ރާއްޖޭގެ އާބާދީ މިއަދު ކޮންމެހެން ވެސް އިތުރުކުރުން މުހިންމު ކަމަށާއި، އެކަމަށް ޓަކައި ގިނަ ދަރިން ހޯދާނަމަ އިނާޔަތް ދިނުން ފަދަ ކަންކަން ކޮށް، ސަރުކާރުން އެކަށައަޅަންވީ ކޮން އުސޫލުތަކެއްތޯ ދެނެގަންނަންޖެހޭ ކަމަށް ސަރުކާރަށް ނިސްބަތްވާ މެންބަރުން ވިދާޅުވެއްޖެއެވެ.
ރިޓަޔާކުރާ އުމުރު ކަމަށްވާ 65 އަަހަރު ފުރުމުން ވަޒީފާއިން ރިޓަޔާކުރާ މީހުންނަށް އަލުން ވަޒީފާ ހަމަޖައްސައިދޭނެ ގޮތެއް ފަހިކޮށް ހުށަހަޅާފައިވާ ރީއެމްޕްލޯއިމެންޓް ބިލަށް ބަހުސްކުރައްވަމުން ބައެއް މެންބަރުން ވަނީ ރާއްޖޭގެ އާބާދީ އިތުރުކުރުމަށް ކުރެވޭނެ ކަންކަމުގެ މައްޗަށް އަލިއަޅުވައިލައްވައިފައެވެ.
އެގޮތުން ޕީއެންސީގެ ސީނިއާ ޑެޕިއުޓީ ޕީޖީ ލީޑަރު އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ މި ބިލުގެ މަގްސަދަކީ، ރާއްޖޭގެ އާބާދީ ހިފެހެއްޓިފައި އޮތުމާއެކު، 65 އަހަރު ފުރި ރިޓަޔަކުރުމާ އެކު ވެސް އިތުރަށް ޚިދުމަތް ކުރަން ބޭނުންވާ ނަމަ އެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ.
އޭނާ ވިދާޅުވީ، ދިވެހިރާއްޖޭގެ އާބާދީ މިއަދު އޮތީ، ވަރަށް ބޮޑަށް ހިފެހެއްޓިފައި ކަމަށެވެ. އަދި މިއަދު ރާއްޖެއަށް ޒުވާން އާބާދީއެއް ބޭނުންވާ ކަމަށާއި، އެ ކަން ކުރެވޭނީ ސަރުކާރުގެ ސިޔާސަތުތައް ކޮން ގޮތަކަށް ބަދަލުކޮށްގެންތޯ ވިސްނައިލަން ޖެހޭ ކަމަށް ޝުޖާއު ވިދާޅުވިއެވެ.
އެގޮތުން ދައުލަތުން ބޯހިޔާވަހިކަން ފޯރުކޮށްދީގެން ނަމަވެސް، އާބާދީ ކުރިއަރައިގެން ދާނެ ގޮތެއް ހޯދުމަށް ވިސްނުން މުހިންމު ކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.
މީގެ އިތުރުން ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުސައިން ހަމީދު ވިދާޅުވީ، ރާއްޖޭގެ އާބާދީ އިތުރުވާ ނިސްބަތް ދަށްވުމަކީ ވިސްނަންޖެހޭ ކަމެއް ކަމަށެވެ. ހަމީދު ވިދާޅުވީ ގައުމެއް، ގައުމެއްގެ ގޮތުގައި ދެމި އޮންނާނީ އެކަށީގެންވާ އާބާދީއެއް އޮވެގެން ކަމަށެވެ.
"މިހާރު އަޅުގަނޑުމެންގެ ފެޝަނަކަށް، ނުވަތަ އަޅުގަނޑުމެން ކޮންމެ ދެމަފިރިއެއްގެ ވެސް ފެޝަނަކަށް ވެފައި މި އޮތީ އެންމެ ގިނަވެގެން ދެ ކުދިން ނޫނީ އެއް ކުއްޖަކު،" އޭނާ ވިދާޅުވިއެވެ.
އެއާއެކު ހަމީދު ވިދާޅުވީ، ދެ ކުދިންނަށްވުރެ ގިނައިން ދަރިން ހޯދާނަމަ، ޚާއްސަ އިނާޔަތެއް ދީގެން ވިޔަސް އާބާދީ އިތުރުކުރަން ސަރުކާރުން ކަންތައްތަކެއް ތައާރަފްކުރަން ޖެހޭ ކަމަށެވެ. އެއީ ޖަޕާންފަދަ ބައެއް ގައުމުތަކުގައި ވެސް ކުރަމުން އަންނަ ކަމެއް ކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިއަދު ރާއްޖޭގެ އާބާދީ އޮތް މިންވަރާއެކު ތިބެވެން ނެތް ކަމަށާއި، މަސައްކަތްކުރާނެ ބަޔަކު އުފެއްދުމަށާއި، ކުރިއެރުން ހޯދަން ވެސް އާބާދީ އިތުރުކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.
ރާއްޖޭގައި ދަރީން ހޯދާ މިންވަރު ދަށީ ކީއްވެތޯއާއި އެ ކަމާ ގުޅިފައިވާ ކަންކަން ދެނެގަތުމަށް ގައުމީ ޔުނިވާސިޓީން ކުރިއަށް ގެންދިޔަ ދިރާސާއެއްގައި ދެނެގަނެވުނު ކަންކަން މި އަހަރުގެ މޭ މަހު ވަނީ ހާމަކޮށްފައެވެެ.
އެ ދިރާސާއިން ދެއްކި ގޮތުގައި ރާއްޖޭގައި ދަރިން ހޯދުން މަދުވާ އެންމެ މައިގަނޑު ދެ ސަބަބަކީ މާލީ ދަތިކަމާއި ބޯހިޔާވަހިކަމުގެ ދަތިކަމެވެ.