ވޭޕަށްފަހު ޝީޝާ މަނާކޮށް، ހަކުރު އެކުލެވޭ ބުއިންތަކުން ޓެކްސް ބޮޑު ކުރަން ޑޮކްޓަރުން ގޮވާލައިފި

އަންހެނުންތަކެއް ޝީޝާ ބޮނީ: ޝީޝާ މަނާކުރަން ޑޮކްޓަރުން ވަނީ ގޮވާލައިފައި --

ހަކުރު އެކުލެވޭ ބުއިންތަކުން ނަގާ ޓެކްސް ބޮޑުކޮށް، ގިނަ ދިވެހީންގެ ތެރޭގައި މަގުބޫލު ޝީޝާ މަނާކުރުމަށް މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަން (އެމްއެމްއޭ)އިން ސަރުކާރަށް މިއަދު ގޮވާލައިފިއެވެ.

ދިވެހި ޑޮކްޓަރުން ހިމެނޭ އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ، ސަރުކާރުން ދުންފަތް ކޮންޓްރޯލް ކުރުމަށް ކުރާ މަސައްކަތް ބަލައިގަންނަ ކަމަށެވެ. އެކަމަކީ، އަންނަން އޮތް ޖީލުތަކުގެ ސިއްހަތު ރައްކާތެރި ކުރުމަށާއި ދުޅަހެޔޮ ގައުމަކަށްޓަކައި އެޅޭ މުހިންމު ފިޔަވަޅުތަކެއް ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

ވޭޕު ބުއިން މިދިޔަ ޑިސެންބަރު މަހުގެ 15އިން ފެށިގެން ވަނީ މަނާކޮށްފައި: ފްލޭވާޑް ދުންފަތް އެކުލެވޭ ބާވަތްތައް މަނާކުރުމަށް ސަރުކާރަށް ޑޮކްޓަރުންގެ ޖަމިއްޔާއިން ވަނީ ލަފާ ދީފައި --

މެޑިކަލް އެސޯސިއޭޝަނުން ވަނީ ދުންފަތް ކޮންޓްރޯލް ކުރުމަށް ކުރިއަށް އޮތް ފަސް އަހަރު ތެރޭ އަޅަން ފެންނަ ފިޔަވަޅުތަކާ ގުޅޭ ގޮތުން ލަފާތައް ދީފައެވެ. އެގޮތުން،

  • މިހާރު އޮތް ގާނޫނުތަކަށް ގަވައިދުތަކަށް ހަރުދަނާ ގޮތެއްގައި އަމަލުކޮށް، އެކަށީގެންވާ ވަރަށް އެ ގަވައިދުތައް ތަންފީޒުކުރާނެ މުވައްޒަފުން ހޯދުން
  • އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ހިންގާ ކެމްޕެއިންތައް ވަރުގަދަކުރުން
  • އެކި ފްލޭވާތަކުގެ ދުންފަތް އެކުލެވޭ ބާވަތްތައް މަނާކުރުން
  • ޝީޝާ އެއްކޮށް މަނާކުރުން
  • ރެސްޓޯރަންޓާއި ކެފޭތަކަކީ ދުންފަތުގެ އިސްތިއުމާލުނުކުރާ، އާއިލާތަކާ ރައްޓެހި ތަންތަނަށް ހެދުމަށް ހިތްވަރުދިނުން

އޭގެއިތުރަށް އެ ޖަމިއްޔާއިން ވަނީ، ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް ލަފާ ދީފައެވެ. އޭގެތެރޭގައި،

  • ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އެހީތެރިވެދިނުމަށް، ކާބޯތަކެތީގައި ސިއްހަތަށް ފައިދާހުރި މާއްދާތައް އެކުލެވޭ މިންވަރު ސާފުކޮށް ބަޔާންކުރުން
  • ހަކުރު އެކުލެވޭ ބުއިންތަކާ ޕާމް އޮއިލްއާއި ޓްރާންސް ފެޓް ގިނައިން ހުންނަ ކާބޯތަކެއްޗާއި ޕްރޮސެސްކޮށްފައިވާ މަސް ފަދަ އުފެއްދުންތަކުން ނަގާ ޓެކްސް ބޮޑުކުރުން
  • ރާއްޖޭގައި މޭވާއާއި ތަރުކާރީ އިންދަން ވިއްކަން ހިތްވަރުދިނުން
  • ދުފުމަށް ބޭނުންކުރާ ބާވަތްތަކުގައި، އަނގައިގެ ކެންސަރުގެ ނުރައްކާތެރިކަން ދައްކުވައިދޭ އިންޒާރު ޖެހުން ލާޒިމުކުރުން
  • ގައުމީ ފެންވަރުގައި މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކޮށް، ރިހެބިލިޓޭޓު ކުރުމާއި ގެއްލުން ކުޑަކުރުމުގެ ފިޔަވަޅުތައް އިތުރުކުރުން

