އަޅައިލާނެ މީހަކު ނެތި ހުޅުމާލޭގި އެކި ސަރަހައްދުތަކުގައި އުޅެމުން އަންނަ މީހަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އިދާރާތަކުން ބުނެފިއެވެ.
ހުޅުމާލޭ ފެރީޓާމިނަލް ސަރަހައްދުން އާންމުކޮށް ފެންނަ، އަދި އެހެން ސަރަހައްދުތަކުގައި ވެސް އެކަނި ހިނގައިފައި އުޅޭ މީހެއްގެ ފޮޓޯ މި ފަހުން ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެެވެ.
ވީދި، ވަރަށް ބޮޑަށް ދާވެ ކަޅުވެފައިވާ ގަމީހެއް ލައިގެން އެ މީހާ އުޅޭއިރު، ބައެއް ފަހަރު ޑަސްބިން ހާވައި، އެއިން ކާ އެއްޗެހި ހޯދައި ކައިބޮއި ހަދާތަން ވެސް ފެނެއެެވެ.
މި ކަން އެންމެންގެ ސަމާލުކަމަށް އައީ، އެކްސްގައި އޭނާގެ ފޮޓޯއެއް ދައުރުވެ، އިދާރާތަކުން އެ ކަން ބަލަމުންދޭތޯ ސުވާލު އުފެއްދުމާއެކު ގައެވެ. އެ ޕޯސްޓުތަކުގައި އޭނާއަކީ ނަފްސާނީ އެހީތެރިކަން ބޭނުންވާ މީހެއްކަމަށް ބުނެފައިވެއެވެ.
އެގޮތުން ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުން އެ މީހާގެ ހާލަތު ބަލަމުންދޭތޯއާއި އޭނާއަށް އެހީީވުމަށް މަސައްކަތް ކުރަމުން ދޭތޯ ގިނަ ބަޔަކު ވަނީ ސުވާލުކޮށްފައެވެ.
މިކަމާ ގުޅިގެން "ސަން" އިން ސުވާލުކުރުމުން ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން ބުނީ އެ ކަން ސަމާލުކަމަށް އައިސް، މިހާރު އެހީވުމަށް ޓަކައި މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އެގޮތުން ހެލްތު މިނިސްޓްރީއާ ގުޅިގެން އޭނާއަށް އެހީވުމަށް މަސައްކަތް ކުރަމުން އަންނަކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ނަފްސާނީ އެހީތެރިކަން ބޭނުންވާ މީހުންނަށް އެހީވަނީ ހެލްތު މިނިސްޓްރީން ކަމަށްވުމާއެކު، މި މީހާގެ ހާލަތާ ގުޅޭގޮތުންނާއި، ކުރަމުން އަންނަ ކަމަކާ ގުޅޭގޮތުން އެ މިނިސްޓްރީއާ "ސަން"އިން ސުވާލުކުރުމުން ބުނީ މިކަން ސޯޝަލް މީޑިއާގައި ފާހަގަވުމުގެ ކުރިން ވެސް އެކަން މިނިސްޓްރީއަށް ފާހަގަވެ މައުލޫމާތު ހޯދަން މަސައްކަތް ކުރި ކަމަށެވެ.
އެއާއެކު އެ މީހާއަކީ ކާކުކަން ހޯދުމަށާއި، އޭނާއާ ގުޅޭނެ ގޮތަކާއި، އާއިލާ މީހަކު ވޭތޯ ބެލުމަށް ޓަކައި ފުލުހުންނާ އެކު މަސައްކަތް ކުރަމުން އަންނަކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އަދި ޓެސްޓުތައް ހެދިފައިނުވާތީ، އޭނާއަކީ އެއްވެސް ބާވަތެއްގެ ނަފްސާާނީ ބައްޔެއް ހުރި މީހެއްކަން މިހާތަނަށް އެނގިފައިނުވާ ކަމަށް ވެސް ބުންޏެވެ.
ހުޅުމާލޭގެ މަގުތަކުން މިފަަދަ މީހުން ފެންނަލެއް މަދު ނަމަވެސް، އަދިވެސް މާލޭ ބާޒާރުމަތީ އެހީތެރިކަން ބޭނުންވާ ބައިވަރު މީހުން ފެނެއެވެ. އޭގެ ތެރެއިން ބައެއް މީހުންނަކީ އަޅައިލާނެ ބަޔަކު ނެތި ބާކީވެފައި ތިބޭ މީހުންނެވެ. އަނެއް ބަޔަކު އެއީ މަސްތުވާތަކެތީގެ ޝިކާރައަކަށްވެ، އެކަމުން އަރައިގަންނަން ބޭނުންވެ އެހީ ނުލިބިފައި ތިބޭ މީހުންނެވެ.