވަހުގެ ތެރޭ އެ ފައިސާ ދޫކުރުން ލާޒިމްކުރުމާއެކު، ދައުލަތުން އެ މީހުންނަށް ދޭ ސަމާލުކަން އިތުރުކުރަން ޖެހޭގޮތަށް ގާނޫނު އިސްލާޙުކުރުމަށެވެ.

ފާހަގަކުރެވޭ ގޮތުގައި، ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ކެންސަރު ފަދަ ދާއިމީ ބޮޑެތި ބަލިތައް ތަހައްމުލުކުރަމުންދާ މީހުންގެ ބޭސް ފަރުވާއަށް މި ފެށުނު ހިޖުރީ އާ އަހަރާއެކު އިންޝުއަރެންސް ތަޢާރަފްކުރަން ނިންމާފައިވާކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު މިދިޔަ ޖޫން މަހުގެ ފަހުކޮޅު ވިދާޅުވެފައިވެއެވެ.

މިނިސްޓަރު ވަނީ މި ކަން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އެލައިޑް އިންޝުރެންސާ ގުޅިގެން ކަމަށް ވިދާޅުވެފައެވެ.

މިނިސްޓަރު ވިދާޅުވީ ފަގީރުންނަށް އިންޝުރެންސް ތަޢާރަފްކުރަނީ އާސަންދަ ކަވަރު ނުކުރާ ކަންކަމަށް އަމިއްލައަށް ހޭދަކުރުމަށާއި ފުރާނަ ސަލާމަތްކުރުމަށް ޓަކައި ރާއްޖެއިން ބޭރުން ބައެއް ފަހަރު ކުރަންޖެހޭ ފަރުވާއާއި ގެންނަން ޖެހޭ ބޭސް ގެނައުމަށް މަގު ފަހިކުރުމަށް ޓަކައި ކަމަށެވެ.

comment ކޮމެންޓް