އެ ބަޔާނުގައި އިތުރަށް ބުނީ، އެކަންކަން ތަންފީޒުކުރުން އަވަސްކުރުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.

އެގޮތަށް އަމަލުކުރުމުން، ގައިންގަޔަށް ނާރާ ބަލިތަކާއި ދުންފަތުގެ އިސްތިއުމާލުކުރުމާ ގުޅުންހުރި ބަލިތަކުން ރައްކާތެރިވެ، ދުޅަހެޔޮ ގައުމަކަށް ވުމަށް މަގުފަހިވާނެ ކަމަށް އެޖަމިއްޔާއިން ވަނީ ބުނެފައެވެ.

ހަކުރު އެކުލެވޭ ބުއިންތަކެއް: ހަކުރު އެކުލެވޭ ބުއިންތަކުން ނަގާ ޓެކްސް ބޮޑުކުރަން ޑޮކްޓަރުން ވަނީ ގޮވާލައިފައި --- ސަން ފޮޓޯ

ޑޮކްޓަރުންގެ ޖަމިއްޔާއިން ގިނަ ލަފާތަކެއް ދިންއިރު، ދުންފަތުގެ އިސްތިއުމާލުން މީހުން ސަލާމަތް ކުރުމަށް މި ސަރުކާރުން ވަނީ މިހާތަނަށް ވެސް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. އޭގެ ތެރޭގައި ސިނގިރޭޓް ޑިއުޓީ ވަރަށް ބޮޑު ކުރުމާއި, ވޭޕް ބޭނުން ކުރުން މަނާކުރުން ހިމެނެއެވެ.

ރާއްޖޭގައި ޒުވާނުން ހިމެނޭ ގޮތަށް، ދުންފަތުގެ ބާވަތްތަކާއި ޝީޝާ ބޭނުންކުރުން ވެސް ވަރަށް އާންމެވެ.

ވޭޕް މަނާކުރަން ސަރުކާރުން ނިންމީ އުމުރުން ވަރަށް ހަގު, ކިޔަވާ ކުދިންއިން ފެށިގެން އެތައް ދިވެހީންނެއް އެ ނުރައްކާތެރި ވަބާގައި ޖެހިފައި ވަނިކޮށެވެ. މިހާރު ރާއްޖެއަށް ވޭޕް އެތެރެކުރުމާއި އޭގެ ވިޔަފާރި ކުރުމުގެ އިތުރުން އެ ބޭނުން ކުރުމަކީ ގާނޫނީ ކުށެކެވެ. އެކަންކަން ކުރާ މީހުންނަށް އަންނަނީ ފިޔަވަޅުތައް އަޅަމުންނެވެ.

https://sun.mv/209643

ވޭޕް މަނާކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 15ގައެވެ. އަދި ވޭޕް އެތެރެކުރުމާއި ބޭނުންކުރުމާއި ގެންގުޅުމަށް ވެސް އަދަބުތައް ކަނޑައަޅައިފައެވެ.

މީގެ އިތުރުން، ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓައިލާ ރަށްރަށުގެ އާބާދީގެ ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް ޖަމާކޮށްދޭ ފައިސާގެ އިނާމެއް ނުވަތަ އިނާޔަތެއް ދިނުމާ ގުޅޭ ގޮތުން ދިރާސާއެއް ހަދަން ސަރުކާރުން ނިންމާފައިވާކަން މިދިޔަ ޖޫން މަހުގެ 24ވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިއުލާނުކުރައްވާފައެވެ. އެކަމަށް އާންމުންގެ ޚިޔާލު ހޯދަން މިދިޔަ މަހު ހަތެއްގައި ވަނީ ހުޅުވާލާފައެވެ.

comment ކޮމެންޓް