ހަ އަހަރުގެ ކުޑަކުއްޖެއްގެ ގައިގައި ސައިކަލުން ޖެހުމުން ވެސް، ސައިކަލު ދުއްވި މީހާ ދިޔައީ މަޑުނުކޮށް ކަމަށް ބުނެ މިހާރު ހައްޔަރުކުރުމަށްފަހު، އޭނާ ދޫކޮށްލައިފިއެވެ.
މި ހާދިސާ ހިނގީ ތިނަދޫ އާބާދީ ހިނގުމުން ހުޅަނގުން އިރަށް ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް، ދުވެފައި މަގު މައްޗަށް އެރި ކުޑަކުއްޖެއްގެ ގައިގައި ޖެހިގެން މިދިޔަ ހޮނިހިރު ދުވަހުގެ 18:16 އެހާކަންހާއިރު ކަމަށެވެ.
މި އެކްސިޑެންޓް ހިނގިގޮތުގެ ވީޑިއޯއެއް 'ފޭސްބުކް'ގައި އާންމުވެފައިވާއިރު ވީޑިއޯއިން ފެންނަނީ ކުޑަކުއްޖަކު ތިނަދޫގެ މަގެއް މައްޗަށް ދުއްވައިގަތް ވަގުތު އެ މަގުން ބާރަށް ދުއްވާފައި އައި ސައިކަލަކުން އައިސް ކުއްޖާގެ ގައިގައި ޖެހޭ މަންޒަރެވެ.
ސައިކަލުން ޖެހި ކުއްޖާ ވިއްސައިގެން ދިޔައިރު، ސައިކަލު ދުއްވަން އިން މީހާ ވެސް ވިއްސައިގެންދާ މަންޒަރު އެ ވީޑިއޯއިން ފެނެއެވެ.
މި އެކްސިޑެންޓުގައި އަނިޔާވީ ހަ އަހަރުގެ ފިރިހެން ކުއްޖަކަށެވެ.
މިއަދު "ސަން"އާ ވާހަކަދައްކަވަމުން ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވީ އެ ކުއްޖާއަށް ސީރިއަސް އަނިޔާތަކެއް ނުލިބޭ ކަމަށެވެ. އަދި އެކްސިޑެންޓު ހިނގި ދުވަހު އެ ކުއްޖާއަށް ލިބުނު އަނިޔާތަަކަށް ފަރުވާ ދީ، އޮބްޒަވޭޝަންގައި ބޭއްވުމަށްފަހު ހަމަ އެ ރޭ ދޫކޮށްލި ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
މި މައްސަލައިގައި ފުލުހުން ކުރިން ބުނި ގޮތުގައި ސައިކަލު ދުއްވީ ލައިސެންސް ނެތް 21 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެކްސިޑެންޓުވުމުން މަޑު ނުކުރާ ކަމަށް ބުނެ ފުލުހުން އޭނާ ހައްޔަރުކުރިއެވެ. އަދި، ސައިކަލު ޓޯ ވެސް ކުރިއެވެ.
މިއަދު "ސަން" އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ ސައިކަލު ދުއްވި މީހާ މިހާރު މިނިވަންކޮށްފައިވާ ކަމަށެވެ.
ނަމަވެސް މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
 
											
										 
					 
                 
                                                            