ސަރުކާރުން ގާއިމްކުރި އައިނު ފިހާރައިން އާންމުންނަށް ޚިދުމަތްދިނުމަށްޓަކައި އަހަރަކު ރިކަރަންޓް ޚަރަދުގެ ގޮތުގައި 3.46 މިލިއަން ރުފިޔާ ޚަރަދުކުރާ ކަމަށް، ހެލްތު މިނިސްޓަރު އަބްދުالله ނާޒިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ވަނީ، އައިނު ވިޔަފާރި ރެގިއުލޭޓްކުރުމުގެ ބަދަލުގައި ސަރުކާރުން ސީދާ އެ ވިޔަފާރީގެ ތެރެއަށް ވަތް ސަބަބާއި ސަރުކާރުގެ އައިނު ފިހާރަ ހުޅުވަން ހިނގި ޚަރަދާއި އަހަރަކު ހިނގާނެ ޚަރަދުގެ އިތުރުން، ސަރުކާރުން އައިނުގެ ވިޔަފާރިއަށް ވަނުމުން ދިމާވާނެ ދަތިތައް ދިރާސާކުރެއްވިތޯ ސުވާލުކުރައްވައިފައެވެ.
މި ސުވާލުތަކަށް ލިއުމުން ދެއްވި ޖަވާބުގައި ނާޒިމް ވިދާޅުވީ، ސަރުކާރުން އައިނުގެ ޚިދުމަތްދެމުން ގެންދަނީ ވިޔަފާރީގެ އުސޫލުން ނޫން ކަމަށެވެ. އަދި އެ ޚިދުމަތްދެނީ އާސަންދައިގެ ދަށުން ކޮންމެ ދެ އަހަރުން އެއް ފަހަރު އައިނު ހެއްދުމަށް ކަނޑައަޅާފައިވާ 2،000 ރުފިޔާގެ ތެރެއިން ކަމަށެވެ.
ނާޒިމް ވިދާޅުވީ އައިނު ފިހާރައިގެ ޚިދުމަތް އައިޖީއެމްއެޗްގައި ގާއިމްކުރުމަށް ޓަކައި 2.06 މިލިއަން ރުފިޔާ ޚަރަދުވިކަމަށާއި، 3.46 މިލިއަން ރުފިޔާ ރިކަރަންޓް ޚަރަދުގެ ގޮތުގައި ކޮންމެ އަހަރަކު ޚަރަދުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
"ސަރުކާރަށް ދެނެގަނެވުނީ އަމިއްލަ އޮޕްޓިކަލްތަކުން ފޯރުކޮށްދޭ އައިނުގެ ޚިދުމަތް ހޯދުމަކީ އާންމުންނަށް މާލީގޮތުން ބޮޑު ބުރައެއް ކުރިމަތިވެފައިވާ ކަމެއް ކަމަށެވެ،" ނާޒިމްގެ ޖަވާބުގައިވެއެވެ.
"ގައުމީ އިންޝުއަރެންސް ހެލްތު ސްކީމް އާސަންދައިން ކަވަރުކުރަމުން ދަނީ ނަންބަރު އައިނު އަޅާ ފަރާތްތަކަށް ކޮންމެ ދެ އަހަރަކުން އެއް ފަހަރު 2،000 ރުފިޔާ ކަމުން ގިނަ ރައްޔިތުންނަށް ޖެހެނީ އަމިއްލަ ޖީބުން އިތުރު އެތައްހާސް ރުފިޔާ ޚަރަދުކުރާށެވެ." ނާޒިމްގެ ޖަވާބުގައިވެއެވެ.

ސަރުކާރު އައިނު ފިހާރައިން ޚިދުމަތް ދިނުން: މި ފިހާރައިން އާއްމުންގެ އަތުން އިތުރު އަގެއް ނުނަގައި އާސަންދައިގެ ދަށުން އައިނު ހައްދައިދޭ-- ސަން ފޮޓޯ: މޫސާ ނަދީމް
ނަމަވެސް ސަރުކާރުން އައިނުގެ ވިޔަފާރިއަށް ވަނުމުން ދިމާވާނެ ދަތިތައް ދިރާސާކުރެއްވިތޯ މެންބަރު ކުރެއްވި ސުވާލަށް ނާޒިމް ޖަވާބެއްނުދެއްވައެވެ.
އާސަންދައިގެ ދަށުން ހިލޭ އައިނު ހެއްދުމުގެ މަގު ތަނަވަސްކޮށްދީ، "އެމްސީޖީއެޗް އޮޕްޓިކަލްސް"ގެ ޚިދުމަތް ރަސްމީކޮށް ފެށީ މިދިޔަ ޖުލައި މަހުގެ 27ވަނަ ދުވަހުގައެވެ.
އެ ފިހާރަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާޤް ހަލީމް ވިދާޅުވީ، މި އައިނު ފިހާރައިގައި ހުންނާނީ އެންމެ ޒަމާނީ މެޝިނަރީ ކަމަށާއި، މިތަނުން ނަންބަރު ނެގުމާއި ލެންސް ހެއްދުމުގެ ހުރިހާ ޚިދުމަތެއް ލިބޭނެ ކަމަށެވެ.
"އަދި އާސަންދައިން މި ހޭދަކުރާ 2،000 ރުފިޔާގެ އަދަދުގެ ތެރޭގައި ދިވެހި ކޮންމެ ރައްޔިތަކަށް އައިނު ހިލޭ ހެއްދުމުގެ ފުރުސަތު މިއަދު ފަހިވެގެން މި ދިޔައީ،" އޭނާ ވިދާޅުވިއެވެ.