30 ދުވަސްތެރޭ ގެޒެޓުކުރަން ޖެހޭ އުސޫލު، 2 މަސްވާން ގާތްވަނިކޮށް ގެޒެޓުކޮށްފި

އެލްޖީއޭގެ ސީއީއޯ ނިމާލް: ތިނަދޫ ކައުންސިލް މައްސަލައިގައި ތަހުގީގީ އިދާރާތަކަށް އެއްބާރުލުން ދޭން އެލްޖީއޭއިން ވަނީ ގޮވާލައިފައި -- ފޮޓޯ/ ރައީސް އޮފީސް

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު 30 ދުވަސް ތެރޭ ގެޒެޓުކުރަންޖެހޭ އުސޫލެއް ގެޒެޓުނުކުރެވި ކައުންސިލްތަކަށް، ކޮންމެހެން ބޭނުންވާ މުވައްޒަފުން ނުނެގި، މަސައްކަތްތައް ހުއްޓިފައި އޮއްވައި ދެ މަސްވާން ގާތްވެފައި ވަނިކޮށް އިއްޔެ އެ އުސޫލު ގެޒެޓުކޮށްފިއެވެ.

މިދިޔަ އޮގަސްޓް މަހުގެ 14 ވަނަ ދުވަހުގެރޭ ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައި، 18 ވަނަ ދުވަހު ވަނީ ލޯކަލް ކައުންސިލްތަކުގެ ގާނޫނަށް ގެނައި އިސްލާހުތަކަށް އަމަލުކުރަން ފަށައިފައެވެ.

މި ގާނޫނާއެކު ކައުންސިލްތަކުގެ ދައުރު ހަމަވާ ފަހު އަހަރު، ވަރަށް ގިނަ ކަންކަން ނުކުރެވޭ ގޮތް ވަނީ ހަދައިފައެވެ. އެގޮތުން ކައުންސިލަށް މުވައްޒަފުން ނެގުމާއި، މަސައްކަތްތައް ހަވާލުކުރުމާއި، އެހެނިހެން މުހިންމު ކަންކަން ހިމެނެއެވެ.

https://sun.mv/211770

އެކި ދުވަސްމަތިން "ސަން"އާ ވާހަކަދެއްކެވި އެކި ކައުންސިލްތަކުގެ ރައީސުން ވަނީ މި ކަންބޮޑުވުންތައް ފާޅުކުރައްވައިފައެވެ.

އެގޮތުން އއ. ބޮޑުފޮޅަދޫ ކައުންސިލްގެ ރައީސް ޝުޖާއު އާދަމް މީގެ ކުރިން ވިދާޅުވީ، ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުތަކާ ގުޅޭ އުސޫލެއް 30 ދުވަހުގެތެރޭ ލޯކަލް ގަވަމަންޓް މިނިސްޓްރީއާއި އެލްޖީއޭއިން އެކުލަވާލައި ގެޒެޓުކުރަން ޖެހޭ ކަމަށް އެ ބަދަލުގައި އެބައޮތް ކަމަށާއި، 30 ދުވަސް ހަމަވިއިރު އެ އުސޫލުތައް ގެޒެޓުކޮށްފައިނުވާތީ ކައުންސިލްތައް އޮތީ ތާށިކޮށް ކަމަށެވެ.

"މިސްކިތަށް ބޭނުންވާ ސަޕޯޓް ސްޓާފުންނެއް ނުއެއް ނެގޭ، އެބަ ބޭނުންވޭ، ވަރަށް ބޮޑަށް ދަތިވެފަ ހަމަ އެކަންކަމުގަ ތިބެނީ، ވަގުތީގޮތުން ކުއްޔަށްދީފަ ހުރި ތަންތަނުގެ ބިންތައްވެސް އެބަހުރި ހަމަވެފަ، އެހެންނަމަވެސް އަޅުގަނޑުމެންނަކަށް މިވަގުތު ކުރެވޭނެ އިތުރު ކަމެއް ނެތް ހަމައެކަނި ހުއްޓާލައިގެން ތިބުން ފިޔަވައި،" ޝުޖާއު ވިދާޅުވިއެވެ.

މ. ދިއްގަރު ކައުންސިލްގެ ރައީސް އަހްމަދު ނިޝާން މުހައްމަދު ވެސް ކުރިން ވިދާޅުވީ، އެ ރަށު ކައުންސިލް އޮފީސް އިމާރާތުގެ ޖާގައިގެ ދަތިތަކާ ހެދި މުވައްޒަފުން ނުނަގައި ތިބުމަށް ފަހު، ޖާގައިގެ ދަތިކަން ހައްލުކޮށް ކައުންސިލުން މުވައްޒަފުން ނަގަން ފެށީ ވަރަށް ފަހުން ކަމަށާއި، ގާނޫނު ބަދަލުކުރީ އެ މަސައްކަތް ފެށިތަނުން ކަމަށެވެ.

ނަތީޖާއެއްގެ ގޮތުން އިތުރަށް ދެން މުވައްޒަފުން ނުނެގޭނެކަން ފާހަގަކުރައްވައި ނިޝާން ވިދާޅުވީ، އަދިވެސް ކައުންސިލަށް ބޭނުންވާ މުހިންމު މަގާމުތައް އެބަހުރި ކަމަށެވެ.

"މިސާލަކަށް ބަނދަރު ބެލެހެއްޓުން ކަހަލަ ކަންކަމުގަ، ކުނިކޮށި އަޅައި ނިމުނީ، ކުނިކޮށި އަޅައި ނިމުނުއިރު އެތަނަށް އަދި އިތުރު ސްޓާފުން ބޭނުންވޭ، ދާއިމީ ސްޓާފުންވެސް، ދެން ދާއިމީ މުވައްޒަފެއް ނުނެގޭގޮތަށް އެ އޮންނަނީ،" ނިޝާން ވިދާޅުވިއެވެ.

އެއާއެކު މިހާރު އެލްޖީއޭއިން ވަނީ އުސޫލު ގެޒެޓުކޮށްފައެވެ. މި އުސޫލުގައިވަނީ ކައުންސިލްގެ ދައުރު ހަމަވާން އަހަރެއް، ނުވަތަ އެއަށްވުރެ ކުރު މުއްދަތެއް އޮތްނަމަ، ކައުންސިލްތަކުން މުވައްޒަފުން ހޯދުމާއި، ކައުންސިލުގެ އިޚްތިޞާޞުގެ ދަށުގައި ހުރި ބިމާއި ފަޅާއި ފަރުގެ ސަރަހައްދު ކުއްޔަށް ދޫކުރުމާއި ދިނުމާއި، ކައުންސިލްތަކުން އެކަށައަޅައިފައިވާ ތަރައްޤީގެ ޕްލޭންތަކުގައި ކަނޑައެޅިފައިނުވާ މަޝްރޫޢުތައް ހިންގުމުގައި ކައުންސިލްތަކުން ޢަމަލުކުރާނެ ގޮތް ކަނޑައަޅައިފައެވެ.

comment ކޮމެންޓް