ބޮލީވުޑް އެކްޓަރު އާމިރު ޚާން ޕްރޮޑިއުސްކޮށް ގެނެސްދޭ ވަޠަނީ ފިލްމު "ލާހޯރު، 1947"ގެ ބައެއް މަންޒަރުތަކާ މެދު އެކްޓަރު ހިތްހަމަނުޖެހޭތީ އެ މަންޒަރުތައް އަލުން ނެގުމުގެ މަސައްކަތަށް ފިލްމުގެ ލީޑް އެކްޓަރު ސަނީ ޑިއޯލް ނުކުމެއްޖެއެވެ.
އިންޑިއާގެ ޕަންޖާބުގައި ނަގާފައިވާ ބައެއް މަންޒަރުތައް ބަދަލުތަކަކާ އެކު އަލުން ޝޫޓް ކުރުމަށް ނިންމާފައިވަނީ ފިލްމުގެ އެކްޓަރު ސަނީ ޑިއޯލް އެ މަންޒަރުތައް ޝޫޓްކޮށް ނިންމާލިތަނުންނެވެ.
ރާޖްކުމާރު ސަންތޯޝީ ޑައިރެކްޓްކޮށް ގެނެސްދޭ ފިލްމު "ލާހޯރު، 1947"ގެ މަންޒަރުތައް ބެލުމަށް ފަހު ފިލްމުގެ ޓީމުން އަލުން ބައެއް މަންޒަރުތައް ނަގަން ނިންމީ ފިލްމުގެ ޕްރޮޑިއުސަރު އާމިރު ޚާންގެ އެދުމުގެ މަތިން ކަމަށް ރިޕޯޓުތައް ބުނެއެވެ.
ތަޖުރިބާކާރު ފިލްމު އެކްޓަރު އާމިރު ޚާންއަކީ ފިލްމީ މަސައްކަތްތައް ވީ އެންމެ ފުރިހަމައެއްކޮށް ގެނެސްދިނުމަށް އިސްކަންދޭ އެކްޓަރަކަށް ވުމުން އާމިރުގެ ކޮންމެ ފިލްމެއް ވެސް ބެލުންތެރިންނަށް ގެނެސްދެނީ ހުރިހާ ގޮތަކުން ވެސް ބެލުމަށް ފަހެވެ.

ފިލްމު "ލާހޯރު 1947"ގެ ޕްރޮޑިއުސަރު އާމިރު ޚާން، ޑައިރެކްޓަރު ރާޖްކުމާރު ސަންތޯޝީ އަދި ލީޑް ތަރި ސަނީ ޑިއޯލް--ފޮޓޯ/ހިންދުންސްތާންޓައިމްސް
ފިލްމުގެ ޑައިރެކްޓަރު ރާޖްކުމާރު ސަންތޯޝީއާއި ސަނީއާ އެކު ސީންތަކަށް ގެންނަ ބަދަލުތަކާ ގުޅޭ މަޝްވަރާތައް ނިމިފައިވާއިރު މި މަންޒަރުތައް ނަގަން ހަމަޖެހިފައި ވަނީ އިންޑިއާގެ ޕަންޖާބުގެ އަސްލު ލޮކޭޝަންތަކުގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
ފިލްމީ ޚަބަރުތައް ބުނާގޮތުން ފިލްމުގެ މި ޝޫޓިންގް ޝެޑިއުލް ކުރިއަށްދާނީ މި ހަފްތާގެ ހުކުރު ދުވަހުން ފެށިގެން އަންނަ އާދީއްތަ ދުވަހާ ހަމައަށެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ފިލްމު "ލާހޯރު، 1947" އިއުލާނު ކުރުމާ އެކު މި އަހަރުތެރޭ ފިލްމު ސިނަމާތަކަށް ގެންނާނެ ކަމަށް ބެލެވުނު ނަމަވެސް މިހާރު ގެނެވޭ ބަދަލުތަކާ އެކު މި އަހަރު ފިލްމުން ރިލީޒްކުރެވޭނެ ކަމުގެ އުންމީދު ކުޑަ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ފިލްމު ވީހާވެސް ފުރިހަމަކަމާ އެކު ބެލުންތެރިންނަށް ގެނެސްދިނުމުގެ މަސައްކަތް ކުރިއަށްދާއިރު އެންމެ އަވަހަށް ވެސް ފިލްމު ސިނަމާތަކަށް ގެނެވޭނީ އަންނަ އަހަރު ކަމަށް އިންޑިއާ ޓުޑޭގައިވާ ރިޕޯޓެއްގައި ވަނީ ބުނެފައެވެ.
ސަނީއާ އެކު މި ފިލްމުގެ މުހިއްމު ރޯލްތަކުން ފެންނާނެ ތަރިންގެތެރޭ ބަތަލާ ޕްރިތީ ޒިންތާ އަދި ކުރީގެ ފިލްމީ ތަރި ޝަބާނާ އަޒްމީ ހިމެނެއެވެ.